އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/08/2020

ކޮވިޑް-19 ވެކްސިނަށް ރާއްޖެ ތައްޔާރުތަ؟

އައު ވެކްސިނެއް ޤައުމަށް އެތެރެކޮށް އެ ވެކްސިން ދިނުމުގައިވެސް ގިނަ ގޮންޖެހުންތަކެއް ކުރމަތިވެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/08/2020

Coronavirus COVID-19 Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާއި ދެކޮޅަށް އުފައްދާ ވެކްސިންގެ ރޭހުގައި ދާދި އަވަހަށް ވެކްސިނެއް ލިބިދާނެ ކަމުގެ އުއްމީދު މިވަނީ އާވެފައެވެ. އަދި ހާއްސަކޮށް ވެކްސިން އެންމެ އަވަހަށް ލިބޭ ޤައުމުތަކުގެ ތެރޭގައި ފަސް ލައްކަ މީހުންގެ އާބާދީއެއްގެ ކުޑަކުޑަ ރާއްޖެ ހިމެނުމަކީ ވަރަށްވެސް ބޮޑު އުފަލެކެވެ.

އެހެންނަމަވެސް ވެކްސިނެއް އުފެއްދުމަށް އަންނަ ގޮންޖެހުންތަކެކޭ އެއްގޮތަށް އައު ވެކްސިނެއް ޤައުމަށް އެތެރެކޮށް އެ ވެކްސިން ދިނުމުގައިވެސް ގިނަ ގޮންޖެހުންތަކެއް ކުރމަތިވެއެވެ. މިކަމަށްޓަކައި ވަރަށް ދުރާލާ ތައްޔާރީތަކެއްވެސް ވާންޖެހެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ މުޅި ދުނިޔެއަށްވެސް އައު ވެކްސިނެއް ރާއްޖެއަށް ލިބޭއިރު އެކަމަށް މުޅި ޤައުމުވެސް ތައްޔާރުވާންޖެހޭ ކަމަށެވެ.

އާ ވެކްސިން ބަހައްޓާނެ އައިސްއަލަމާރި، ރަށްތަކަށް ފޮނުވުން

ބޭހަކީ އަދި ހާއްސަކޮށް ވެކްސިނަކީ ވަކި ޙާއްސަ ފިނިހޫނު މިނެއްގައި އެކަމަށް ހާއްސަ އައިސްއަލަމާރި އެއްގައެވެ. އެހެންނޫންނަމަ ވެކްސިން ބޭނުންކުރުމުގެ ކުރިން އޭގެ ބާރު ކެނޑުމަކީވެސް ވެދާނޭ ގޮތްތަކެކެވެ.

އެހެންކަމުން ވެކްސިން ރާއްޖެއަށް ލިބޭއިރު، މި ވެކްސިން ބަހައްޓާނެ އައިސްއަލަމާރި ރަށްތަކަށް ފޮނުވުމަށް ހާއްސަ އިސްކަމެއް ދޭންޖެހެ އެވެ.

ވެކްސިން ޕްރޮގްރާމް ވަރުގަދަކުރުން

ރާއްޖެއަކީ އަބަދުވެސް ވެކްސިނާއި މެދު ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ޤައުމެކެވެ. އަދި އެކަމަށްޓަކައި ދޭތެރެއަކުން ވެކްސިން ޕްރޮގްރާމްތައްވެސް ހިންގައެވެ. މި އަހަރުގެ ކުރީކޮޅު ރާއްޖެއިން ހިމަބިހި ފެނުމާއި ގުޅިގެންވެސް ހެލްތް މިނިސްޓްރީއިން ވަނީ މިފަދަ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.

ނަމަވެސް މިފަހަުގެ ހާލަތު ވަރަށްވެސް ބޮޑަށް ތަފާތެވެ. އެހެންކަމުން ކޮވިޑް-19 ވެކްސިނަށް ޙާއްސަ ޕްރޮގްރާމް ވަކިން ފުޅާކޮށް އަދި ދުރާލާ ހިންގުމަކީ މުހިއްމު ކަމެކެވެ.

ތަމްރީން ދިނުން

ކޮންމެ އައު ވެކްސިނަކާއެކު، އެ ވެކްސިނަކުން ދަސްކުރަންޖެހޭ ގިނަ އައު ކަންތައްތަކެއް އަންނާނެއެވެ. ޙާއްސަކޮށް މުޅި ދުނިޔެއަށް އައު މިފަދަ ވެކްސިނެއް ދިނުމުގެ ކުރިން އެކަމަށް އެކަށީގެންވާ ވަރަށް ބަޔަކު ތަމްރީން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޢާއްމުންނަށް މަޢުލޫމާތު ދިނުން

ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދިންގޮތަށް މި ވައިރަހުގެ ވެކްސިންގެ މައުލޫމާތުވެސް އާންމުންނަށް އެނގެންޖެހެއެވެ. ވެކްސިން ޖެހުމުގެ މުހިއްމުކަމުން ފެށިގެން މިވަގުތަށް ވެކްސިން ޖެހުން ކޮންމެހެން މުހިއްމުވާ މީހުންނާއި އެކަމުގެ ސަބަބުތައް ވެސް ދުރާލާ އާންމުންނަށް ބުނެދޭންވާނެއެވެ.

ދިމާވާ ނޭދެވޭ އަސަރުތަކަށް ފަރުވާދީ ބެލުން

ވެކްސިނަކީ އޭގެ ސަބަބުން އެ ވައިރަހަކާއި ހަނގުރާމަކުރުމުގެ ބާރު އިންސާނާގެ ދިފާއީ ނިޒާމަށް ފޯރުކޮށްދޭ އެއްޗެކެވެ. އަދި އޭގެ ބާރު އެތައް ޒަމާނަކަށް ދެމިގެންދާ އެއްޗެއްކަމުން ވެކްސިނުގެ ސަބަބުން ސައިޑް އިފްކްޓެއް އައުމަކީ ދިމާވެދާނޭ ގޮތެކެވެ.

އެގޮތުން ދުނިޔެއަށް އާ މިފަދަ ވެކްސިން އެންމެ ފުރަތަމައަށް ލިބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެވުމުން މި ވެކްސިނުގެ ތަޖުރިބާއަށް މުޅި ދުނިޔެވެސް އައު ވާނެއެވެ. އެކެމަށްޓަކައި ރާއްޖެއިންވެސް ތައްޔާރީތަކެއް ވާންޖެހެއެވެ.

މީގެއިތުރުންވެސް މިފަދަ ވެކްސިނަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ލައްކަ މަސައްކަތް އެބަހުރިކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ވެކްސިން ރޭހުގެ އެންމެ ކުރީގައި އަދި އުޅެނީ ރަޝިޔާ އެވެ. ރަޝިޔާއިން އުފެއްދި މި ވެކްސިން އާންމުންނަށް ދިނުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ދީފައިވާއިރު، މިހާރު އިންތިޒާރު ކުރަމުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ އަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ