މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާވައިރަސް ޕެންޑަމިކްގެ ސަބަބުން ނުރައްކާތެރި އެއިޑްސް ބައްޔާއި ގުޅިގެން ދޭންޖެހޭ ގިނަ ހިދުމަތްތަކަށް ބުރޫ އަރާފައިވާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފި އެވެ.
މިއަދު ދުނިޔޭގައި ފާހަގަކުރަމުންދާ އެއިޑްސް ބަލީގެ ދުވަހާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން އެއިޑްސް ބައްޔަށް ޓެސްޓުކުރުމާއި، ބަލިން ރައްކާތެރިވުން އަދި ބައްޔަށް ފަރުވާދިނުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.
ހަމައެހެންމެ، ޔޫއެން އެއިޑްސްއިން ނެރުނު ބަޔާނުގައި ވެސް ވަނީ ކުރިއެކޭ އެއްގޮތަށް މި ބައްޔާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބެގެން ނޫނީ ދުނިޔެއިން އެއިޑްސްގެ އެޕިޑެމިކް ނައްތާނުލެވޭނެ ކަމަށް ބުނެފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އެއިޑްސް ބަލީގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ހާއްސަކޮށްފައިވަނީ އެކުއާރޑް އިމިއުން ޑެފިސިއެންސީ ސިންޑްރަމް (އެއިޑްސް) ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށެވެ.
ހިއުމަން އިމިއުނޮޑެފިސިއަންސީގެ ނަންދީފައިވާ ވައިރަހަކުން ފެތުރޭ މި ބައްޔަށް ބޭހެއް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ހޯދިފައެއް ނުވެއެވެ.
މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާޑް ރެސްޕޮންސިބިލިޓީ" ނުވަތަ ދުނިޔޭގެ އެންމެން އެކުގައި، މިއީ އެންމެންގެ ޒިންމާ" އެވެ. އަދި މި ދުވަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރަނީ “ބައިނަލްއަޤްވާމީ އާންމު ކެމްޕެއނެއް”ގެ ގޮތުގަ އެވެ.
ޔުނައިޓެޑް ނޭޝަންސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 12.6 މިލިޔަން މީހުން ދަނީ މި ބައްޔާއެކު ދިރިއުޅެމުންނެވެ. އަދި މި އެންމެންނަށް ވެސް ފަރުވާ ލިބޭނެގޮތެއް މިހާތަނަށް ހަމަޖެހިފައި ނުވާކަމަށް ޔޫއެންއިން ބުނެއެވެ.
ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރާއި ހަމަޔަށް 38،000،000 މީހުންނަށް އެއިޑްސް ބަލި ވަނީ ޖެހިފައެވެ. އަދި ޖޫން 2020 އާއި ހަމަޔަށް 26 މިލިޔަން މީހުން ވަނީ މި ބަލީގެ ފަރުވާއެއް ކަމަށްވާ އެންޓަޔަޓްރޮވައިރަލް ތެރަޕީ ހޯދާފަ އެވެ. މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 2.4 އިންސައްތައިގެ އިތުރުވުމެކެވެ.
ދުނިޔޭގެ އެކި ހިސާބުަތަކުން ތުއްތުކުދިންނަށް ގާތުން ކިރުދޭ އަދި މާބަނޑު 85 އިންސައްތަ އަންހެނުންނަށް އެއިޑްސް ޖެހި ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)