ފަޤީރު ޤައުމުތަކުންދަނީ އަނަރޫފަވުމާއެކު، ފަލަވުން ވެސް ތަހައްމަލް ކުރަމުން
ދުނިޔޭގައި ތިން ވަނައަށް އެންމެ ފަޤީރު ޤައުމުތަކުންވެސް މިހާރު އަނަރޫފަވުމާއެކު، އާދަޔާ ހިލާފަށް ހަށިގަނޑު ބަރުވުމުގެ ސަބަބުން ތަހައްމަލް ކުރަންޖެހޭ އޮބީސިޓީ އާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ދަ ލަންސެޓް ޖާނަލްގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
މި ރިޕޯޓުގައި ހާމަކޮށްފައިވާގޮތުގައ މިފަދަ ސިއްހީ މައްސަލަތަކާއި ކުރިމަތިލާންޖެހޭ މައިގަނޑު އެއް ސަބަބަކީ މީހުން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވެފައި އާއްމު ކެއުމުގައި ތައްޔާރީ ކާނާ ބޭނުންކުރުމުގެ އާދަ ހަރުލުމެވެ. އަދި މިކަންކަން އެންމެ ބޮޑަށް ތަހައްމަލް ކުރަމުންދާ ޤައުމުތަކުތެރޭގައި އެފްރިކާގެ އިތުރުން އޭޝިޔާގެ ޤައުމުތައް ހިމެނެއެވެ.
ދަ ލަންސެޓްގެ މި ރިޕޯޓުގައި ލަފާކޮށްފައިވާގޮތުން ދުނިޔޭގެ އާބާދީގެ އެކި އުމުރުގެ 2.3 ބިލިޔަން މީހުންނަކީ އާދަޔާ ހިލާފަށް ހަށިގަނޑު ބަރު މީހުންނެވެ. އަދި 150 މިލިޔަނަށްވުރެ ގިނަ ކުދިންނަކީ ޅަ އުމުރު ހަށިގަނޑު ހެދިބޮޑުވުމަށް ހުރަސްއެޅިފައިވާ ކުދިންނެވެ. މީގެއިތުރުން ދުނިޔޭގެ އާބާދީގެ 20 އިންސައްތަ އަންހެނުން ފާހަގަކުރެވިފައިވަނީ އާދަޔާ ހިލާފަށް ހަށިގަނޑު އަނަރޫފަ މީހުންގެ ގޮތުގައެވެ. މިއާއެކު ދުނިޔޭގެ ދަށް އަދި މެދު ފަންތީގެ ޤައުމުތައް އަންނަނީ "އަނަރޫފަވުމުގެ ދެގުނަ ތަކްލީފް" ތަހައްމަލް ކުރަމުންނެވެ.
ރިޕޯޓުގައި އިތުރަށް ވާގޮތުގައި އަނަރޫފަވުން އަދި އޮބީސިޓީ ތަހައްމަލް ކުރަމުންދާ 123 ޤައުމުގެ ތެރެއިން 45 ޤައުމަކަށް މިކަން ކުރިމަތިވާން ފަށާފައިވަނީ 1990ގައެވެ. އަދި 126 ޤައުމުގެ ތެރެއިން 48 ޤައުމުކަށް 2010 ވަނަ އަހަރު ހިސާބުގައެވެ.
މިކަން މިގޮތަށް ދިމާވާ މައިގަނޑު ސަބަބުތަކެއް ކަމުގައި ރިޕޯޓުގައި ހާމަކޮށްފައިވަނީ ދުނިޔޭގެ ފުޑް ސިސްޓަމް ފެއިލް ވުމެވެ. އެގޮތުން މީހުން އާއްމު ދިރިއުޅުމުގައި ހެލިފެލިވެ އުޅޭ މިންވަރު މަދުއިރު، ފިހާރަތަކުން ފަސޭހައިން ނިއުޓްރިޝަން މަދު ކާނާ ލިބެން ހުރުމަކީ އޮބީސިޓީއަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ ގިނަ ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ކުދިން ތުއްތުއިރު ތައްޔާރީ ކާނާ ދޭން ފެށުމުގެ ސަބަބުން އެކުދިންގެ އުމުރުގެ ވަކި ހިސާބަކުން ހަށިގަނޑު ހެދިބޮޑުވުމަށް ހުރަސްއެޅި އަނަރޫފަވާ ކަމަށްވެސް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)