އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/07/2020

ކޮވިޑް ވެކްސިން ދޭންޖެހޭ ލިސްޓުގެ އެންމެ ކުރީގައި ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުން

އެންމެ ފުރަތަމަ ވެކްސިން ލެބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތޯ ސަރުކާރުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/07/2020

Coronavirus COVID-19 Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19އިން ރައްކާތެރިވުމަށް އުފައްދާ ވެކްސިން ދާދި އަވަހަށް ތައްޔާރުވާނޭކަމުގެ އުފާވެރި ހަބަރު ސައިންޓިސްޓުން މިހާރުވަނީ ދީފައެވެ. އާންމުކޮށް ވެކްސިނެއް އުފެއްދުމަށް ހައެއްކަ އަހަރު ހޭދަވި ނަމަވެސް މިފަހަރު ސައިންޓިސްޓުންނާއި ޑޮކްޓަރުންގެ ބުރަ މަސައްކަތުން މިވަނީ ދޮޅު އަހަރު ތެރޭގައި މި ވެކްސިނުގެ ފުރަތަމަ ޓްރައަލް ނިންމާފައެވެ.

އަދި އެންމެ ފުރަތަމަ ވެކްސިން ލެބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭތޯ ސަރުކާރުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެވާހަކަ ދާދިފަހުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ވިދާޅުވެފަ އެވެ.

އެހެންނަމަވެސް އަދި ވެކްސިނެއް ތައްޔާރުވެ، ލިބުނު ނަމަވެސް އެ ވެކްސިން އެންމެ ފުރަތަމަ ދިނުމަށް ނިންމާފައިވަނީ ވަކި ކެޓަގަރީއެއްގައި ހިމެނޭ މީހުންނަށެވެ. އެއީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފައިވާ ސިއްހީ އެހީތެރިންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އިތުރުން އުމުރުން 45-65 އަހަރާއި ދެމެދުގެ ބަލިތަކަށް ދިގުމުއްދަތަކަށް ފަރުވާކުރާ މީހުންނެވެ.

ބަލިތަކަށް ދިގުމުއްދަތަކަށް ފަރުވާކުރާ މީހުންގެ ތެރޭގައި އޮބޭސިޓީ، ހަކުރުބަލި، ހައިޕަރޓެންޝަން ނުވަތަ ލޭގެ ޕްރޝަރ މަތި މީހުން، ހިތުގެ ތަފާތު ބަލިތައް، ފުއްޕާމޭގެ ބަލިތައް، ކިޑްނީގެ ބަލިތައް، ފުރަމޭގެ ބަލިތައް އަދި ކެންސަރު ޖެހިފައި ތިބި މީހުން ހިމެނެއެވެ.

ކެންސަރު ޖެހިފައި ތިބި މީހުންގެ ތެރޭގައި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންނާއި އަދި ކުރިން ބައްޔަށް ފަރުވާ ލިބި ބަލިން ރަނގަޅުވެފައި ތިބި މީހުންވެސް ހިމެނެއެވެ. 

މި އެންމެންނަކީ އެމެރިކާގައި ހުންނަ ސްޓަންފޯރޑް ހެލްތް ކެއާ (އެސްއެޗްސީ) އިން ބުނެފައިވާ ފަރާތްތަކެވެ.

އެސްއެޗްސީން މިހެން ބުނެފައިވާ ލިޔުން ޓްވިޓާގައި ޝެއާކުރަމުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން މިއަހަރު ނިމޭހާތާ ލިބުނު ނަމަވެސް، ލިބޭނީ ވަކި އަދަދަކަށް ކަމަށެވެ. އެހެންކަމުން ދުނިޔޭގެ  ގިނަ ގައުމުތަކުން މިހާރުދަނީ ވެކްސިން ޖަހާނެ ބަޔަކު ވިސްނަމުން ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އެސްއެޗްސީއިން އާންމުކޮށްފައިވާ މި ލިސްޓުގައި އަދި މިހާތަނަށް ކުޑަކުދިން ހިމެނިފައެއް ނުވެއެވެ. އެހެންނަމަވެސް މާބަނޑު މީހުންގެ ތެރެއިން ބައެއް މީހުން ހިމެނޭކަމަށާއި ލިސްޓު ފަހުންވެސް ބަދަލުވެދާނޭކަމަށްވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމަށް ގިނަ ޤައުމުތަކަކުން މަސައްކަތްކުރި ނަމަވެސް، މި މަސައްކަތުގެ އެންމެ ކުރީގައި އަދި އުޅެނީ އިނގިރޭސިވިލާތުގައި ހުންނަ އޮކްސްފޯޑު ޔުނިވަރސިޓީ އެވެ. އޮކްސްފޯޑުގެ ވެކްސިން އުފައްދާ ކުންފުނި އަސްޓްރާޒެނެކާ އަކީ ދުނިޔެއަށް މަޝްހޫރު ބަޔޯފާމަސޫޓިކަލް ކުންފުންޏެކެވެ. 

އަދި އޮކްސްފޯޑުން އުފައްދާ މި ވެކްސިން ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ގާތްގަނޑަކަށް ލިބިފައިވާ ކަމަށް އެ ޔުނިވާސިޓީގެ ކަމާ ބެހޭ ސައެންސްވެރިންގެ ޓީމުން ދާދިފަހުން ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ