ސިގިރޭޓުން ލިބޭ ގެއްލުމުގެ ވާހަކަތަކަކީ އަހަރެމެންގެ ތެރޭގައި އާ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން މި ގެއްލުންތަކުން ބިރަށް، “ސިއްހަތަށް ގެއްލުން ނުލިބޭ” ކަމަށް ބުނެ ވިއްކަމުންދާ އީ-ސިގިރޭޓް ނުވަތަ ވޭޕް ވެސް ގިނަ ބަޔަކު ދަނީ ބޭނުންކުރަމުންނެވެ.
ހަމައެހެންމެ ވޭޕްކުރުން ބައެއް ޒުވާނުންގެ މެދުގައި މިހާރު ވަނީ ސަގާފަތަކަށް ވެސް ވެފައެވެ. އެހެންނަމަވެސް މިހާތަނަށް ސައިންސްވެރިން ހޯދި ހޯދުންތަކުން ބުނާގޮތުގައި ވޭޕްކުރުމުންވެސް ހަށިގަނޑަށް ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ.
އެގޮތުން ބޮސްޓޮން ޔުނިވަރސިޓީ އޮފް ޕަބްލިކް ހެލްތް އަދި ސްކޫލް އޮފް މެޑިސިންގެ ރިސާޗަރުންތަކެއް ގުޅިގެން ދާދިފަހުން ހެދި ދިރާސާއަކުން ވަނީ ވޭޕްކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް އިތުރުވާކަމަށް ބުނެފަ އެވެ.
ޖާމާ ނެޓްވޯކް އޯޕެންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން ދިރާސާގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ކުރިންވެސް އީ-ސިގިރޭޓް ބޭނުންކޮށްފައިވާ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު 21 އިންސައްތައަށް އެބައޮތެވެ. އަދި މިހާރު އީ-ސިގިރޭޓް ބޯ މީހުންނަށް މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު 41 އިންސައްތައަށް އޮތްކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.
“މި ދިރާސާއިން އީ-ސިގިރޭޓުގެ ސަބަބުން ގެއްލުން ލިބޭކަމުގެ ހެކިތައް ލިބޭ” މި ދިރާސާގެ ރިސާޗަރެއް ކަމަށްވާ ޑރ. އެންޑްރޫ ސްޓޯކްސް ވިދާޅުވެފައި ވެއެވެ.
ޑރ. އެންޑްރޫ ވިދާޅުވިގޮތުގައި ފާއިތުވި ދެ އަހަރުތެރޭގައި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވޭޕްކުރުން ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފަ އެވެ. އަދި މީގެ ސަބަބުން އަނބުރާ ނުހޯދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެކުރިން ހެދި ދިރާސާއަކުން ވެސް ވަނީ ވޭޕްކުރާ މީހުންނަށް ކުރު މުއްދަތެއްގެ ތެރޭގައި ސީރިއަސް މައްސަލަތައް ކުރިމަތިވާކަން ހޯދިފަ އެވެ.
އީ-ސިގިރޭޓުގެ ސަބަބުން ކުރިމަތިވެދާނެ ބައެެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ކޮރޮނިކް ބްރޮންކައިޓިސް ރިސްކް 33 އިންސައްތައަށް މަތިވުން، އެމްފައިސީމާ ރިސްކް 69 އިންސައްތައަށް އުފުލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް ރިސްކް 57 އިންސައްތައަށް އުފުލުން، އަދި އެސްމާ ރިސްކް 31 އިންސައްތައަށް އުފުލުން ހިމެނެއެވެ. މިއީ މުޅިންވެސް ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)