ޑަބްލިޔުއެޗްއޯއިން ރަހިމުގެ ކެންސަރު ނައްތާލުމުގެ ސްޓްރެޓަޖީތައް ލޯންޗް ކޮށްފި
2050 ވަނަ އަހަރަށް ދުނިޔެއިން ރަހިމުގެ ކެންސަރު ނައްތާލުމަށްޓަކައި ބޭނުންވާ ސްޓްރެޓަޖީތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލޯންޗް ކޮށްފި އެވެ.
ރަހިމުގެ ކެންސަރު ނައްތާލުމަށް އެހީވެދޭ ވެކްސިނާއި އަދި މި ބަލީގެ ޓެސްޓް އަދި ފަރުވާތަކާއި ގުޅޭ ސްޓްރެޓަޖީތައް ޑަބްލިޔުއެޗްއޯއިން ލޯންޗްކޮށްފައިވަނީ އިއްޔެ ސްވިޒަލޭންޑްގެ ޖެނީވާގަ އެވެ.
"ރަހިމުގެ ކެންސަރު ނައްތާލުމަކީ އަހަރެމެންގެ އެންމެ ބޮޑު އެއް ހުވަފެން. މިހާރު އަހަރެމެންނަށް އެކަށީގެންވާ އަގެއްގައި ހެކި ތަކުގެ މައްޗަށް ބިނާކޮށް ލިބިދޭ ވަސީލަތްތައް ބޭނުންކޮށްގެން މި ހުވަފެން ހަގީގަތަކަށް ހެދުަމަށް ހުރަހެއް ނެތް." ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޮސް އަދަނޮމް ގެބްރަޔޮސިސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަހަރެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރަހިމުގެ ކެންސަރުގެ ބައި މިލިޔަނަަށް ވުރެ ގިނަ ކޭސްތައް ރިޕޯޓު ކުރެއެވެ. އަދި މީގެތެރެއިން މި ކެންސަރު ޖެހޭ އެތައް ހާސް އަންހެނުންނެއް މަރުވާކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް އުފާވެރި ހަބަރަކީ މި ކެންސަރު ޖެހުމަށް މެދުވެރިވާ މައިގަނޑު ވައިރަހަށް މިހާރު ވެކްސިނެއް އުފެއްދިފައި ވުމެވެ. ހިއުމަން ޕެޕިލޮމާވައިރަސް (އެޗްޕީވީ) އަކީ ޖިންސީ ގުޅުމުގެ ސަބަބުން ފެތުރޭ ވައިރަހެކެވެ. އަދި މި ވައިރަހަށް ވެކްސިނެއް ހޯދިފައިވާއިރު، މި ބައްޔަށް ވަނީ ފަރުވާވެސް ހޯދިފަ އެވެ.
ރަހިމުގެ ކެންސަރު ނައްތާލުމުގެ ސްޓްރެޓަޖީ ލޯންޗް ކޮށްފައި މިވަނީ، ޑަބްލިޔުއެޗްއޯއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 194 ޤައުމުގެ އެއްބަސްވުމާ އެކުގައެވެ.
އަދި މި ކާމިޔާބީ ފާހަގަކޮށް ޑަބްލިޔުއެޗްއޯގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ޕްރިންސަސް ނޮތެމްބާ ސިމެލޭލާ ވަނީ މި ހާސިލްކުރެވުނީ ވަރަށް ބޮޑު ލަނޑުދަނޑިއެއް ކަމަށް ވިދާޅުވެފަ އެވެ.
"ފުރަތަމަ ފަހަރަށް ދުނިޔެއިން މިވަނީ ވެކްސިނެއް އުފެއްދި އަދި ކުރީކޮޅުގައި މި ބަލިން ރައްކާތެރިވެވޭނެ ހަމައެކަނި ކެންސަރު ނައްތާލުމަށް އަމާޒު ހިފުމަށް އެއްބަސްވެފަ." ސިމެލޭލާ ވިދާޅުވެފައި ވެއެވެ.
ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރަހިމުގެ ކެންސަރާއި މެދު އަވަސް ފިޔަވަޅެއް ނޭޅިއްޖެނަމަ، 2018 ވަނަ އަހަރު 570،000 ގައި އުޅުނު ކޭސްތަކުގެ އަދަދު 2030 އާއި ހަމަޔަށް 700،000އަށް އުފުލުމަކީ ގާތުގައި އޮތް ކަމެކެވެ. ހާއްސަކޮށް ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި މި އަދަދު މުއްސަނދި ޤައުމުތަކަށްވުރެ ތިންގުނަ މައްޗަށް އުފުލިދާނެކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.
ޑަބްލިޔުއެޗްއޯއިން އާންމުކުރި ސްޓްރެޓަޖީގައި ވަނީ 2030 ވަނަ އަހަރާއި ހަމަޔަަށް އެންމެ މަދުވެގެން 90 އިންސައްތަ އަަންހެން ކުދިންނަށް އުމުރުން 15 އަހަރު ފުރުމުގެ ކުރިން އެޗްޕީވީ އާއި ދެކޮޅަށް ވެކްސިން ދިނުމަށް ނިންމާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)