އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/03/2020

ކޮވިޑް-19: ޗުއްޓީއަށް ދަތުރެއް ރާވަނީތަ؟

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބިރާއެކު ދުނިޔޭގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ އިންޑިސްޓްރީ ވެސް އޮތީ ކުއްލި ލޮޅުމެއްގެ ތެރޭގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބިރާއެކު ދުނިޔޭގެ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ އިންޑިސްޓްރީ ވެސް އޮތީ ކުއްލި ލޮޅުމެއްގެ ތެރޭގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޗައިނާއިން އުފަންވެ ފެތުރެމުންދާ ކޮވިޑް-19ގެ އަސަރު މިހާރުވަނީ ދުނިޔޭގެ 79 ޤައުމަކަށް ކޮށްފަ އެވެ. އަދި މިހާތަނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 95،000 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، 3000 އަށްވުރެ ގިނަމީހުން ވަނީ ވައިރަހުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފަ އެވެ. 

ހަމައެއާއެކު ގިނަ ސިއްހީ މާހިރުން ކެނޑިނޭޅި ދެމުންދާ އިރުޝާދުތަކަކީ މިދުވަސްވަރު ތަންތަނަށް ދަތުރުފަތުރުކޮށް ގޭގައި ތިބުމެވެ. މިކަމުގައި ހިކުމަތްތަކެއްވެސް ވެއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ އެވައިރަހަށް ދޭނެ އެއްވެސް ވެކްސިނެއް އަދި މިފަދަ ވައިރަސްއެއް އުފެދިދާނޭ ކަމުގެ އެއްވެސް ނިޝާނެއް ނެތީސް ޗައިނާގެ ވޫހާންގެ ސިޓީގެ ސީފުޑް މާރުކޭޓަކުން ނެވެ.

ވައިރަސް ފެނުމާއެކު ފެތުރެންފެށި ސްޕީޑް އަވަސްކަމުން އެ ޤައުމުގެ ސަރުކާރުންވަނީ މުޅި ވޫހާން އަވަށް އެއްކޮށް ކަރަންޓީނުކޮށް ދަތުރުފަތުރުކުރުން މަނާކޮށްފަ އެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންގުމަށް ޗައިނާގެ ސަރުކާރުން އެޅި މި ފިޔަވަޅާއި މީހުން ހިލާފުވުމުގެ ނަތީޖާއަކަށްވީ ކޮވިޑް-19 މުޅި ޗައިނާ އެއްކޮށް ހިސާރުކޮށް އެތައް ފުރާނައެއް ގެއްލުމެވެ. އަދި ޗައިނާއިން ބޭރުން މިވައިރަސް ފެނުމުގެ އަސްލަކަށްވެސް ވެފައިވަނީ ދަތުރުފަތުރުކުރުމެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބިޔަ ކުންފުނިތަކުން ވަނީ ބޮޑެތި ކޮންފަރެންސްތަކާއި ބައިނަލްއަޤްވާމީ އެކިއެކި ކުޅިވަރު މުބާރާތްތަށް ފަސްކޮށް އަދި ކެންސަލްވެސް ކޮށްފައެވެ.

ދަތުރު ފަސްކުރަންވީތަ ނޫނީ ކެންސަލްތަ ކުރަންވީ؟

ކޮވިޑް-19 ފެތުރެމުންދާ ސްޕީޑަށް އަޅަބަލާފައި ވައިރަސް ފެތުރުން ދިގުދެމިގެންދާނޭ މުއްދަތެއް ކަނޑައެޅިގެން ބުނުމަކީ އުނދަގޫކަމެކެވެ. އަދި ގިނަ ލަފާކުރުންތައް ބިނާވެގެންވަނީ ސިއްހީ މާހިރުން ދޭ އިރުޝާދުތަކުގެ މައްޗަށެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދުދޭގޮތުގައި ކޮވިޑް-19 ފެނިފައިވާ ސަރަހައްދުތަކަށް/ޤައުމުތަކަށް އުމުރުންދުވަސްވީ މީހުން ކުރަން ހަމަޖެހިފައިވާ ދަތުރުތައް މަޑުޖައްސާލުން ނުވަތަ އެ ސަރަހައްދުތަކަށް/ޤައުމުތަކަށް ދަތުރުފަތުރުނުކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ސަބަބަކީ ކޮވިޑް-19 ގެ ބިރު އެންމެ ބޮޑު މީހުންނަކީ އުމުރުން ދުވަސްވީ މީހުންނާއި ހިތުގެ ބަލި ތަހައްމަލްކުރަމުން ދާ މީހުންނެވެ.

އެހެންކަމުން މިދުވަސްވަރު ދަތުރުފަތުރު ކުރާނަމަ ކޮވިޑް-19 ފެނިފައިވާ ޤައުމުތައް ދުރާލާ ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ތެރެއިން އޭޝިޔާ ސަރަހައްދުން މި ދުވަސްވަރު ދަތުރުފަތުރުނުކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދިފައިވަނީ ޗައިނާ، ސައުތުކޮރެއާ، ޖަޕާން، ސިންގަޕޫރު، މެލޭޝިޔާ، ވިއެޓްނާމް، ތައިލޭންޑް އަދި އިންޑޮނޭޝިޔާ އެވެ.

އަދި ކޮވިޑް-19 ފެނިގެން މިދުވަސްވަރު ދަތުރުފަތުރު ނުކުރަންވީ ޔޫރަޕްގެ ޤައުމުތަކަކީ އިޓަލީ، ފްރާންސް، ޖަރުމަނުވިލާތް، ސްޕެއިން، އިންގްލޭންޑް، ސްވިޒަލޭންޑް، ނޯވޭ، ނެދަރލޭންޑް، ސްވެޑަން، ކްރޮއޭޝިއާ،ޑެންމާރކް، ފިންލޭންޑް، ގްރީސް، އަދި ރޯމޭނިއާ އެވެ. އަދި އަރަބި ޤައުމުތަކުގެ ތެރޭގައި ހިމެނެނި އީރާން، ޔޫއޭއީ އަދި ލުބުނާން އެވެ. 

މީގެއިތުރުން އެފްރިކާ ބައްރުން އަލްޖީރިއާ އަދި އޯޝޭނިއާ ސަރަހައްދުން އޮސްޓްރޭލިޔާ ވެސް ވަނީ މި ލިސްޓުގައި ހިމަނާފަ އެވެ.

ދަތުރުފަތުރުކުރާއިރު އަމިއްލަ ރައްކާތެރިވާނީ ކިހިނެތް؟

މިދުވަސްވަރު ކޮންމެހެން ކުރަންޖެހިގެން ނޫނީ ދަތުރެއް ނުކުރުމަށް ގިނަ ޤައުމުތަކުންވެސް ދަނީ އިރުޝާދުދެމުންނެވެ. އެގޮތުން މިފަދަ ދަތުރެއް ކުރަންޖެހިއްޖެނަމަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއން ދީފައިވަ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންކަމަކީ:

  •  ގިނަގިނައިން އަތްދޮވުން
  •  ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
  •  ރޯގާގެ އަސަރުތިބި މީހުންނާއި ގާތްވެ ނޫޅުން

ދަތުރުފަތުރުކުރަމުންދަނިކޮށް ހުން އައުން، ކެއްސުން ނުވަތަ ނޭވާލާން ދަތިވުން ފަދަ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހަށިގަނޑުން ފެންނަން ފަށައިފިނަމަ އެންމެ ރަނގަޅުގޮތަކީ ކަމާބެހޭ ފަރާތްތަކަށް ފޯނުން ގުޅައި ކުރަމުންދާ ދަތުރުގެ މައުލޫމާތު ހިއްސާކުރުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެއެވެ.

ދަތުރަށް ފެއްޓުމުގެ ކުރިން އަތްމަތީ ދަބަހުގައި ހޭންޑް ސެނެޓައިޒާ ފުޅިއެއް ގެންގުޅުމަށާއި އަދި ވާނަމަ މީހުންނާއި ދެ މީޓަރުގެ ދުރުމިނެއް ބެހެއްޓުމަށް ސިއްހީމާހިރުން ލަފާދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ