އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 24/09/2019

ހައިވޭގައި ދަސްވި ފިލާވަޅު

"އަހަންނަށް އެދުވަހު 3 ފިލާވަޅެއް ލިބުނެވެ. އޭގެ ތެރެއިން އެންމެ މުހިންމު ފލިާވަޅަކީ އަމިއްލަ މީހާގެ ސަލާމަތްތަެރިކަން އިސްކުރުމެވެ."
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 24/09/2019

Road Safety
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެން ސައިކަލު ދުއްވާތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. ބާރަށް އަދި ފަރުވާ ކުޑަކޮށް ދުއްވުން އަހަންނަށް ވަނީ އާދައިގެ ކަމަކަށެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަހަންނަށް ފިލާވަޅެއް ދަސްވެގެން ދިޔައެވެ. ތިމާގެ ހަޔާތަކީ ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ބައެއް ކަންތައްތަކަކީ އަވަސް އަރުވައިގެން ކުރާ ކަހަލަ ކަންތަކެއް ނޫނެވެ. 

އެދުވަސްކޮޅަކީ އަހަރެންގެ ފުރަތަމަ ވަޒީފާ ފަށައި ލާރި ލިބެންފެށި ދުވަސްކޮޅެވެ. ގާނޫނީ ވަކީލަކަށް ވާން ބެޗްލާރސް ޑިގްރީ ހާސިލް ކުރުމަށް ކިޔަވަން ފަށައިގެން އުޅުނު ދުވަސްކޮޅެވެ. ކުއްޖަކާ ރައްޓެހިވެގެންވެސް އުޅުނު ދުވަސްކޮޅެވެ. ވަޒީފާ ދިޔައީ ރަނގަޅަށެވެ. ހަޔާތް އޮތީ ވަރަށްވެސް އުޖާލާ ހިސާބެއްގައެވެ. އަހަންނަކީ ފަރިތަކޮށް ސައިކަލު ދުއްވާ މީހެކެވެ. ކުރިން ބޮޑު އެކްސިޑެންޓެއް ވެސް ވެފަކާއެއް ނެތެވެ. އެކަމުގެ ބިރާއި އެކަމުގެ ހުރި ގެއްލުންތައް އިހުސާސް ކުރެވިފައި ނެތުމުން އަހަރެން އުޅުނީ ވަރަށް ވެސް ބިރުކުޑަ ކޮށެވެ. އަހަރެންގެ އާސައިކަލުގައެވެ.

ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އަހަންނަށް އަސްލު ދުނިޔެއަށް ލޯ ހުޅުވާލެވި ފިލާވަޅެއް ލިބުނެވެ. އެދުވަހު އަހަރެންގެ ވަޒީފައިގައި އައި ލަސްވުން ތަކެއްގެ ސަބަބުން ގެޔަށް އާދެވުނީ ލަހުން ނެވެ. އޭރު ކޮލެޖަށް ދާން އޮތީ ލަސްވެފައެވެ. ގެއިން ނުކުތީ ލެވެން އޮތް އެންމެ ރީތި ހެދުން ލައިގެން ނަލަވެގެންނެވެ. ގަމީސް ބެގީ ޖަހައިގެން ބޫޓު ޕޮލިޝް ކޮށްގެންނެވެ. ދާމަގުމަތީގައި އަހަރެން ރައްޓެހިވެގެން އުޅޭކުއްޖާވެސް ނަގަން ޖެހެއެވެ. އާދައިގެ މަތިން ހުޅުމާލޭގެ ޓްރެފިކް ކަޓުވަމުން ހައިވޭގައި ދުއްވާފައި އަހަރެން ގޮސް ހުއްޓުނީ މާލެ އަދި ހުޅުލެޔާ ވާގޮތައް އޮންނަ ތިން މަގު ހުރަހުގައި ހުންނަ ޓްރެފިކް ލައިޓް އަށެވެ. އަހަރެން ދާން އޮތީ ކަނާތަށެވެ. ރައްޓެހި ވެގެން އުޅޭ ކުއްޖާ ބަލާދާށެވެ. 30 ހަކަށް ސިކުންތު ވީތަނާ ރަތް ޓްރެފިކް ބޮކި ފެއްސަށް ބަދަލުވިއެވެ. އަހަރެން ލޯ ކުރިމައްޗަށް ފެހި ކުލަ އެރުމާއި އެކު މުއްގަނޑަށް ހިފާ ކަނާތައް ސައިކަލު އަނބުރާލީމެވެ.

އެ ހިނދުކޮޅަކީ ފިލްމީ ހިނދުކޮޅެކެވެ. ވަގުތު ދައުރު ވަމުން ދިޔައީ އާދަޔާ ޚިލާފަށް މަޑުންނެވެ. ކުއްލިއަކަށް ވާތްފަރާތުން ކަޅުކުލައިގެ އެއްޗެއް އަންނަތަން ފެނުނެވެ. ރަތް ވެފައި ހުރި ޓްރެފިކް ސްޓޮޕުން ނެއްޓިގެން ސްއިކަލެއް ދުއްވާފައި އަންނަނީއެވެ.  ސައިކަލުގެ އިންޖީނުގެ އަޑު ކަންފަތައް އިވުނީ ގުގުރުންގަނޑެއް ހެންނެވެ. އަހަންނާއި ދެތިން މީޓަރު ދުރުގައި ފުލުހުން ތަކެއް ކެމެރާއެއް ޓެސްޓް ކުރަން ތިއްބެވެ. އެވަގުތުކޮޅު އަހަރެންގެ ހަށިގަނޑު ހިނގީ އަމިއްލައަކަށެވެ. ހަށިގަނޑު ފިނިވެގެން ދިޔަހެން ހީވިއެވެ. ކުރެވެން އޮތީ ދެކަމެކޭ ހިތަށް އެރިއެވެ. ހުރިހާ ބްރޭކް އަކަށް ހިފާ ސައިކަލު ކަހާލުމެވެ. ނޫނީ މުށްގަނޑަށް ހިފާ އެއްވެސް ގޮތަކަށް ނުޖެހި ދިޔުމެވެ.

ވިސްނުން ނިމުމުގެ ކުރިން އަހަރެންގެ މުއްގަނޑަށް ހިފާ ގިޔަރު ބަދަލުކުރީމެވެ. ފަޅިސިކުންތެކެވެ. ނަމަވަސް ފަޅިސިކުންތެއް މާލަސް ވީއެވެ. އެސައިކަލު އައި ބާރުމިނުގައި ޖެހުމާއެކު އަހަރެންގެ ފައި ސައިކަލު ތެރެއަށް ތޮރުފާލާ މުގުރާލިއެވެ. އޭގެ ސަބަބުން އަހަންނާއި އަހަރެންގެ ސައިކަލު ދިޔައީ އެނބުރެމުންނެވެ. ޖެހުނުގޮތަށް އަނެއް ސައިކަލް ފަހަތުގައި އިން މީހާ އުދުހިގެން ދިޔަ އެވެ. ދުއްވަން އިންމީހާ ބިންމައްޗައް ވެއްޓުނެވެ. އެ ހޫނު މަގު އަހަރެންގެ ހަންގަނޑުގައި ކޭއްތިގެން ދިޔައީ ތިނޯސް ވަޔަރު ތަކެއް ހެންނެވެ. ބިންމަތީ ޖެހުމާއި އެކު އަހަންނަށް ވީނުވީ އެނގި ފުރަތަމަވެސް ސައިކަލު ނިއްވާލަން ނިންމީމެވެ. ތެދުވަން މަސައްކަތްކުރީމެވެ. ނަމަވެސް އޭރު ސައިކަލް ޕެޑަލް އަހަރެންގެ ފައިގެ ބޮޑުވާއިނގިލި ދަށުން ވަދެ 2 ކަށިގަނޑު ބިންދައިގެން ގޮސްފައި އިންކަމައް ނޭގެއެވެ. ހިނދުކޮޅެއް ތެރޭ ތަދު އިހުސާސް ވިއެވެ. ޕެޑަލް ވަދެފައި އިން ތަނުން ލޭ އޮހޮރެން ފެށިއެވެ.

އޭގެކުރިންވެސް އަހަރެންގެ ކަށިތައް އެކި ދިމާލުން ބިންދައިގެން ގޮސްފައި ހުންނާނެއެވެ. ނަމަވަސް އެހާތަދު ވީފަހަރެއް ހަދާނެއް ނުވެއެވެ. އެތާ ތިބި ފުލުހުން ވަގުތުން އެހީއަށް އައެވެ. އެކަކު އަހަންނާއި ވާހަކަ ދެއްކިއިރު އަނެކަކު އަހަރެންގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް ބަލަމުން ދިޔައެވެ. ފައި ފެނުމާއިއެކު ބޫޓު ކަނޑާލާ ލޭމަނާ ކުރެވޭތޯ އެމީހުން ބެލިއެވެ. މިނެޓް ކޮޅެއް ތެރޭ އަހަރެން އެމީހުންގެ ޓްރަކް ފަހަތަށް ލާ ބެލްޓް އެޅުވިއެވެ. އެއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލް އަށް ދާން މިސްރާބު ޖެހިއެވެ. ޓްރަކް ނައްޓާލި ތަނާއިއެކު އަހަރެންގް ރައްޓެހިންނަށް ގުޅީމެވެ. ހާދިސާއެއްގައި ފުރަތަމަ އަބަދުވެސް އަހަރެން ގުޅަނީ ރައްޓެއްސަކަށެވެ.

އަހަރެން ވެއްދީ އެމާޖެންސީ ވޯޑް އަށެވެ. ހޫނު ޒުވާބަކަށް ފަހު ޕެއިންކިލާ އިންޖެކްޝަނެއް ޑޮކްޓަރު ޖެހިއެވެ. ޑޮކްޓަރު އެއަށްފަހު ލޭމަނާކޮށް ޒަހަމް ނިވާކުރިއެވެ. އަދި އެކްސްރޭ އެއް ނެގުމަށް ފޮނުވިއެވެ. އަހަރެންގެ 2 ކަށިގަނޑު ވަނީ ބިންދައިގެން ގޮއްސައެވެ. އަދި އިތުރު ދެކަށިގަނޑެއްގައި ވަނީ ރެނދު ލާފައެވެ. ފަޅައިގެން ގޮސްފައިހުރި ތަން ފެހުމަށް ފަހު އެތަން ރަނގަޅުވުމުން ޕްލާސްޓަރ އެޅުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. 

އަހަރެން  ނުތެދުވެވި އެނދުމަތީ 2 މަސް ދުވަސް ހޭދަކުރީމެވެ. އޭގެން އެންމެ އުނދަގޫވީ އަބަދު ކޮޓަރި ތެރޭ ތާށިވެފައި އޮތުމެވެ. އެއްމަސް ވީއިރު ހިނގާ ދަނޑިއަށް ފަރިތަވިއެވެ. ކޮންމެ ދުވަހަކު ޕެއިންކިލާ ކާންޖެހެއެވެ.

މި ހާދިސާގެ ސަބަބުން ވަޒީފާ ނުގެއްލުނީ ކިރިޔާއެވެ. ކޮލެޖް އަށް ހާޒިރު ނުވެވުމުގެ ސަބަބުން ޑިގްރީޖެހުނީ ހުއްޓާލާށެވެ. 2 މަސް ވަންދެން އެއްވެސް ކަމެއް ނުކުރެވި ހުރެ މިހާރު އަހަރެން އެއްކޮށް ރަނގަޅު ވެއްޖެއެވެ. ކަށިތައް އަލުން ރަނގަޅު ވީނަމަވެސް ކޮންމެވެސް ވަރެއްގެ ތަދެއް ހުރެއެވެ.

އެދުވަހު މުޅިއަކު ތިން އެއްޗެއް އެނގިގެން ދިޔައެވެ. އެކްސިޑެންޓް ވުމުގެ ބިރުވެރި ކަމެވެ. ތިމާ ކިތަންމެ ފަރިތަ ނަމަވެސް ދެން ހުންނަ މީހާ ފަރިތަ ނުވެދާނެކަމެވެ. އަދި އަހަންނަށް ރައްޓެހި ވެފައި ހުރީ ރަންގަނޑެއް ކަހަލަ ކުއްޖަކާއި ކަމެވެ. އެދުވަހު އޭނާ 10 ގަޑި އިރުގެ މަސައްކަތް ނިމުނު ގޮތަށް އަހަރެން ކައިރިއަށް އައެވެ. އޭނާ ދިން ބިރުވެރި ބެލުމާއެކު އެއީ ވަރަށް ވެސް އާދަޔާ ޚިލާފު ދުވަހެކެވެ. އަހަރެންގެ ނަސޭހަތަކީ ކޮންމެ ކަމެއް ކުރާއިރުވެސް ހަމަޖެހިގެން ކުރުމެވެ. އަވަސް އަރުވާ ނުލުމެވެ. އަދި އަބަދުވެސް އަމިއްލަ މީހާގެ ސަލާމަތްތެރިކަން އިސްކުރުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ