އާދައިގެ ބަރުދަނެއްގައި ތިބޭ ކުދިންނާއި އަޅާބަލާއިރު، އާދަޔާ ހިލާފަށް ބަރުކުދިންގެ "ވޯކިން މެމޮރީ" އަށް އަސަރުކުރާކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ. "ވޯކިން މެމޮރީ" އަކީ ޝޯޓް-ޓާމް މެމޮރީ ނުވަތަ ކުރު މުއްދަތަކަށް ސިކުނޑިއަށް ޖަމާވާ މައުލޫމާތެވެ.
ޖާމާ ޕެޑިއެޓްރިކްސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން އާދައިގެ ބަރުދަނެއްގައި ތިބޭ ކުދިންނާ އަޅާބަލާއިރު، އާދަޔާ ހިލާފަށް ބަރުކުދިންގެ "ޕްރީފްރޮންޓަލް ކޯރޓެކްސް" ތުނި އެވެ.
މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ބޮޑީމާސް އިންޑެކްސް (ބީއެމްއައި) މަތިކުދިންގެ "ޕްރީފްރޮންޓަލް ކޯރޓެކްސް" މަސައްކަތްކުރާވަރު ދަށެވެ.
މި ދިރާސާ ހަދާފައިވަނީ ވާމޮންޓް ޔުނިވަރސިޓީ އާއި ޔޭލް ޔުނިވަރސިޓީ ގުޅިގެންނެވެ. އަދި މި ދިރާސައަށްފަހު ވާމޮންޓް ޔުނިވަރސިޓީގެ ނަރުހުންގެ ޑިޕާޓުމެންޓުގެ އެސޮސިއޭޓް ޕްރޮފެސަރ ޖެނިފަރ ލައުރެންޓް ބުނެފައިވާގޮތުގައި އެމީހުން ހެދި ދިރާސާއިންވެސް ބީއެމްއައި މަތިކުދިންގެ ސެރިބްރަލް ކޯރޓެކްސް، ހާއްސަކޮށް ޕްރިފްރޮންޓަލް އޭރިއާ ތުނިކަމަށް ދައްކައެވެ.
މި ދިރާސާގައި ޖުމްލަ 10،000 ފުރާވަރުގެ ކުދިން ހިމަނާފައިވާއިރު، ދިރާސާ ޓީމުންވަނީ 10 އަހަރުވަންދެން އެ ކުދިންގެ ސިއްހީ ޑާޓާތައް ބަލަހައްޓާފައެވެ. އެގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދިރާސާ ޓީމުން ވަނި ލޭގެ ޓެސްޓް ތަކަކާއި ސިކުނޑީގެ ސްކޭން އަދި ދިރާސާއަށް ހާއްސަ ޓެސްޓްތަކެއް ހަދާފައެވެ.
އަދި މި ދިރާސާގެ ނަތީޖާގައި ހިމެނޭ 3190 ކުދިންނަކީ ނުވަ އަހަރާއި ދިހަ އަހަރާއި ދެމެދުގެ ކުދިންނަށް ވާއިރު މި ކުދިން ދިރާސާއަށް ހޯދާފައިވަނީ 2017 ވަނަ އަހަރު ތަފާތު 21 ސަރަހައްދަކުންނެވެ.
ދިރާސާގައި ބައިވެރިވި އެއް ރީސާޗަރަކު ބުނިގޮތުގައި ތުނިކަން ފާހަގަ ކުރެވުނު "ޕްރީފްރޮންޓަލް ކޯރޓެކްސް" އަކީ މައުލޫމާތު ހަނދާނުގައި ބެހެއްޓުމާއި ކަންކަން ރޭވުމަށް މުހިއްމު ބައެކެވެ.
މީގެ ކުރިން ޖަނަވާރުންނާއި އިންސާނުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުންވެސް ފަލަބަލި އަދި ހަށިގަނޑުގެ ސެލްތަކަށް އަންނަ ބަދަލާއި ގުޅުމެއްވާކަމަށް ވަނީ ފާހަގަކުރެވިފައެވެ. އަދި ދިގު މުއްދަތަކަށް ހަށިގަނޑު އާދަޔާ ހިލާފަށް ބަރުކޮށް ތިބޭ ކުދިންގެ ސިކުނޑިއަށް އަސަރުކުރުމަކީ ވެދާނެކަމެކެވެ.
މިހެން މިކަންވަނީނަމަ ކުޑަކުދިންގެ ކެއުމުގެ އާދަކާދައާއި ކަސްރަތުކުރާ މިންވަރު ރަނގަޅު ކުރުމަށް ސިއްހީ ތަޖުރިބާކާރުން މަސައްކަތްކުރުމަކީ މުހިއްމު ކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)