އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 25/08/2019

އުރަމަތީގެ ކެންސަރު: އަހަރެންގެ ތަޖުރިބާ

އަހަރެން ހޮސްޕިޓަލުން ނުކުތުމާއެކު ބުނިން "އަހަރެންގެ ގައިގައި ކެންސަރު އެބަ ހުރި. ހާސް ވާނެ ކަމެއް ނެތް. އެކުގައި މިކަމުން ކުރިއެރޭނެ. ހިނގާ ކާން ދާން".
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 25/08/2019

Breast Cancer
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެންގެ ހަޔާތުގައި އުރަމަތީގެ ކެންސަރު ދެފަހަރަށް ޖެހިއްޖެއެވެ. އެއީ އުމުރުން 50 އަހަރުގައާއި 57 އަހަރުގައެވެ. މީގެ ކުރިން އަހަރެންގެ އާއިލާއިން ހަމައެކަނި ކެންސަރު ޖެހިފައިވާ މީހަކީ އަހަރެންގެ ބައްޕައެވެ. ކޯލޮން ކެންސަރެވެ. ކުރީކޮޅުގައި ޖެހިފައި ހުރިކަން އެނގުމުން ފަރުވާ ކޮށްގެން ބައްޕަ އަނބުރާ ފުރިހަމަ ސިއްހަތަށް އައެވެ. އަހަންނަށް ކެންސަރު ޖެހެން މެދުވެރިވި އެއް ސަބަބެއް ގޮތުގައި ބެލެވެނީ ޒުވާން އުމުރުގައި ސިގެރޭޓުގެ ދުންތައް މާގިނައިން ހަށިގަނޑު ތެރެއަށް ދިޔުމުންނެވެ. އަހަރެންގެ ބައްޕައަކީ ވަރަށް ގިނައިން ސިގެރޭޓުގެ އިސްތިއުމާލު މީހެކެވެ.

އަހަންނަކީ އަބަދުވެސް ވަރަށް ޕޮޒިޓިވްކޮށް ދެކޭ މީހެކެވެ. ފަސޭހައިން ކަންކަމާ މާޔޫސް އެއް ނުވާނަމެވެ. އަދި އަހަންނަކީ ވަރަށް ކަސްރަތުކުރާ ހިތްވާ މަޖާ ކުރާ ހިތްވާ ވެސް މީހެކެވެ. ކުރީގައި އެރޮބިކްސް އިންސްޓްރަކްޓަރެއްގެ ގޮތުން މަސައްކަތްވެސް ކުރީމެވެ. އަހަރެން ދެކޭ ގޮތުގައި ކެންސަރަކީ އެހެން ހުރިހާ ބަލިތަކަކާއި އެއް ގޮތް ބައްޔެކެވެ. ހާސްވުމުގެ ބޭނުމެއް ނެތެވެ.

އަހަރެންގެ ޕޮޒިޓިވިޓީގެ ސަބަބުން ކެންސަރު ބަލި ތަޙައްމަލު ކުރަން ފަސޭހަވިއެވެ. އަބަދުވެސް ހޭން ވާނެއެވެ. މީހުންނާއެކީ މަޖާ ކުރަންވެސް ވާނެއެވެ. ކޮންމެ މީހަކަށްވެސް ކަމެއް ދިމާވެދާނެއެވެ. އަހަންނަށްވުރެ މާދެރަ ހާލުގައި އުޅޭ އެތަކެއް ބައެއް މިދުނިޔޭގައި އެބަތިއްބެވެ. އެހެންކަމުން އަހަންނަކީ ނަސީބު ވެރިއެކެވެ. އަހަރެން ޝުކުރުވެރިވަމެވެ.

ކެންސަރުގެ ސަބަބުން އަހަރެންގެ އާއިލާއަށް އޭގެ އަސަރު ނުކުރާނެ ގޮތަކަށް އުޅެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރަމެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެން ބަލިވިއަސް އަހަރެން ކައިރީގައި އުޅޭ އެއްވެސް މީހަކަށް އޭގެ އަސަރު ފޯރުވިގެނެއް ނުވާނެއެވެ. ކޮންމެ މީހަކީވެސް އަމިއްލަ ހަޔާތެއް އޮންނަ މީހެކެވެ. ދިރިއުޅެންވާނީ މަޖަލާއި އުފަލުގައެވެ. އަހަރެންގެ ޕޮޒިޓިވިޓީއާއި އުފާވެރިކަމުގެ ސަބަބުން އަހަރެންގެ ކައިރީގައި އުޅޭ މީހުންވެސް އަހަރެންގެ ބަލި މަތިން ހަނދާން ނެތެއެވެ.

 

ފުރަތަމަ ފަހަރު

އަހަރެންގެ އުމުރުން 50 އަހަރުގައި އުރަމަތިން ގަނޑެއް ލިއެވެ. އެތަކެއް މަހެއް މަޑުކުރުމަށް ފަހު ޑޮކްޓަރަށް ދެއްކީ ތަދުވާން ފެށީމައެވެ. އެދުވަސްވަރުގައި މާލޭގައި ކެންސަރަށް ޚާއްޞަ ކްލިނިކެއް ނުހުރެއެވެ. އެހެން ކަމުން އަހަރެން ދިޔައީ ޝްރީ ލަންކާއަށެވެ. ބަޔޮޕްސީ އެއް ހެދުމަށްފަހު އޭގެ ނަތީޖާ ދެއްކީ އަހަރެންގެ ހަށިގަނޑުގައި އުރަމަތީ ކެންސަރު ހުރި ކަމަށެވެ.

އެވަގުތު އަހަރެންގެ މައިދައިތަ، ފިރިމީހާ އަދި ފިރިހެން ދަރިފުޅު ހޮސްޕިޓަލުގައި ތިއްބެވެ. އަހަރެން ނުކުތުމާއެކު ބުނިން "އަހަރެންގެ ގައިގައި ކެންސަރު އެބަ ހުރި. ހާސް ވާނެ ކަމެއް ނެތް. އެކުގައި މިކަމުން ކުރިއެރޭނެ. ހިނގާ ކާން ދާން". އެމީހުން ހާސް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

އެއަށްފަހު އުރަމަތީ ކެންސަރާއި ބެހޭގޮތުން ލިޔެފައި ހުރި ވަރަށް ގިނަ އެއްޗެހި އަހަރެން ކިޔާ ދިރާސާ ކުރީމެވެ. އޭގައި ރަގަނޅު ޚަބަރާއި ގޯސް ޚަބަރުވެސް ހުއްޓެވެ. ދެން ވާނީ ކިހިނެއްކަމާއި ކުރަން ޖެހޭ ކަންތައްތައް އެނގުމުން އަހަރެންގެ ބިރު ފިލައިފިއެވެ. މި ބަލި ބަލިކުރަން އިތުރު ހިތްވަރެއް ލިބި ރަނގަޅަށް ތައްޔާރު ވީމެވެ.

ލަންކާ ޑޮކްޓަރުގެ ލަފައަކަށްވީ އުރަމަތީގެ އެއްފަޅި އެއްކޮށް ނެގުމަށެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ ދެވަނަ ލަފައަކަށް ދާށެވެ. އެހެންކަމުން އަހަރެން ދެން ދިޔައީ ބެންގަލޫރުގެ އޮންކޮލޮޖީ އިންސްޓިޓިއުޓް އަށެވެ. އެތަނުގައި އިން ޑޮކްޓަރު ބުނީ އެއްފަޅި އެއްކޮށް ނެގުމުގެ ބަދަލުގައި ނަގަން ޖެހޭނީ ހަމައެކަނި ކުޑަ ޓިއުމަރެއް ކަމަށެވެ.

އެހެންކަމުން އަހަރެން ސަރޖެރީ ހަދާ ޓިއުމަރ ނެގީމެވެ. މިއަށްފަހު ދެން ޖެހުނީ ކީމޯތެރަޕީ ފަށާށެވެ. އޭގެ 6 ޑޯޒް ފުރިހަމަ ކުރުމަށް ފަހު 28 ދުވަހުގެ ރޭޑިއޯތެރަޕީ ހަދަން ޖެހޭނެއެވެ. ޑޮކްޓަރު ބުނި ގޮތުގައި މިއީ ކޮންމެ ކެންސަރަކަށްވެސް އަމަލު ކުރާނޭ ގޮތެވެ.

ކެންސަރުގެ ފަރުވާއަށް މުޅިއަކު 7-8 މަސް ނެގިއެވެ. ކޮންމެ 21 ދުވަހަކުން ކީމޯތެރަޕީ ހަދަން ޖެހެއެވެ. ކޮންމެ ފަހަރަކު އިންޑިޔާއަށް ދާން އުނދަގޫ ކަމުން، އިންޑިޔާއިން ބޭސް ގަނެގެން ފަރުވާއަށް ދަނީ ލަންކާ އަށެވެ.

އަހަރެންނަކީ ޕޮޒިޓިވް މީހެއް ކަމުގައި ވިއަސް ބޮލުގައި ހުރި އިސްތަށިކޮޅު ފައިބާ ހަންގަނޑު ކަޅުވާން ފެށުމުން މީހުންގެ ކުރިމައްޗަށް ނުކުންނަން ޖެހިލުން ވިއެވެ. އަމިއްލަ މީހާއާއި މެދު އޮންނަ އިތުބާރު ގެއްލިއްޖެއެވެ. އަހަރެންގެ ބުމައާއި އެސްފިޔަ ފޭބުމުން ހުންނަނީ އާދަޔާ އި ޚިލާފު ގޮތަކަށޭ ހިތަށް އަރައެވެ. ކެންސަރަށްވުރެ ބޮޑަށް އަހަރެންނަށް އަސަރު ކުރީ ކެންސަރަށްދޭ ފަރުވާގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތަކާ ހުރެއެވެ. ބޭނުން ވިއަސް ނުވިއަސް ޖެހޭނީ އެއާއެކީ ދިރިއުޅޭށެވެ. ހާޓް އެޓޭކްއެއް ޖެހޭ މީހަކު ނުވަތަ ކިޑްނީގެ މަސައްކަތް ހުއްޓޭ މިހެއްގެ ބޭރުފުށުން އެއްވެސް އައިބު ކަމެއް ނުފެންނާނެއެވެ. މިއާ ޚިލާފަށް ކެންސަރުގެ ސަބަބުން މީހާ ބަލިވެ މީހާގެ ގުދުރަތީ ރީތިކަން ގެއްލިގެން ދެއެވެ. 

 

ދެވަނަ ފަހަރު

ކެންސަރުން ސަލާމަތްވެގެން 7 އަހަރު ހުރުމަށްފަހު އަނެއްކާވެސް އުރަމަތިން ގަނޑެއް ލިއެވެ. ހަމަ އެއް ފަޅިއަކުންނެވެ. މިފަހަރު ކެންސަރު ޖެހުނުކަމަށް ލަފާ ކުރެވެނީ މާބޮޑަށް ސްޓްރެސް ބޮޑުވެ، ސިއްހަތަށް ނުބަލާ އުޅެވެން ފެށުމުންނެވެ. 

ނަސީބަކުން މިފަހަރު މާލޭގައި ރަގަނޅު ކެންސަރާ ބެހޭ ކްލިނިކްއެއް ހުއްޓެވެ. ޑރ. ޝިފާން އާއި ޓީމް ވަރަށްވެސް މޮޅެވެ. ޓެސްޓުތައް ހެދުމަށްފަހު ނަތީޖާ އައީ ކުރީފަހަރާ އެއްގޮތަށެވެ. ކެންސަރު ހުރިކަމަށެވެ. ޑރ. ޝިފާން ލަފާ ދެއްވީ އުރަމަތީގެ އެއްފަޅި ވަކިކުރުމަށެވެ. އެހެންކަމުން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ކާމިޔާބު ސަރޖެރީ އެއް ހެދީމެވެ. އެއްވެސް ވަރަކަށް ތަދެއް އިޙުސާސް އެއް ނުވެއެވެ. އަދި 3 ދުވަސް ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު ދޫކޮށްލިއެވެ.

އެހެންނަމަވެސް، ފަހުން ޓެސްޓުކޮށްގެންވެސް ސްޓޭޖް 2 އުރަމަތީ ކެންސަރު ހުރިހަކަމަށް ނަތީޖާއިން ދެއްކިއެވެ. ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އަނެއްކާވެސް ޖެހޭނީ ކީމޯތެރަޕީ އާއި ރޭޑިޔޯތެރަޕީ ފަށާށެވެ. އަހަރެން އަލުން އެހުރިހާ ކަމެއް ތަޙައްމަލުކުރާކަށް ބޭނުމެއް ނުވިއެވެ. ބިރުގަނެ ޖެހިލުންވިއެވެ. ކުރިންވެސް މިހުރިހާ ކަމެއް ކޮށް ކެންސަރުން ސަލާމަތްވިއެވެ. އެކަމަކު ކެންސަރު އަނބުރާ އައީ އެވެ. އަހަރެންގެ އާއިލާ އާއި ރައްޓެހިން ބޭނުންވީ ފަރުވާ އާއި އެކީ ކުރިއަށްދާށެވެ. އެމީހުންނާއެކީ އިތުރު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެތީއެވެ.

އެންމެފަހުން، އަހަރެން ފަރުވާ ފެށީމެވެ. މިފަހަރު ބޭނުންކުރާ ބޭސް އާވެފަ ތަފާތެވެ. ބޭހުގެ ސަބަބުން ކުރާ އަސަރުތައް މާގޯހެވެ. ބަނޑުގައި ވައި އުފެދި، ބްލޯޓްވެ، ވަރުބަލިވެއެވެ. އަދި އަނގައިގައި ދަގަޑު ރަހައެއް ލާފައި ހުންނާތީ ކާހިތެއް ނުވެއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ބަލިކަށިވެ އަސަރުތައް ގޯސްވަނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ކުރީ ފަހަރާއި އެއްވަރަށް މިފަހަރު އަހަރެން ޕޮޒިޓިވް ނޫނީ ކަމަށްވެސް ވެދާނެއެވެ. 

އަހަރެން ހާހެއް ނުވެއެވެ. އެހެންނަމަވެސް ބޭސް ނަގަން ފެށިފަހުން އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. އަދި ކަމެއް ކުރާނެ ހިތްވަރެއްވެސް ނުހުރެއެވެ. ބާކީ ކީމޯތެރަޕީގެ 3 ޑޯޒް އެބައިނެވެ.

މާލޭގައި ކީމޯތެރަޕީ ޑޮކްޓަރެއް ނުހުރެއެވެ. އިންޑިޔާއިން މަހަކު 1-2 ފަހަރު ޑޮކްޓަރެއް އަންނަނީއެވެ. ނުވަތަ އޮންލައިންކޮށް ވާހަކަ ދެއްކޭނެއެވެ. ނަމަވެސް އަހަރެން ދެކޭ ގޮތުގައި އަހަރެންނަށް ބޭހުގެ ސަބަބުން ނޭދެވޭ ނުވަތަ ހީނުކުރާ އަސަރެއް ކުރާ ހާލަތެއްގައި ވަގުތުން ގުޅާލެވޭނެ ޑޮކްޓަރެއް ހުންނަން ވާނެއެވެ.

އަދި އަހަރެން ހިތަށް އަރާ، ބޭހުގެ ސަބަބުން މިދިމާވާ އަސަރުތަކަށް ހައްލެއް އޮންނަނަމަ ހާދަ ރަގަނޅެވެ. މިސާލަކަށް، އަހަރެންގެ ލޭނާރުތައް ހިމަވުމުގެ ސަބަބުން ކީމޯތެރަޕީގައި ހަށިގަނޑު ތެރެއަށް ފޮނުވާ ބޭސް ބައެއް ފަހަރު ލޭ ނާރުތަކުން ބޭރުވެއެވެ. މީގެ ސަބަބުން ހަންގަނޑު ކަޅުވެ ތަދުވެއެވެ.

 

ކެންސަރުގެ ތަޖުރިބާ ކުރަމުންދާ މީހަކަށް ބުނެލަން އޮތީ

ސަރޖެރީއެއް ހަދަން ޑޮކްޓަރު އަންގައިފިއްޔާ އަވަހަށް ހަދާށެވެ. އަދި މާލިއްޔަތު ތަންދޭނަމަ  ރާއްޖެއިން ބޭރަށްގޮސް ފަރުވާ ދެވޭނެ އާ ގޮތްތައް ބަލާ ދިރާސާ ކުރާށެވެ. ތިމާގެ ކެންސަރަށް އެންމެ ރަގަނޅީ ކޮންގޮތެއްތޯ ބަލާށެވެ. މީގެ އިތުރުން ހަކުރު ނަގާވަރު މަދުކޮށް ޕްރޮޓީން އަދި ކާބޯހައިޑްރޭޓްސް ހިމެނޭ ކާއެއްޗެހި ބޭނުން ކުރާށެވެ. ހަމައެއާއެކު ކަސްރަތު ކުރާށެވެ. ސިއްހަތަށް ވިސްނާ ސްޓްރެސް މަދުކުރާށެވެ.

އަހަރެން ނަސީބު ރަގަނޅު ކަމުން އާއިލާއާއި ރައްޓެހިން އަބަދުވެސް ގާތުގައި ތިބެއެވެ. އަދި އަހަރެންގެ ޕޮޒިޓިވިޓީ ވަރަށް ބޮޑަށް އެހީތެރި ވެދެއެވެ. އެކަހަލަ މީހަކު ނުވަތަ ބަޔަކު ގާތުގައި ނެތިއްޔާ، ނުވަތަ ވާހަކަ ދައްކާލާނެ މީހަކު ބޭނުމިއްޔާ 'ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް' އާއި ގުޅާށެވެ. އެތަނުގައި އެހީތެރިވެދޭނެ މީހުން ތިބޭނެއެވެ. 

ކަންތައްތައް ވަމުންދާ ވަރަކަށް އެކަންކަމާ ވިސްނާށެވެ. މުސްތަޤްބަލުގައި ހިނގާފާނެ ކަމަކާ މިހާރު ހާސްވާންވީ ކީއްކުރަން ހެއްޔެވެ؟ އަބަދުވެސް ހިނިތުންވެލައިފާ ޕޮޒިޓިވް ކޮށް ހުންނާށެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓަރވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (2)
User image
ޙިލްމީ
10/09/2019 14:15
ހަކުރު މުޅިންހެން ހުއްޓާލަން ބުނެލިނަމަ ވަރަށް ރަގަޅު. ހަކުރަކީ ކެންސަރުގެ ދިރުމޭ ބުނުން މުޅިއަކުން ގޯހެއްނޫން
User image
ޕޮޒިޓިވިޓީ
14/09/2019 15:50
އަޅުކަމެއް ކުރާ ވާހަކައެއް މީގަނެތް. ކޮން ޕޮޒިޓިވިޓީ އެކޭ މި ކިޔަނީ ދެން.
ލިޔުން ޝެއަރކުރައްވާ