
ދުނިޔޭގެ އިގްތިސާދު އަންނަނީ އާދަޔާ ޚިލާފަށް ކުރިއަރަމުންނެވެ. އެގޮތުން ފަގީރު ގައުމުތަކުގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. މި ބަދަލުތަކުގެ ސަބަބުން އެގައުމުތަކުގައި ކެއުމުގު ނިޒާމް ރަނގަޅުވެ ކިރު ހިމެނޭ ކާތަކެއްޗާއި މަހުގެ ބާވަތްތަކަށް އޮތް މާރކެޓް ވަނީ ފުޅާވެފައެވެ. އެގޮތުން މިބާވަތްތައް ބޭނުންކުރާ މިންވަރު ކުރިޔާ އަޅާ ބަލާއިރު އެފްރިކާގެ ހިސާބު ތަކުގައި 50 އިންސައްތަ އިތުރުވެ އަދި އޭޝިޔާ އާއި ލެޓިން އެމެރިކާގައި 66 އިންސައްތަ ވަނީ އިތުރުވެފައެވެ.
މިފަދަ ފުޅާ މާރކެޓަކަށް ބޭނުންވާ މަސް ފޯރުކޮށްދިނުމަށް ޖަނަވާރު ގެންގުޅޭ ފަރާތްތަކަށްވަނީ ވަރަށް ބޮޑަށް ބުރަވެފައެވެ. މިބުރަ ލުއިކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ފަރާތްތަކަކުންވަނީ އެންޓިމައިކްރޯބިއަލް ބޭނުންކުރަން ފަށާފައެވެ. އެންޓިމައިކްރޯބިއަލްގެ ބޭނުމަކީ ޖަނަވާރު ބެކްޓީރިއާ ޖަރާސީމުން ސަލާމަތް ކުރުމެވެ. ނަމަވެސް މީގެ ނުރައްކަލަކީ ގިނައިން ބޭނުންކޮށްފިނަމަ ޖަރާސީމު އެއަށް ހޭނުމެވެ. މިފަދަ ދަނޑުތަކަކީ ދުރު ހިސާބުތަކުގައި ވަކިން ހުރުމުގެ ސަބަބުން ބަލާފާސްކުރަން އުނދަގޫ ތަންތަނެވެ.
މިފަދައިން ބަލާފާސް ނުކުރެވި ގިނައަދަދެއްގައި އެންޓިމައިކްރޯބިއަލް ބޭނުން ކުރުމުގެ ނަތީޖާއަކަށް ވަނީ ދުނިޔޭގެ މައިދާނުގައި ބޭހަށް ނުހިލާ ޖަރާސީމު ގިނަވުމެވެ. އެގޮތުން ޒަމާނީ ބޭސްތަކުގެ ބާރު ކެނޑި ބޭނުން ނުހިފޭ ހިސާބަށް ދިއުމުގެ ސަބަބުން މި ބޭސް ބޭނުންކުރަމުން އަންނަ ޖަނަވާރުންގެ އިތުރުން އިންސާނުން ވެސް ސަލާމަތްވާން އުނދަގޫ ބަލިމަޑުކަމަކަށް ވެއްޓުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ސަބަބަކީ މިޖަނަވާރުގެ މަސް ކެއުމުން އިންސާނުންގެ ހަށިގަނޑުތެރެއަށް މި "ބާރުގަދަ" ޖަރާސީމު އިތުރުވުމެވެ.
އީ.ޓީ.އެޗް ޒުރިކްގެ އެސް.އެން.އެފް އެސިސްޓެންޓް ޕްރޮފޭސަރ އޮފް ހެލްތް ޖިއޮގްރަފީ އެންޑް ޕޮލިސީ ކަމަށްވާ ތޮމަސް ވެން ބޯކެލް ގެ އިރުޝާދުގެ ދަށުން ސައިންވެރިންތަކެއް ވަނީ މި ސުރުހީއަށް ވަރަށްފަހުން ދިރާސާއެއް ނެރިފައެވެ.
ދިރާސާގައި ވާގޮތުން އެންޓިމައިކްރޯބިއަލްގެ އަސަރު ނުކުރާ ޖަރާސީމު ހުރި ޖަނަވާރުތަށް އެންމެ ގިނައިން ފެނިގެން ދަނީ އުތުރު ޗައިނާ، އުތުރު އިންޑިއާ، ދެކުނު ބްރެޒިލް، އިރާން އަދި ތުރުކީގައެވެ. މި ހިސާބުތަކުގައި ޖަނަވާރުން އަދި އިންސާނުން ބޭނުން ކުރަމުން އަންނަ ބޭހުގެ އަސަރު ނުކުރާ ގިނަ އަދަދެއްގެ ޖަރާސީމުތަކެއް ފެނިފައިވެއެވެ. މިޓީމުން މައުލޫމާތު ހިއްސާކުރުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް ވަނީ އޮންލައިން ސައިޓެއް ވެސް ހުޅުވާފައެވެ.
"މިފަދަ ސިއްސުވާލަނިވި ހޯދުންތަކުން އެނގޭގޮތުގައި ޖަނަވާރުންނަށް ބޭނުންކުރެވެމުން އަންނަ ބޭސްތަކުގެ ބާރު އަންނަނީ ބަލިކަށި ވަމުންނެވެ" ވެން ބޮއެކެލް ވިދާޅުވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)