ދަރިންނަކީ މައިންބައިފައިންނާއި ހަވާލުކުރެވޭ އަމާނާތެކެވެ. އެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް އިސްލާމްދީނުގައި ވަނީ އެތައް ގޮތަކުން ބާރުއަޅުއްވާފަ އެވެ. ހާއްސަކޮށް ހެޔޮލަފާ ދަރިއެއް ތަރުބިއްޔަތުކޮށް ބޮޑުކުރުމަކީ އެކަމުގެ ސަބަބުން ގުނާ އަދަދު ނުކުރެހެވާ ހެޔޮ ދަރުމަ އާއި އަޖުރު މާތްﷲ މިންވަރު ކުރައްވާނޭ ކަމެކެވެ.
އެއްބަޔަކު ދަރިން ނުލިބިގެން ރެއާ ދުވާލު ހިތާމަކުރާއިރު، މަދު ބަޔަކު އެމީހުންގެ އުފަންދަރިންނާއި މެދު ހިޔާނާތްތެރިވާ މަންޒަރަކީ މިއަދު މި މުޖުތަމައު ކަރުނައަޅާނޭ އެއް ކަމެވެ. ކުޑަކުއްޖަކު ބޮޑުވެ ފުރާވަރަށް އަޅައިގެން އަންނައިރު، އެ ކުއްޖާ ތަރުބިއްޔަތު ކުރުމުގައި އޮންނަނީ ހަމައެކަނި މައިންބަފައިންގެ ދައުރެއް ނޫނެވެ. މައިންބައިފައިންނާއި، އާއިލާ އާއި އަދި އާއިލާގެ ރަހުމަތްތެރިންނާއި ކިޔަވަންދާ ސްކޫލުގެ މުދައްރިސުންގެ އިތުރުން ވަށައިގެން ދިރިއުޅޭ އަވައްޓެރިންވެސް ވެފައިވާނީ ކުއްޖާގެ ދިރިއުޅުމުގެ ހިއްސާއަކަށެވެ.
ކުޑަކުއްޖަކަށް މީހަކާއި ވާހަކަ ނުދައްކާށޭ ނުބުނާހާ ހިނދެއްގައި ނުވަތަ މީހެއްގެ ފަރާތުން ގޯސް އަމަލެއް ނުފެންނަހާ ހިނދެއްގައި އެމީހަކު ވާނީ އެ ކުއްޖާގެ މިތުރަކަށެވެ. އެހެންނަމަވެސް މި ލޮބުވެތި އިތުބާރު ކުއްޖާ އަތުން ނިގުޅައިގަނެވޭ ހިނދު، އެ ހަލާކު ކޮށްލެވެނީ ތުއްތު ހިތެކެވެ. އެ ތުއްތުކުއްޖާ ދެކެމުން ދިޔަ ހުވަފެން ތަކެކެވެ. އެ ތުއްތުކުއްޖާ ލޯބިވި އެތައް ފަރާތަކަށް ކުރަމުންދިޔަ އިތުބާރެވެ.
ދަރިފުޅު ބޮޑުވެގެން އަންނައިރު އެ ދަރިފުޅަށް "ގުޑް ޓަޗް" އަދި "ބޭޑް ޓަޗް" އެކަނި ބުނެދީގެން މިހާރު ފަރުޖެއްސޭކަށް ނެތެވެ. އެއަށްވުރެ ރަހުމްކުޑަ މީހުން މި ވިހިވިހީގެ ތަސައްވަރުގައި އަދިވެސް އެބައުޅެ އެވެ. އެހެންކަމުން ކުއްޖާއަށް މިފަދަ ކަންކަން ބުނެދޭއިރު މިއަށްވުރެ ސާފުކޮށް އަދި އަތްލަން ނުވާނޭ ގުނަވަންތަކަށް ކިޔާ އަސްލު ނަންތައް ވެސް ކުއްޖާއަށް އެނގޭނެހެން ބުނެދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.
ކުޑަކުއްޖަކަށް ޖިންސީފުރައްސާރަ އެއް ކިތަންމެ ކުޑަކޮށް ކުރިމަތިވި ނަމަވެސް އެކަމުގެ ސަބަބުން އެ ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ރަނގަޅަށް ކުއްޖާގެ އަމަލުތަކަށް ވިސްނާ ބަލައިފިނަމަ މިފަދަ ކަންކަން ފާހަގަވެސް ކުރެވޭނެ އެވެ. ކިތަންމެ ތުއްތުއިރުގައި މިފަދަ ކަމެއް ދިމާވި ނަމަވެސް އެކަމުގެ ހިތާމަ މުޅި އުމުރަށްވެސް ކުއްޖާ ތަހައްމަލްކުރަން ޖެހިދެއެވެ. ގިނަ ފަހަރަށް ބޭރުފުށުން ނުފެނުނު ނަމަވެސް މިފަދަ ކަންތައް ތަހައްމަލްކުރާ ގިނަ ކުދިންނަކީ ނަފްސާނީގޮތުން ބަލިކަށި ކުދިންނެވެ.
ޔުނިވަރސިޓީ އޮފް ބަރމިންގަމް އިން ހެދި ދިރާސާއެއްގައި 1995-2018 އާ ދެމެދު 18 އަހަރުން ދަށުގެ 217،758 ކުދިންގެ މައުލޫމާތު ބޭނުން ކުރިއެވެ. މިކުދިންނަކީ ކުޑައިރު އަޅާނުލުމާއި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ތަހައްމަލް ކޮށްފައިވާ ނުވަތަ ތަހައްމަލް ކުރިކަމަށް ޝައްކު ކުރެވޭ ކުދިންނެވެ. މިކުދިންގެ މައުލޫމާތުތައް އަޅާ ކިއީ މިކަހަލަ އެއްވެސް އަނިޔާއެއް ތަހައްމަލް ކޮށްފައި ނުވާ 423،410 މީހުންނާއެވެ.
މިދިރާސާގެ ނަތީޖާއިން ފެނިގެން ދިޔައީ ކުޑައިރު މިއަނިޔާ ތަހައްމަލް ކޮށްފައިވާ ކުދިން ނަފްސާނީ ބަލިތައް ޖެހުމުގެ ފުރުސަތު 2 ގުނައަށް އިތުރުވާ ކަމެވެ. އެނަފްސާނީ ބަލިތަކުގެ ތެރޭގައި ސައިކޯސިސް، ސްކިޓްޒޮފްރޭނިޔާ އަދި ބައިޕޯލާ ޑިސްއޯޑަރ ހިމެނެއެވެ.
ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް މަސައްކަތްކުރާ ނެޓްވޯކެއް ކަމަށްވާ (ރެއިން)އިން ބުނާގޮތުން ނަމަ ޖިންސީ ފުރައްސާރަ ކުރިމަތިވާ ކުޑަކުދިންނަށް ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް (ޕީ.ޓީ.އެސް.ޑީ)، ޑިޕްރެޝަން އަދި އަމިއްލައަށް ފަރުވާ ހޯދުމަށް ބާރުގަދަ ބޭސް ބޭނުންކުރުމުގެ ފުރުސަތު 3-4 ގުނަ އިތުރު ވެއެވެ.
އަދި މިފަދަ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ އިތުރު ފަރާތެއްގެ އެހީއެއް ނެތި މިކަންކަން ތަހައްމަލް ކުރާ ކުދިންނެވެ. އަދި ޖިންސީ ފުރައްސާރަ ތަހައްމަލްކުރަމުންދާ ގިނަކުދިން އެ ވާހަކަ އެހެން މީހުންނާއި ހިއްސާނުކުރާ އެއް ސަބަބަކީ، އެ ކުދިންގެ ވާހަކަތައް ބޮޑެތި މީހުން ޤަބޫލުނުކޮށްފާނޭ ކަމުގެ ބިރުއޮތުމެވެ.
ޖިންސީ ފުރައްސާރައިން ސަލާމަތްވާ ގިނަ ކުދިންނަކީ އެކަމުގެ ސަބަބުން ޕީ.ޓީ.އެސް.ޑީ، ޑިޕްރެޝަން، ކެއުމަށް ދަތިވުން އަދި ޑިސޮސިއޭޓިވް އެންޑް ޕާރސަނަލަޓީ ޑިސްއޯޑާ އަށް ހުށަހެޅިގެންދާ ކުދިންނެވެ. ޑިސޮސިއޭޓިވް އެންޑް ޕާރސަނަލަޓީ ޑިސްއޯޑާ ނުވަތަ މަލްޓިޕްލް ޕާސަނަލިޓީ ޑިސްއޯޑަރ އަކީ ކުރިމަތިވާ ހާދިސާއެއްގެ ސަބަބުން މީހާގެ މިޒާޖު އެކި ވަގުތު އެކިގޮތަށް ބަދަލުވުމަށް ކިޔާ ނަމެކެވެ. މިހެން ދިމާވަނީ ހަނދާން ނެތުން ނުވަތަ ލަހުން ހަނދާންވުމަށް މެދުވެރިވުމުންނެވެ.
އެމެރިކާގެ ނެޝަނަލް ވައެލެންސް އެގެއިންސްޓް ވިމެން ޕްރިވެންޝަން ސެންޓަރ އިން ރިޕޯޓުކުރާ ގޮތުގައި ޖިންސީ ފުރައްސާރައިން ސަލާމަތްވާ މީހުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހުމުގެ ފުރުސަތު 26 ގުނަ އިތުރުވެއެވެ.
ޖިންސީ ފުރާސާރައިގެ ޝިކާރައަކަށް ވާ ކުދިންނަށް ނަފްސާނީ ފަރުވާ ލިބުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. ހާއްސަކޮށް މިފަދަ ކަންކަމުގެ ޝިކާރައަކަށްވެފައިވާ ކުދިންނަށްޓަކައި އެކުދިންގެ އާއިލާ އާއި ރައްޓެހިންނާއި އެކި މުވައްސަސާތައް އަދި ގައުމުގެ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މިފަދަ ކޭސްތައް މަދުކުރުމަށް ދެވޭނެ އެއްބާރުލުމަކަށް ވާނެއެވެ. ބޭނުންވަނީ ފަސޭހައިން މިކަހަލަ މައްސަލަތައް ރިޕޯޓުކުރެވޭނެ ގޮތްތަކާއި، ކައުންސެލިން އަދި ނަފްސާނީ ގޮތުން އެހީތެރިވެ ދިނުމަށްޓަކައި އެކި އެކި ވަސީލަތްތަކެވެ.
އެކުދިންނަށް މީހުންނާއި ފަސޭހައިން ވާހަކަދެއްކި އަދި ކުދިން ދައްކާ ވާހަކަ ޤަބޫލުކުރާ މުޖުތަމައެއް ޤާއިމްކުރެވުމަކީ މިފަދަ ކަންކަން ކުރިމަތިވަމުންދާ ކުދިންގެ ހަމަހިމޭކަން މުގުރާލުމަށް ވެވޭނެ އެހީ އެކެވެ.
އެކުދިންނަށް ދިމާވެފައިވާ ވާހަކަތައް ހިއްސާކުރެވޭނީ މުޖުތަމައުން އެކުދިންނާއި ދިމާލަށް ބުނެވޭނެ ބަސްކޮޅަކުންނެވެ؛ "އަހަރެން ގަބޫލުކުރަން".
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)