7 އަހަރުފަހުން ސަރުކާރުން ޕަބްލިކް ހެލްތް ފަންޑް ލޯންޗްކޮށްފި
2012 ވަނަ އަހަރު އާންމު ސިއްހަތުގެ ގާނޫނުގެ ތަންފީޒުކުރަން ފެށުމާއެކު ގާއިމްކުރަން ލާޒިމްކޮށްފައި އޮތް ޕަބްލިކް ހެލްތު ފަންޑު ސަރުކާރުން އިއްޔެ ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
ޕަބްލިކް ހެލްތު ފަންޑު ލޯންޗް ކުރީ ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އާއްމު ސިއްހަތުގެ މަހާސިންތާގެ ތެރެއިން އެކަމަށް ހާއްސަކޮށް ބޭއްވި ސެޝަނެއްގަ އެވެ. ފަންޑް ލޯންޗްކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ޕަބްލިކް ހެލްތް ފަންޑް ލޯންކޮށްދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ގާނޫނު ވުޖޫދަށް އައިތާ އެތައް އަހަރެއް ފަހުން ވެސް ޕަބްލިކް ހެލްތު ފަންޑް ފަންޑަކަށް ވެގެންދާތަން ފެނުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، ޕަބްލިކް ހެލްތު ފަންޑަކީ ތިޔާގި ފަންޑަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ފަންޑަށް އެހީތެރިވެދިނުމަށް ރާއްޖޭގެ މުއްސަނދިންނަށް ގޮވައިލައްވާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ހެލްތް ޕްރޮތެކްޗަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ޕަބްލިކް ހެލްތު ފަންޑު ކުރިން އުފައްދާފައި ހުރި ނަމަވެސް އެ ފަންޑަށް މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް އާންމު ސިއްހީ އެކިއެކިކަންކަމަށް ފައިސާ ހަރަދުކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ޕަބްލިކް ހެލްތް ފަންޑަށް މި ހުރިހާ ދުވަހު ފައިސާ ޖަމާނުކޮށް ހުރި ސީދާ ސަބަބު ހެލްތު މިނިސްޓްރީން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޕަބްލިކް ހެލްތް ފަންޑުގެ މަގްސަދުތަކުގެ ތެރޭގައި ބައްޔެއް ވެގެން ނުވަތަ އެ ބައްޔަށް ފަރުވާ ދިނުމަށް ނުވަތަ ބަލިމަޑުކަމެއް މެދުވެރިނުވާނެގޮތަށް ހެދުމަށް މަސައްކަތްކޮށް އާންމު ސިއްހަތު ދަމަހައްޓައި ބަލިމަޑުކަމުން ރައްކާތެރިވެތިބުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން އާންމު ސިއްހަތުގެ ހޭލުންތެރިކަން އިތުރުކުރުމާއި ދިވެހިންނަކީ އާންމު ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުން އެ ފަންޑުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)