އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ޢާއިޝަތު ޝައިނާ ސަޢީދު ޝާއިޢު ކުރީ 30/01/2020

"މިއީ އެކި ވައްތަރުގެ ގޯނާއާއި އަނިޔާގެ ވާހަކައެއް." 

އެތައް އަހަރެއް ފަހުން ސަމާ މިވާހަކަތައް ކިޔައިމިދެނީ މިފަދަ ކަންކަމަށް އަލިއަޅުވާ، އެފަދަ ގޯނާ ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީވުމުގެ އުންމީދުގައެވެ.
Aishath Shaina Saeed Avatar
ޢާއިޝަތު ޝައިނާ ސަޢީދު

ޝާއިޢު ކުރީ: 30/01/2020

Mental Health Physical Abuse Child Abuse
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސަމާ* އަކީ 57 އަހަރުގެ އަންހެނެކެވެ. އޭނާއަކީ 50 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޖިންސީ ގޯނާ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ތަހައްމަލްކޮށްފައިވާ މީހެކެވެ. އެއީ ކުޑައިރު އޭނާގެ ޤުރުއާން ކިޔަވައިދިން މީހުންގެ ފަރާތުންނާއި އޭނާގެ މަންބަފައިންނާއި ގޭގައި ގެންގުޅުނު މީހުންގެ ފަރާތުނެވެ. މާ ގިނަ ދުވަސްތަކެއް ފާއިތު ނުވަނީސް ފިރިމީހާވެސް މިލިސްޓަށް އިތުރުވިއެވެ.

"އުމުރުން 11 އަހަރުގައި އަހަރެންގެ މައިންބަފައިން އަހަރެންގެ ކައިވެނި ހަމަޖެއްސި. މީގެ ސަބަބުން އަހަރެންގެ ހަޔާތުގެ ބޮޑުބައި ވަނީ ގެއްލިގެން ގޮއްސައި"

ސަމާ ފުރަތަމަ ބަނޑުބޮޑުވީ އުމުރުން 12 އަހަރުގައެވެ. ނަމަވެސް ވިހިއިރު ކުއްޖާއޮތީ މަރުވެފައެވެ. 13 އަހަރުގައި އަނެއްކާވެސް ބަނޑުބޮޑުވެ، މިފަހަރު މަންމައަކަށްވިއެވެ. އޭނާއަށް އިތުރު ދެކުދިން ލިބުނެވެ. އެއީ އުމުރުން 18 އަހަރުގައާއި 23 އަހަރުގައެވެ.

އޭނާ ޤަބޫލުކުރާ ގޮތުގައި އޭނާއަށް ސިއްޙަތު ސަލާމަތުން ހުރި ދަރިން ލިބުނުކަމަކީ ރަހުމަތެކެވެ. ނަމަވެސް، ހަގު އުމުރެއްގައި، އޭނާގެ ޅަ ހަށިގަނޑަށް ކޮށްފައިވާ އަނިޔާއާއި އަދި ބަނޑުބޮޑުއިރު ދިމާވި ގޮންޖެހުންތަކުގެ ނަތީޖާއަކަށްވީ ސަމާގެ އުރަމައްޗަށާއި އުފަންވެނި ނިޒާމަށް ދާއިމީ ގެއްލުންތަކެއް ލިބުމެވެ. 

"ވިހޭ ކޮންމެ ފަހަރެއްވީ ވަރަށް ވޭންދެނިވި ތަޖުރިބާތަކަކަށް. އޭގެ ސަބަބުން ހަށިގަނޑަށް ލިބުނު ގެއްލުންތަކުގެ އުނދަގޫ އަދިވެސް ފަސޭހައެއް ނުވޭ." 

އުމުރުން އެންމެ 23 އަހަރުގައި ސަމާއަށް 3 ކުދިން ލިބިފައިވޭ (ކުރެހުން: ޢާއިޝަތު ޝަޢިނާ ސައީދު)

ބަނޑުބޮޑުވި ފުރަތަމަ ތިންފަހަރު ހޮސްޕިޓަލަކުން ސަމާއަށް ސިއްޙީއެހީއެއް ނުލިބެއެވެ. އޭނާ ބުނާ ގޮތުގައި އެއީ އެޒަމާނުގައި ވަސީލތްތައް މަދުވުމުންނެވެ. އޭނާއަށް އަސްލު ސިއްޙީ ޙިދުމަތް ލިބުނީ އޭނާގެ އުމުރުން 23 އަހަރުގައި ބަނޑުބޮޑުވި އެންމެފަހު ފަހަރުއެވެ.

ގިނަ އަހަރުތަކެއްގެ މަތިން އޭނާގެ ހަށިގަނޑަށް ލިބިފައިހުރި ގެއްލުންތައް ޑޮކްޓަރުންނަށް ފެނުނުކަމުގައިވިއަސް، އެއީ އަނިޔާ ލިބުމުގެ ސަބަބުންވެފައިވާ ކަމެއް ގޮތުގައި އެފަރާތްތަކަކަށް ފާހަގައެއްނުވިއެވެ. ފާހަގަވިނަމަ އެކަން ސަމާގެ ސަމާލުކަމަކަށް ނުގެނެއެވެ. 

މިފަދަ ހާލަތްތަކުގައި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން، އަނިޔާ ލިބެމުންދާ ފަރާތެއް ރައްކާތެރި ކުރުމަށް އެޅެވިދާނެ ފިޔަވަޅެއް އަޅުއްވާ އެފަދަ ނިޝާންތަކަށް ސަމާލުވެވިދާނެއެވެ. 

އެތައް އަހަރެއް ފަހުން ސަމާ މިވާހަކަތައް ކިޔައިމިދެނީ މިފަދަ ކަންކަމަށް އަލިއަޅުވާ، އެފަދަ ގޯނާ ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީވުމުގެ އުންމީދުގައެވެ.

އޭނާގެ އުރަމައްޗަށާއި ޖިންސީ ގުނަވަންތަކަށް ލިބިފައިވާ ބައެއް ގެއްލުންތައް އޮޕޭރޭޝަންކޮށްގެން ރަނގަޅު ކުރެވިދާނެކަން ޑޮކްޓަރުންވަނީ އޭނާއަށް އަންގާފައި ވިޔަސް އެފަދަ ފަރުވާއެއް ހޯދުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ. މީގެ މައިގަނޑު ސަބަބަކަށްވަނީ ފައިސާގެ ދަތިކަމެވެ. ނަމަވެސް ނަފްސާނީ ގޮތުން ފަރުވާ ހޯދުމަށް އޭނާވަނީ ޝައުގު ފާޅުކޮށްފައެވެ.

"ސިއްޙީ ފަރުވާ ހޯދަން ދުވަހަކުވެސް ނުގޮސް އުޅެވިދާނެ. އަހަރެންގެ އުމުރުން މިހާރު މިވަނީ 57 އަހަރު. އަހަރެންގެ އުމުރުގެ އެންމެ މުހިންމު ދުވަސްތައް ވަނީ ފާއިތުވެ ގޮއްސަ. އެކަމަކު ނަފްސާނީ އެހީ ހޯދުމަށް މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ."

އޭނާއަށް މިހާރު އަނެއްކާވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ލިބޭ ވަސީލަތްތައް މަދުވުމެވެ. އޭނާ މާލޭ ސަރަޙައްދުގެ ބޭރުގައިވާ އަތޮޅެއްގައި ދިރިއުޅުމުގެ ސަބަބުން، ނަފްސާނީ ފަރުވާ އަކީ އަތްނުފޯރޭ ޚިދުމަތެކެވެ. މިފަދަ ޚިދުމަތްތައް ނުލިބުމަކީ އޭނާ ދެކޭގޮތުގައި ވަރަށް ބޮޑު ދަތިކަމެކެވެ. އޭނާގެ ފިރިމީހާއާއި ކައިވެނި ކޮށްގެން އުޅޭތީވެ، އޭނާގެ ގެއާއި ރަށް ދޫކޮށްފައި އެފަދަ ފަރުވާއެއް ހޯދާކަށް ނުވެސް ދެވެއެވެ.

"އަހަރެން އޭނާއައް (ފިރިމީހާއަށް) ނަފްރަތުކުރަން. އަންނަ ރުޅީގައި އޭނާއާ ދިމާލަށް ކުޑަކުދިންނަށް ގޯނާ ކުރާ މީހެކޭ ގޮވަން. ވަރިވާން ދެފަހަރުމަތިން މަސައްކަތްވެސް ކުރިން. އެކަމު މިއަދު އޭނާ ހުރީ މުސްކުޅިވެ ގައިބާރުދެރަވެފަ. އެހެންވީމަ ވަރިވާން އުޅުމުގެ ބޭނުމަކީ ކޮބާ؟"

ސަމާ މިހާރު ގިނަވަގުތު ހޭދަކުރަނީ އޭނާގެ ބަގީޗާގައެވެ (ކުރެހުން: ޢާއިޝަތު ޝައިނާ ސަޢީދު)

ސަމާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެން އޭނާ ކިޔެވިއެވެ. މިހާރު އޭނާއަކީ ޕޭސްޓްރީ އެއްޗެހި ހަދާ މީހެކެވެ. އޭނާގެ ގޭގެ ބަގީޗާގައި މަލާއި މޭވާ ހެއްދުމުގެ މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ އުފަލެކެވެ. ކޮންމެގޮތަކަށް ކަންހިނގާފައި ވިޔަސް، އޭނާގެ ހިތުގައި ދަރިންނާއި މެދު އޮންނަނީ ހުސް ލޯތްބެވެ.

ސަމާގެ އެދުމަކީ އޭނާގެ ވާހަކަ އަޑުއިވުމުން އޭނާ އާއި އެއްކަހަލަ ތަޖުރިބާތައް ކޮށްފައިވާ އެހެން މީހުންނަށް ހިތްވަރު ލިބިގަތުމެވެ. އަދި އެމީހުންނަށް ގާނޫނީ ގޮތުން ލިބެންޖެހޭ އެހީ، އަދި ޚާއްސަކޮށް ސިއްޙީ އެހީ ލިބިގަތުމަށް ބާރުއެޅުމެވެ.

އޭނާގެ ދިރިއުޅުމާއި މެދު ވިސްނަމުން ސަމާ ބުންޏެވެ. "އަހަރެން ދުނިޔޭގައި މި ދިރިހުރީ ކިހިނެއްކަމެއް ނޭނގެ. މި ހިސާބަށް އާދެވުނުކަމަކީ ނިޢުމަތެއް."

 

*މިލިއުމުގައި ބޭނުންކުރެވިފައިވަނީ އެފަރާތުގެ އަސްލުނަމެއް ނޫނެވެ.

ޚާއްސަ ޝުކުރު: ލިޔުން އެކުލަވާލުމަށް އެހީތެރިވެދެއްވި ކަމަށް ޒަޔާ ކެތެރީން އަށް

ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.   

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ