ޑްރީމް ހާރޓް 2 ގެ ނަމުގައި ފިޓްނަސް ޕްރޮގްރާމެއް ފެއްޓުމަށް ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ތައްޔާރުވެއްޖެ އެވެ.
މި ޕްރޮގްރާމް އާއި ގުޅޭ މައުލޫމާތު ދެއްވަމުން ށ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އަހުމަދު ޒާހިދު ވިދާޅުވީ ޑްރީމް ހާރޓް ޕްރޮގްރާމްއަކީ ވަކި މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ނޫން ކަމަށެވެ. އެއާ ޚިލާފަށް މި ޕްރޮގްރާމްގައި ކަސްރަތަށް އަހުލުވެރިކުރުވާ، ސިއްހީ މައުލޫމާތުގެ ކިލާސްތައް ހިންގާނޭކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި ހަމައެހެންމެ މި ޕްރޮގްރާމްގައި ބޮޑީ ޗެކަޕް ވެސް ކުރެވޭނެ ކަމަށާއި، އަދި ރަނގަޅު ކާނާއަށް އަހުލުވެރިކޮށް، ދުންފަތުގެ ވަބާއިން ރައްކާތެރިވުމަށްވެސް އަހުލުވެރި ކުރެވޭނޭ ކަމަށް ޒާހިދު ވިދާޅުވި އެވެ.
ޑްރީމް ހާރޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 10 ން 30 އާއި ހަމަޔަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން ނޮވެމްބަރު 25 ވަނަ ދުވަހުގެ 14:00ގެ ނަން ނޯޓު ކުރުމަށްވެސް ޒާހިދު ވަނީ އެދިފަ އެވެ. އަދި މި ޕްރޮގްރާމްއަކީ ހުރިހާ އުމުރުފުރާ އަކަށް އަމާޒުކޮށްގެން ގެންދާ ޕްރޮގްރާމްއެއް ކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފަ އެވެ.
ޑްރީމް ހާރޓްގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައިވަނީ 2011 ވަނަ އަހަރުގަ އެވެ. އަދި ހަތް އަހަރަށް ފަހު އަލުން މި ޕްރޮގްރާމް ބޭއްވުމަށް ށ. އަތޮޅު ކައުންސިލް އާއި ފުނަދޫ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ޒާހިދު ވަނީ ފާހަގަކުރައްވާފަ އެވެ.
އަދި އެތައް ދުވަހަކަށްފަހު މި ޕްރޮގްރާމް އަލުން ބާއްވާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ޒާހިދު ވަނީ ވިދާޅުވެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)