ފަލަ ބަލި ނުވަތަ އޮބީސިޓީ ހުންނަނަމަ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، ބަލީގެ ސަބަބުން މަރުވުމުގެ ފުރުސަތު 50 އިންސައްތަ އިތުރުވާކަމަށް އައު ހޯދުންތަކުން ދައްކައިފިއެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފަލަ ބަލި ހުންނަނަމަ ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ހަށިގަނޑުގައި ހުރުން ގާތެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށުވުންވެސް އެކަށީގެންވެއެވެ.
ދިރާސާވެރިން ލަފާކުރާ ގޮތުގައި ފަލަ ބަލި ހުންނަނަމަ ކޮރޯނާވައިރަސް ވެކްސިން އިން ކުރާ ފައިދާ ވެސް ކުޑަވެއެވެ. މިކަމަށް ހެކިދިނުމުގެ ގޮތުން ދިރާސާވެރިން ވިދާޅުވަނީ ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 30 އަށް ވުރެ މަތިނަމަ ފްލޫ ވެކްސިން އިން ކުރާ ފައިދާ ކުޑަވާކަމަށް ހޯދުންތަކުން ދައްކައިފައިވާތީއެވެ.
ފަލަ ބައްޔާއި ކޮވިޑް-19 އާއި ވާގުޅުން ހޯދުމަށް އެމެރިކާގެ ޔުނިވަރިސިޓީ އޮފް ނޯތު ކެރޮލީނާގެ ދިރާސާވެރިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝާއިއުކޮށްފައިވާ 75 ދިރާސާއަކަށް ބަލާފައެވެ. މިދިރާސާތަކުގައި ވަނީ 400،000 ބަލިމީހުން ހިމަނާފައެވެ.
ޔުނިވަރސިޓީ އޮފް ނޯތު ކެރޮލީނާ އިން މިހޯދުންތައް އެކުލަވާލުމުގައި އިސްކޮށް އުޅުއްވި ޕްރޮފެސަރ ބެރީ ޕޮޕްކިން ވިދާޅުވީ، ފަލަ ބަލި ތަޙައްމުލު ކުރާނަމަ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ކަމަށް ހޯދިފައިވަނީ ކުރިން ހީވެސްނުކުރާ މިންވަރަކަށް ކަމަށެވެ.
އެހެންކަމުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ބާރު އެޅުމަށް ޤައުމުތަކުން މަސައްކަތް އިތުރުކުރުމަށް އޭނާ ގޮވާލެއްވިއެވެ. އެގޮތުން ހަކުރު އެކުލެވޭ ބުއިންތައް މަދުކޮށް، ޖަންކް ފުޑް އަދި ޕްރޮސެސްޑް ކާނާ މަދުކުރުމަށް އިސްކަން ދޭން އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން އެއް ބާޒާރަށް ނެރެވުނު ނަމަވެސް، ފަލަ ބަލި ތަޙައްމުލު ކުރާ މީހުންނަށް އޭގެން ރައްކާތެރިކަން ލިބޭނީ ކިހާވަރަކަށްތޯ މިހާރުން ފެށިގެން ދިރާސާކުރުން މުހިންމުކަމަށް ޕްރޮފެސަރ ޕޮޕްކިން ވިދާޅުވިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 20 އިންސައްތަ އަކީ ހުންނަން ޖެހޭ މިންވަރަށް ވުރެ ބަރުދަން އިތުރު ނުވަތަ އޮބީސް މީހުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)