އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/03/2020

ވައިރަސްގެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް، ނަމަވެސް ސްކޫލްތައް ބަންދުކުރުން މުހިންމު– ސިއްހީ މާހިރުން

ކުޑަކުދިންނަށް މިވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވުމަކީ މި ވައިރަސް އިތުރަށް ދެނެގަތުމަށް ލިބުނު އިތުރު ޕޮއިންޓެއް ގޮތުގައި ވައިރޮލޮޖިސްޓުން ވަނީ ފާހަގަކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ވެސް އެންމެ އަޖައިބު ކުރުވަނިވި އެއް ކަމަކީ މި ވައިރަސް ކުޑަކުދިންނަށް ޖެހޭ އިންސައްތަ މަދުވުމެވެ. އާންމުގޮތެއްގައި ނެވާލާ ނިޒާމަށްޖެހޭ މިފަދަ ބަލިތައް ފަސޭހައިން ކުޑަކުދިންނަށް ޖެހުނު ނަމަވެސް ކޮވިޑް-19 އެއާ ހިލާފެވެ. 

އަދި މިގޮތަށް މިކަންތައް ދިމާވުމަކީ މި ވައިރަސް އިތުރަށް ދެނެގަތުމަށް ލިބުނު އިތުރު ޕޮއިންޓެއް ގޮތުގައި ވައިރޮލޮޖިސްޓުން ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާގެ ހާލަތު

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މިވައިރަސް ޖެހުނު އިންސައްތައިގެ ތެރެއިން ކުޑަކުދިންގެ ހިއްސާވަނީ އެންމެ 2.4 އިންސައްތާގައެވެ. އަދި މި ވައިރަސްގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވަނީ އެންމެ 0.2 އިންސައްތަ ކުދިންގެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް މިވައިރަހުގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ޗައިނާއިން ވައިރަސްޖެހިގެން އެއްވެސް ކުޑަކުއްޖަކު މަރުވިކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

މިހެންމިކަން އޮތްނަމަވެސް އުމުރުންދުވަސްވީ މީހުންނަށް ކޮވިޑް-19 ވެފައިވަނީ އެހާމެ ނުރައްކާތެރި ބައްޔަކަށެވެ. އެގޮތުން ޗައިނާއިން އެކަނިވެސް އުމުރުން 80 އަހަރުން މަތީގެ ބަލިޖެހުނު 21.9 އިންސައްތަ މީހުން މަރުވެފައިވާކަމަށް ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 10 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހާލަތު އިތުރަށް ގޯސްވެ މަރުވެފައިވަނީ 0.2 އިންސައްތަ މީހުންނެވެ. 

"ކުޑަކުދިންނަށް ކޮވިޑް-19 ޖެހޭ އަދަދު މަދުވުމަކީ އެހެން އުމުރުފުރާތަކަށް މިވައިރަސްޖެހޭ ސަބަބު ދެނެގަތުމަށް ލިބޭ ކުރިއެރުމެއް"

މިކަމާ ގުޅިގެން ހެދުނު ދިރާސާތައް އަދި މާހިރުންގެ ހިޔާލުތައް

ކުޑަކުދިންނަށް މިވައިރަސް ޖެހެ މިންވަރު ދަށްއިރު، ދާދިފަހުން ހެދި ދިރާސާއަކުން ދެއްކިގޮތުގައި މި ވައިރަހުގެ ސަބަބުން ފުރާނައަށް ނުރައްކާވާފަދަ އަލާމާތެއް ބައްޔަށް ޕޮޒިޓިވްވި ކުޑަކުދިންގެ ހަށިގަނޑުން ފެނިފައެއްވެސް ނުވެއެވެ. 

އޭގެންވެސް އެނގޭކަމަކީ އާއްމުގޮތެއްގައި ފެތުރޭ އިންފްލުއެންޒާފަދަ މޫސުމީ ރޮގޯތަކާއި ކޮވިޑް-19 ވަރަށް ބޮޑަށް ތަފާތުކަމެވެ. ސަބަބަކީ އިންފުލުއެންޒާގެ ނުރައްކާ ބޮޑަށް އޮންނަނީ އުމުރުން ހަނގުކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވުމުންނެވެ.

"އާންމުގޮތެއްގައި މިފަދަ ވައިރަސްތައް މި ސިފަވަނީ އިނގިރޭސި "U" އަކުރެއް ގޮތަށް. އެއްކޮޅުން ދިފާއީ ނިޒާމު ރަނގަޅަށް އުފެދިފައިނުވާ ކުޑަކުދިންނަށް ނުރައްކާ އޮންނައިރު އަނެއްކޮޅުން ދިފާއީ ނިޒާމު ބަލިކަށި އުމުރުންދުވަސްވީ މީހުންނަށްވެސް ބަލީގެ ނުރައްކާ އޮވޭ"

"އެހެންނަމަވެސް ކޮވިޑް-19ގައި މި "U" އަކުރުގެ އެއްކޮޅު އެބަމަދުވޭ" ކޮވިޑް-19 އާއި އެހެނިހެން ނޭވާލާ ނިޒާމަށްޖެހޭ ބަލިތަކުގައި ހުރި ތަފާތު އެމެރިކާގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ވިނީތް މެނަޝެރީ ސިފަކޮށްދީފައިވަނީ މިފަދައިންނެވެ.

ކުޑަކުދިންނަށް ކޮވިޑް-19 ޖެހޭ އަދަދު މަދުވުމަކީ އެހެން އުމުރުފުރާތަކަށް މިވައިރަސްޖެހޭ ސަބަބު ދެނެގަތުމަށް ލިބޭ ކުރިއެރުމެއްގެ ގޮތުގައި ކުދަކުދިންގެ ހާއްސަ ޑޮކްޓަރ ފްރޭންކް އެސްޕާ ވަނީ ފާހަގަކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ޑރ. އެސްޕާ އާއި އިތުރު ޑޮކްޓަރުންތަކެއް ވަނީ ސުވާލުތަކެއް އުފައްދާފައެވެ. އެގޮތުން މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ކުރިން ވައިރަހަށް އެކްސްޕޯސް ވެފައިވާ މީހުން ކަމަށްވެދާނެތޯ؟ ނުވަތަ އުމުރަށް އަންނަބަދަލާއެކު ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކަކީ ވައިރަސް ޖެހުމަށް މެދުވެރިވާ ކަމެއްތޯ؟ ނުވަތަ ޕޮލިއުޝަންގެ ސަބަބުން ފުއްޕާމެއަށް ގެއްލުން ލިބޭމީހުންނަށް ފަސޭހައިން ވައިރަސްޖެހި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮންނަނީތޯ؟ މިއީ ޑޮކްޓަރުން އުފައްދާފައިވަ ބައެއް ސުވަލުތަކެވެ.

"ފަހަރެއްގައި މިއީ ވައިރަސް އާއި ގުޅުމެއްނެތި ހަށިގަނޑުގެ ތެރެއަށް ވައިރަސް ވަނުމަށް އެހީތެރިވެދޭ އެހެންކަމަކަށްވުން އެކަށީގެންވޭ. މިސާލަކަށް އެ މީހަކީ ފުއްޕާމޭގެ މައްސަލައެއް ހުރުން، ހަކުރުބަލި ނުވަތަ ހައިޕަރޓެންޝަން ކަމަށްވެސް ވެދާނެ. އަނެއްހެން ބުނާނަމަ 7 އަހަރުގެ ނުވަތަ އަލަށް އުފަންވާ ކުއްޖެއްގެ ހައިޕަރޓެންޝަން ހުންނާނީ ވަރަށްވެސް މަދު ހާލަތްތަކެއްގައި"

އަދި މިކަމަށް އެހީތެރިވެދޭ ވަސީލަތެއް އެނގުމަކީ ވަރަށް ގިނަ ގޮތްގޮތުން ފައިދާވާނޭ ކަމެއް." ވައިރަލް ރެސިޕިރޭޓަރީއިންވެސް ތައުލީމު ހާސިލްކޮށްފައިވާ ޑރ އެސްޕާ ބުނެފައި ވެއެވެ. 

ކޮރޯނާވައިރަސް އާއިލާއަށް ނިސްބަތްވާ ސާސް އަދި މެރސް ވައިރަސްގައި ވީ ކިހިނެއް؟

މީގެކުރިން ފެތުރިފައިވާ މިފަދަ އައުޓްބްރޭކްތަކުގައި ވެސް ގޮތްނޭނގޭގޮތަކަށް ކުޑަކުދިންވަނީ މި ނުރައްކާ ވައިރަސްތަކުން ސަލާމަތްވެފަ އެވެ. އެގޮތުން 2002 ވަނަ އަހަރު 774 މީހުން މަރުވި ސާސް ވައިރަސް އައުޓްބްރޭކްގައި އެއްވެސް ކުޑަކުއްޖަކު މަރުވެފައެއް ނުވެއެވެ. އަދި 2012 ވަނަ އަހަރު 858 މީހުން މަރުވި ނުރައްކަތެރި މެރސް އައުޓްބްރޭކްގައި ވައިރަހުގެ އަލާމާތްތައް ފެނިފައިވަނީވެސް ވަރަށް މަދު ކުއްޖެއްގެ ގައިންނެވެ.

މިކަން ދެނެގަތުމަށްޓަކައި ޓެކްސަސްގައި ހުންނަ ސާސް ބަލީގެ ލެބޯޓަރީއެއްގައިވަނީ ދިރާސާތަކެއް ހަދާފައެވެ. މީދާތަކެއް ބޭނުންކޮށްގެން ހެދި މި ދިރާސާގައި ބޭނުންކޮށްފައިވަނީ އުމުރުން ހަގު މީދަލަކާއި އުމުރުން ދުވަސްވީ މީދަލެކެވެ. އަދި ދެ މީދަލަށްވެސް ވަނީ ކޮރޯނާވައިރަސްގެ އާއިލާއަށް ނިސްބަތްވާ ސާސް ވައިރަސް ޖައްސުވާފަ އެވެ. 

ނަތީޖާއަކަށްވީ ހަގު މީދަލަށް އައިސްފައިވާ ބަދަލަކީ ވައިރަހުގެ ސަބަބުން ތެޅިފޮޅެމުން ދިއުމެވެ. އެއާހިލާފަށް އުމުރުންދުވަސްވީ މީދާގެ ފުއްޕާމެއާއި ހަށިގަނޑަށްވަނީ ވައިރަހުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ. 

މިދިރާސާއިން އެނގުނުގޮތުގައި އުމުރުންދުވަސްވީ މީދަލުގެ މަރާއި ގުޅިފައިވަނީ ހަމައެކަނި ދިފާއީ ނިޒާމު ނޫންކަމަށާއި، އޭގެކުރިންވެސް ހަށިގަނޑުގައި ހުރި އެހެނިހެން ކަންކަމުގެ ސަބަބުން ކަމެވެ. އަލަށް އުފެދުނު ކޮރޯނާވައިރަސްވެސް މަސައްކަތްކުރަނީ މިހެންކަމަށް މި ދިރާސާކުރި ފަރާތްތަކުންވަނީ ލަފާކޮށްފައެވެ.

އެއާއެކު ދެން އުފެދުނު އަނެއް ސުވާލަކީ ހަގު މީދާ ސަލާމަތްވީ ކިހިނެތްތޯއެވެ؟ މިކަމާއި މެދު ސައިންސްވެރިން ބުނެފައިވަނީ އާއްމުގޮތެއްގައި ޖެހޭ ރޯގާތަކުގެ ސަބަބުން ކުޑަކުދިންގެ ދިފާއީ ނިޒާމު ވަރުގަދަވުމެވެ. އަދި ކުޑަކުދިންގެ ދިފައީ ނިޒާމުގައި އުފެދިފައި ހުންނަ ޕްރޮޓީންއެއްގެ ސަބަބުން ވައިރަސްޖެހުމުގެ ފުރުސަތު ހަނިވުމެވެ.

"ވައިރަސް ފެތުރުން ހުއްޓުވުމަށް ސްކޫލްތައް ބަންދުކުރުމަކީ ރަނގަޅުކަމެއް"

މިދިރާސާ އާއި ސްކޫލްތައް ބަންދުކުރުމާއި ގުޅުމެއްވޭތަ؟

މިހާތަނަށް ކޮވިޑް-19 މަދު ކުޑަކުއްޖެއްގެ ގައިން ފެނިފައިވުމުން، ކުޑަކުދިންނަށް ވައިރަހުގެ އަސަރުކުރުން ކުޑަކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެހެންނަމަވެސް ބައެއް އެޕިޑެމިއޮލޮޖިސްޓުން ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ގައިން ފެންނަ މިވައިރަހުގެ އަލާމާތްތައް މަދުވުމުން، ނޭނގިނަމަވެސް ބޮޑެތި މީހުންނެކޭ އެއް އަދަދަކަށް ކުޑަކުދިންނަށް މިވައިރަސް ޖެހިފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

އަދި މިކަމާއި ގުޅިގެން އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ކައިޓްލިން ރިވާ ބުނެފައިވާ ގޮތުން ވައިރަސް ފެތުރުން ހުއްޓުވުމަށް ސްކޫލްތައް ބަންދުކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. ސަބަބަކީ މިފަދަ ވައިރަސް ކުޑަކުދިންގެ ޒަރިއްޔާއިން އެރުމަށް ފަސޭހަވުމެވެ. އަދި އެކުދިންގެ ފަރާތުން ބެލެނިވެރިންނަށާއި އާއިލާގެ މީހުންގެ އިތުރުން ގާތުގައި އުޅޭ އެހެން މީހުންނަށް އެރުމުގެ ފުރުސަތު އޮތުމެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑަށް އޮތީ އުމުރުންދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނަށެވެ. އެހެންކަމުން ސްކޫލުތައް ބަންދުކޮށްގެން ރައްކާތެރިކުރެވޭނީ ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. އޭގެ ސަބަބުން ބޮޑެތި މީހުންނަށްވެސް މިވައިރަސް ފެތުރުމުގު ފުރުސަތު ހަނިވާކަމަށް ގިނަ ސިއްހީ މާހިރުން އެއްބަސް ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ