އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/03/2020

ރާއްޖޭގައި ދެ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ، މުޅި ރާއްޖެ ޔެލޯ އެލާޓަށް!

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ރާއްޖޭން މިހާތަނަށް ޓެސްޓްކުރި މީހުންގެ ތެރެއިން ޅ. ކުރެއްދޫ ރިސޯޓުން ޓެސްޓްކުރި އެތަނުގެ ދެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ސަރުކާރުން ދެންމެ އިއުލާނުކޮށްފި އެވެ.

ކުރެއްދޫން ބައްޔަށް ޝައްކުވާ ބަޔަކު ޓެސްޓްކުރާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ މީހަކު އެނބުރި ދިއުމަށް ފަހު، އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެންގި ހިސާބުންނެވެ. ކުރެއްދޫން އެ ރިސޯޓުގެ ޑޮކްޓަރާއި އިތުރު މީހަކު އިއްޔެ ކަރަންޓީނުކޮށް މިހާރު ވަނީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްފައިެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އެ ރަށަށް އަރާ ފޭބުން އޮތީ ހުއްޓުވާފަ އެވެ. މުޅި ރާއްޖެއަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

ކުރެއްދޫ ރިސޯޓަށް އޮރެންޖެ އެލާޓް ނެރެފައިވަނީ  ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުނީމަ އެވެ. އެއީ ތިންވަނަ ލެވެލް އެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައި ނުވިޔަސް އޭގެ ފުރުސަތު ބޮޑުވުމުންނެވެ.

މިރޭ ދަރުބާރުގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ، މި ހާލަތުގައި ރައްޔިތުން ޕެނިކް ނުވެ، ކެތްތެރިކަމާ އެކު މިކަމާ ކުރިމަތިލައި، އެންމެންނަށް ވެސް ލުއިފަސޭހަވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިހާރު ކަނޑައަޅާފައިވާ ގޮތުން، ބަލި ފެންނަ ކޮންމެ ރަށެއް ކަރަންޓީނުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިޕްރެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި ޑޮކްޓަރުން ވިދާޅުވީ މިހާރު ރާއްޖޭން ބަލި ފެނިފައި ވާތީ، ރާއްޖޭގެ އެހެން ރަށަކުން ވެސް ބަލި ފެނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންވެ ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ޑޮކްޓަރަށް ދައްކަންޖެހޭނެ ކަމަށެވެ.

އަދި ގިނައިން އަތް ދޮވުމާއި ކެއްސައި ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ނިވާކުރުމަށާއި ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ހާމަކޮށް ތަންތަނަށް އުކާނުލުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެެއްދޫ ރިސޯޓްގައި ތިބި މުވައްޒަފުންގެ އާއިލާތައް ވެސް ބިރު ގަންނަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. ކުރެއްދޫގައި މިހާރު ތިބި މީހުންނާމެދު އަމަލު ކުރާ ގޮތްތައް ވެސް އާންމު ކުރަމުންދާނެ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ