އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 02/03/2020

މާސްކު އެޅުމުން ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު އިތުރުވެދާނެ

އެމެރިކާގެ އިންފެކްޝަން ޕްރިވެންޝަން ސްޕެޝަލިސްޓްއެއް ކަމަށްވާ ޑރ. އެލީ ޕެރެންސެވިޗް ބުނެފައިވަނީ މާސްކް ބޭނުންނުވާނެ ކަމަށާއި، މާސްކް އަޅަން ނުވާނެ ކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 02/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ބިރުވެރިކަން ފެތުރެން ފެށުމާއެކު ފެނިގެން ދިޔައީ ފާމަސީތަކުންނާއި ފިހާރަތަކުން މާސްކް ހުސްވެ ގިނަބަޔަކު އެއެއްޗެހި ބޭނުން ކުރަން ފެށިތަނެވެ. ނަމަވެސް މިވައިރަސް އިން ސަލާމަތްވުމަށްޓަކައި މާސްކް ބޭނުން ކުރުން ބުއްދިވެރި ހެއްޔެވެ؟

އެމެރިކާގެ އިންފެކްޝަން ޕްރިވެންޝަން ސްޕެޝަލިސްޓްއެއް ކަމަށްވާ ޑރ. އެލީ ޕެރެންސެވިޗް ބުނެފައިވަނީ މާސްކް ބޭނުންނުވާނެ ކަމަށާއި، މާސްކް އަޅަން ނުވާނެ ކަމަށެވެ. 

ޑރ. ޕެރެންސެވިޗް ބުނެފައިވަނީ ސިއްހަތު ރަނގަޅު މީހަކު މާސްކް ބޭނުން ނުވާނެ ކަމަށާއި، މާސްކް އެޅުމުން ސިއްހަތު ރަނގަޅު މީހަކު ސަލާމަތުން ހުންނާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި މާސްކް ނުބައިކޮށް އެޅުމުން ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަން ވެސް ޑރ. ޕެރެންސެވިޗް ވަނީ ފާހަގަ ކޮށްފައެވެ. 

މާސްކް އަޅަންޖެހޭނީ ބަލިވުމުން

ކޮރޯނާވައިރަސް އަކީ ވައިގެޒަރިއްޔާއިން ޖެހޭ ވައިރަސްއެއް ނޫނެވެ. މި ވައިރަސް ފެތުރެމުންދަނީ ތިކިތަކެއްގެ ގޮތުގައެވެ. އެހެންކަމުން މީހުން ގަންނަ ސާރޖިކަލް މާސްކުން މި ވައިރަސް ޖެހުން ހުއްޓުވައެއް ނުދެއެވެ. މި ފަދަ މާސްކް ފަރުމާ ކޮށްފައިވަނީ ތިކިތައް އެތެރޭގައި ބެހެއްޓުމަށާއި، ބަލި މީހާ ގައިން އެ ބަލި އެހެން މީހެއް ގަޔަށް ދިޔަ ނުދިނުމަށެވެ. 

މި ކަމާ ގުޅޭގޮތުން ޑރ. ޕެރެންސެވިޗް ބުނެފައިވަނީ މާސްކް އެޅުން މުހިންމު ވާނީ ބަލިވެފައި ހުރެގެން މީހުންގެ ތެރެއަށް ނުކުންނަން ޖެހިއްޖެނަމައެވެ. ވައިރަސް ޖެހިފައިވާހެން ހީވާނަމަ މާސްކް އެޅުމަކީ އެހެން މީހުން އެކަމުން ސަލާމަތް ކޮށްދޭނެ ކަމެއްކަމަށް ވެސް ޑރ. ޕެރެންސްވިޗް ބުނެފައިވެއެވެ. 

ސާރޖިކަލް މާސްކުން މި ވައިރަސް ޖެހުން ހުއްޓުވައެއް ނުދޭ

މާސްކް ގަންނަ ނަމަ ބޭނުންކުރަން ރަނގަޅުވާނީ ކޮންކަހަލަ މާސްކް އެއް؟ އަދި މާސްކް ގަންނައިރު ވިސްނަންވީ ކަންތައް

ވައިގެޒަރިއްޔާއިން ފެތުރޭ ވައިރަސް އަދި ބެކްޓީރިއާއިން މާސްކް އަޅާމީހާ ސަލާމަތުން ބަހައްޓުވައިދޭ މާސްކްއަށް ކިޔަނީ "ރެސްޕިރޭޓާ" އެވެ. މި ފަދަ މާސްކްއަކީ ނުރައްކާތެރި ބަލިތައް ޖެހިފައިވާ މީހުންނަށް ފަރުވާދޭއިރު ޑޮކްޓަރުންނާއި ނަރުހުން އަޅާ މާސްކްއެކެވެ. 

ރެސްޕިރޭޓާ އެޅުމުން ބަލިމީހާ ގައިން އެހެން މީހަކަށް ވައިރަސް ފެތުރުން ހުއްޓުވައިދެއެވެ. އަދި ސިއްހަތު ސަލާމަތުން ހުރި މީހުން ރެސްޕިރޭޓާ ބޭނުންކުރުމުން ބަލިމީހެއްގެ ގައިން މިވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ރެސްޕިރޭޓާ ބޭނުންކުރާ މީހުންނަކީ އެ މާސްކް ބޭނުންކުރާނެ ގޮތާއި މާސްކް އެޅުމުން އެ މާސްކްގެ ތެރެއަށް ވައި ވަންނާނެ ޖާގައެއްނުދޭނެ ގޮތަށް މާސްކް އަޅަން ދަސްކޮށްފައިވާ މީހުންނެވެ. 

ރެސްޕިރޭޓާއިން ފިލްޓާ ކުރުން ރަނގަޅުވެފައި، މޫނުގައި ރަނގަޅަށް މާސްކް ހަރުލާފައި އިންކަމުގައި ވީނަމަވެސް، އެއްވެސް ރެސްޕިރޭޓާއަކީ ހުރިހާ ބަލިތަކަކުން މީހާ ސަލާމަތް ކޮށްދޭނެ އެއްޗެއް ނޫނެވެ. ކޮންމެ ރެސްޕިރޭޓާއެއްގައިވެސް ކޮންމެސްވަރަކަށް ލީކޭޖެއް އުޅޭނެއެވެ.

މި ފަދަ މާސްކް ރަނގަޅަށް ބޭނުން ނުކުރެވޭނަމަ، ނުވަތަ ބޭނުންކުރުމަށްފަހު ރަނގަޅަށް ނައްތާނުލެވިއްޖެނަމަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މާސްކް އެޅުމުގެ ކުރިން އަދި މާސްކް ނެގުމަށްފަހު އަތް ނުދޮންނަނަމަ ބަލިވުމުގެ ފުރުސަތު ބޮޑުވާނެއެވެ. 

ނަމަވެސް މާސްކް މަދުވެފައިވާއިރު މިފަދަ މާސްކް ގަންނަނަމަ އެކަމަށް އެންމެ ބޭނުންޖެހޭ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރާނެ މާސްކްއެއް ނުހުންނާނެއެވެ. 

ޑރ. ޕެރެންސެވިޗް ބުނެފައިވަނީ އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ، މި ވައިރަސްއަށް ފަރުވާ ކޮށްދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް މާސްކް ނެތި ބަލި ވެދާނެތީ ކަމަށެވެ. އަދި މި ވައިރަސް އިން ސަލާމަތްވުމަށް މަސައްކަތް ކުރަންތިބި ޑޮކްޓަރުންނާއި ނަރުހުން މަދުވެދާނެތީ ކަންބޮޑުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

މީގެއިތުރުން ޔޫއެސްގެ ސާޖަންއެއް ކަމަށްވާ ޖެރޯމް އެޑަމްސް ވެސް ޓްވީޓް ކޮށްފައިވަނީ މާސްކް ގަތުން ހުއްޓުމަށެވެ. އޭނާ ބުނެފައިވަނީ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރާނެ މާސްކް ނެތިއްޖެނަމަ ބަލި މީހުންނަށް ފަރުވާ ނުދެވޭނެ ކަމަށާއި، މީހުންނަށް ގެއްލުމަކަށް ވާނެކަމަށެވެ.

ހަމައެއާއެކު، ހޮސްޕިޓަލް ތަކުން މާސްކް ނުނެގުމަށާއި، ޑޮކްޓަރުންނާއި ނަރުހުންގެ ސަލާމަތަށް ވިސްނަންވާނެ ކަމަށް، މިކަމާ ގުޅޭގޮތުން ޑރ. ޕެރެންސެވިޗް ބުނެފައިވެއެވެ. 

ކޮވިޑް 19 އިން ސަލާމަތްވާނީ ކިހިނެއް؟

ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ސައިބޯނި ލައިގެން އަތް ދޮވުމެވެ. ކެއުމުގެ ކުރިން އަދި ކެއުމުގެ ފަހުން އަތް ދޮންނަން އާދަކުރުމަށާއި މޫނުގައި އަތް ނުލުމަށް ޑރ. ޕެރެންސެވިޗް އިލްތިމާސް ކޮށްފައިވެއެވެ. އަދި މޫނުގައި އަތްލެވުމުން ނުވަތަ މީހުން ގިނައިން އަތްލާ ފަދަ ތަންތަނުގައި އަތްލެވުމަށްފަހު ސައިބޯނި ލައިގެން އަތް ނުދޮވެވިދާނެ ކަމަށް ސެނިޓައިޒާ ފުޅިއެއް ގެންގުޅުމަށްވެސް ޑރ. ޕެރެންސެވިޗް ފާހަގަ ކޮށްފައިވެއެވެ.

މި ވައިރަސް އަކީ ރެސްޕިރޭޓަރީ ވައިރަސްއެއް ކަމުގައި ވިނަމަވެސް، ވައިރަސް ހަށިގަނޑަށް އެތެރެވާނީ ހަމައެކަނި ނޭވާގެ ޒަރިއްޔާއިންނެއް ނޫނެވެ. އަތް ހަޑިވެފައިވަނިކޮށް މޫނުގައި އަދި އަނގައިގާ އަތްލެވިއްޖެނަމަ މި ވައިރަސް ހަށިގަނޑަށް އެތެރެވުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެހެންކަމުން މޫނުގައި އަތްލަންވާނީ އަތް ރީތިކޮށް ދޮވެފައެވެ. 

ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ސައިބޯނި ލައިގެން އަތް ދޮވުން

ދިފާއީ ނިޒާމް ބަލިކަށިމަނަ ނުވަތަ ބަލި ފެތުރެމުންދާ ތަނަކަށް ދަތުރު ކުރާނަމަ ކަންތައްކުރާނީ ކިހިނެއް؟ 

ދިފާއީ ނިޒާމް ބަލިކަށިނަމަ ނުވަތަ ކޮރޯނާވައިރަސް ފެތުރެމުންދާ ތަނަކަށް ދަތުރު ކުރާނަމަ ބަލި ވުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެހެންކަމުން ޑޮކްޓަރަކާ ވާހަކަ ދެއްކުމަށްފަހު މީހުންގެ ތެރޭގައި އުޅޭއިރު މެޑިކަލް ރެސްޕިރޭޓާއެއް ބޭނުންކުރަން ޖެހޭނެތޯ އަހާށެވެ.

އަދި ބަލި ފެތުރެމުންދާ ތަނަކަށް ދަތުރުކުރާނަމަ ޓްރެވަލް ކްލިނިކް އަކާ ވާހަކަ ދައްކާށެވެ. އަދި މި ކަންތައް ކުރުމުގެ އިތުރުން މީހުންނާއި ދުރުން އުޅުމަށާއި ގިނަގިނައިން އަތް ދޮވުމަށް ހާއްސަ ސަމާލުކަން ދޭންވާނެއެވެ.

ކޮވިޑް-19 އަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންތައް

ކޮވިޑް-19 އަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންތައްތަކަށް އަލި އަޅުވާލަމުން ޑރ. ޕެރެންސެވިޗް ބުނެފައިވަނީ މާސްކް ނުގަތަސް 4-3 ހަފްތާއަށް ވާވަރަށް ބޭނުންވާނެ ބޭސް ގަނެފައިބެހެއްޓުމަށެވެ. ބޭސްގެ އިތުރުން ކެއުމަށް ބޭނުންކުރާ އެއްޗެހި އަދި އާންމުކޮށް ބޭނުންކުރާފަދަ ތަކެތި ވެސް ހޯދާފައި ބެހެއްޓުމަށް ޑރ. ޕެރެންސެވިޗް އިލްތިމާސް ކޮށްފައިވެއެވެ. 

މިގޮތަށް އެއްޗެހި ހޯދާފައި ބެހެއްޓުމުން ވަކި ވަގުތެއްގައި އެއްވެސް އެއްޗެއް ހޯދަންދާން ނުޖެހޭނެ ކަމަށާއި، ކުއްލިއަކަށް ވެދާނެ ކަމަކަށް ސަމާލުވެގެން ތިބުމަކީ ރަނގަޅުކަމެއް ކަމަށް ވެސް ޑރ. ޕެރެންސެވިޗް ފާހަގަކޮށްފައިވެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ