އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 05/03/2020

ކޮރޯނާވައިރަސް އާ ގުޅޭގޮތުން މީހުންކޮށްފައިވާ އެންމެ އާއްމު ސުވާލުތަކާއި އޭގެ ޖަވާބުތައް

ކަންބޮޑުވުންތަކާއިއެކު މީހުންދަނީ ކޮރޯނާވައިރަސްއާ ގުޅޭގޮތުން ގޫގުލްގައި އެކި ސުވާލުތައް ކުރަމުންނެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 05/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނިފައިވާ ކޮރޯނާވައިރަސްގެ ޝިކާރައަކަށްވެ 3،200 މީހުން މަރުވެފައިވާއިރު މި ބަލި މިހާރު ޖެހިފައިވަނި 93،000 މީހުންނަށެވެ. މި ބަލި ބޮޑަށް ޗައިނާގައި ފެތުރެމުންދާ ނަމަވެސް، އިތުރު ގައުމުތަކަށް މި ބަލި ފެތުރެމުން ދާތީ މީހުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މި ބަލި ފެތުރެމުންދާ ގައުމުތަކަށް ދަތުރު ކުރުމާއި އެ ގައުމުތަކުން މީހުން އެތެރެވުން ވަނީ ބައެއް ސަރުކާރުތަކުން މަނާ ކޮށްފައެވެ. 

ކަންބޮޑުވުންތަކާއިއެކު މީހުންދަނީ ކޮރޯނާވައިރަސްއާ ގުޅޭގޮތުން ގޫގުލްގައި އެކި ސުވާލުތައް ކުރަމުންނެވެ.

އެގޮތުން މި ލިޔުމުގައި މިވަނީ އެންމެ ގިނައިން އަހާފައިވާ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކާއި އޭގެ ޖަވާބެވެ. 

1. ކޮރޯނާވައިރަސް އަކީ ކޯއްޗެއް؟

ކޮރޯނާވައިރަސް އަކީ އިންސާނުންނާއި ޖަނަވާރުންނަށްވެސް ޖެހޭ ވައިރަސް އެކެވެ. އިންސާނުންނަށް މި ބަލި ޖެހުމުން އާދައިގެ ރޯގާއިން ފެށިގެން މިޑިލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޮމް (މެރސް) އަދި ސިވިއަރ އެކިއުޓް ރެސްޕިރޭޓަރ ސިންޑްރޮމް (ސާސް) ފަދަ އިތުރު ނޭވާލާ ނިޒާމުގެ ބަލިތައް ޖެހެއެވެ. 

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އައު ވައިރަސް ނޭވާލާ ނިޒާމަށްވެސް ހަމަލާދެއެވެ. މި ބައްޔަށް ކިޔަނީ ކޮވިޑް-19 އެވެ. 

2. ކޮވިޑް-19 ގެ އަލާމާތްތަކަކީ ކޮބާ؟

ކޮވިޑް-19 ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކަކީ، ހުންއައުން، ވަރުބަލިވުން އަދި ކެއްސުމެވެ. މިފަދަ އަލާމާތްތައް ފެނުމަށްފަހު އިތުރުއަލާމާތްތައް ފެންނަން ފަށާނީ މަޑުމަޑުން ކަމަށާއި، 80% އަށް ވުރެ ގިނަ ކޭސްތަކުގައި މި ބަލި އެހާ ގޯސްނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ.

ނަމަވެސް 14% މީހުންނަށް ނިއުމޯނިއާ އަދި ނޭވާލުމަށް އުނދަގޫވެއެވެ. އަދި 5% މީހުންގެ ނޭވާލާ ނިޒާމް ފެއިލްވެ، ސެޕްޓިކް ޝޮކް ޖެހި ގިނަ އޯގަންތައް ފެއިލްވެއެވެ.

3. މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އައު ވައްތަރު ނުރައްކާތެރިތަ؟

މި ބަލި ޖެހިގެން 2% ކޭސްތަކުގައި މީހުން މަރުވާކަމަށް މިދިޔަ ފެބްރުއަރީ މަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވެއެވެ. އަދި މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ އުމުރުން ދުވަސް ވެފައިވާ މީހުންނާއި ލޭމައްޗަށް ދިއުން، ހިތުގެ ބަލިތައް އަދި ހަކުރު ބަލި ފަދަ ބަލިތައް ހުންނަ ޕޭޝަންޓުންކަމުގައިވެސް ބުނެފައިވެއެވެ.

4. ކޮރޯނާވައިރަސްއަކީ ގައިންގަޔަށް އަރާ ބައްޔެއްތަ؟ 

ކޮރޯނާވައިރަސްއަކީ ގައިންގަޔަށް އަރާ ބައްޔެކެވެ. 

5. މި ވައިރަސް ފެތުރެނީ  ކިހިނެއް؟

މި ބަލި ގިނައިން ފެތުރެނީ ބަލިވެފައިވާ މީހަކު ކެއްސުމުން ނުވަތަ ނޭވާލުމުން އެކަކު ގައިން އަނެކަކު ގަޔަށްދާ ތިކިތަކެއްގެ ގޮތުގައާއި، ހަޑިވެފައިވާ ތަނެއްގައި އަތްލެވުމުގެ ސަބަބުންނެވެ.

6. ކޮރޯނާވައިރަސް ތަންތަނުގައި ދިރިހުންނަނީ ކިހާ ދުވަހެއް ވަންދެން؟

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އަކީ ކިހާދުވަހެއް ވަންދެން ހަށިގަނޑުންބޭރުގައި ދިރިހުންނަ ވައިރަސްއެއްކަން މުޅިން ޔަގީން ނުވި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވަނީ މި ވައިރަސްވެސް މަސައްކަތްކުރަނީ އެހެން ކޮރޯނާވައިރަސްތައްވެސް މަސައްކަތް ކުރާގޮތަށް ކަމަށެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ ކޮރޯނާވައިރަސް އަދި ކޮވިޑް-19 ޖެހޭ ވައިރަސްވެސް ހަށިގަނޑުން ބޭރުގައި އެކި ތަންތަނުގައި ގަޑިއިރުތަކެއް ނުވަތަ ދުވަސްތަކެއް ވަންދެންވެސް ހުރެދާނެ ކަމަށެވެ.

މިހާތަނަށް ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިވައިރަސް ހަށިގަނޑުން ބޭރުގައި 9 ދުވަސް ވަންދެން ހުރެއެވެ.

7. ބުޅާ ނުވަތަ ކުއްތާގެ ޒަރިއްޔާއިން މިވައިރަސް އިންސާނުންނަށް ފެތުރިދާނެތަ؟

މި ވައިރަސް އަކީ ބުޅާ ނުވަތަ ކުއްތާއިން އިންސާނުންނަށް ޖެހޭ ވައިރަސްއެއް ނޫނެވެ.

8.  މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ފަރުވާދެނީ ކިހިނެއް؟

ކޮވިޑް-19 ހުއްޓުވުމަށް ނުވަތަ މި ވައިރަސްއަށް ފަރުވާދިނުމަށް އެއްވެސް ވެކްސިންއެއް ނުވަތަ އެއްވެސް އެންޓިވައިރަލް ބޭހެއްނެތެވެ. މި ވައިރަސް ޖެހިއްޖެނަމަ އަލާމާތްތައް މަދުވަންދެން ހާއްސަކުރެވިފައިވާ ތަނެއްގައި ފަރުވާ ހޯދުމަށްވަނީ އިލްތިމާސްކޮއްފައެވެ. ގިނަ ޕޭޝަންޓުން ވަނީ މިގޮތަށް ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

9. ކޮރޯނާވައިރަސް ޖެހެނީ ވާލުގެ ޒަރިއްޔާއިންތަ؟

ކޮވިޑް-19 ފެތުރެން ދިމާވީ ކޮން ޖަނަވާރެއްގެ ޒަރިއްޔާއިން ކަމެއް އަދި ހޯދިފައެއްނުވެއެވެ. ނަމަވެސް ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އައު ވައިރަސް މީހުންނަށް ޖެހެމުންދަނީ ޕެންގޮލިން ނަމަކަށް ކިޔާ ޖަނަވާރެއްގެ ސަބަބުންނެވެ.

10. މެރސް ކޮރޯނާވައިރަސް އަކީ ކޯއްޗެއް؟

މެރސް އަކީ ކޮރޯނާވައިރަސްގެ ވައްތަރެކެވެ. ކޮވިޑް-19 އާ އެއްގޮތަށް ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހުންއައުން، ކެއްސުން އަދި ނޭވާލާން އުނދަގުވުން ފަދަ އަލާމާތްތައް ފެނެއެވެ.

މިބަލި ފެނިފައިވަނީ 2012 ވަނަ އަހަރު ސައުދީ އިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ