އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙަތާއި ދުޅަހެޔޮކަން
ލިޔުނީ މަޢާނީ ފަތުހުﷲ އިސްމާޢީލް ޝާއިޢު ކުރީ 23/04/2020

ޑިޕްރެޝަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟

ޑިޕްރެޝަން އިންސާނަކަށް ޖެހުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާ، އަދި އެކަންތައް އެހެން ވަނީ ކޮންގޮތަކަށް؟
Ma’ani Fathulla Ismail Avatar
މަޢާނީ ފަތުހުﷲ އިސްމާޢީލް

ޝާއިޢު ކުރީ: 23/04/2020

DhulhaHeyoSihhathu Mental Health Depression
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

"އަލިމަނިކު ގޯތިތެރެއަށް ވަދެގެން ދިޔައިރު ދެކުނު ފަރާތު ފޭރުގަސް ދޮށުގައި އެލުވާފައި ހުރި ވާދިގު އުނދޯލީގައި އަންހެނުން ސަކީނާ އިސްދަށަށް ޖަހާލައިގެން އިނެވެ. އަލިމަނިކު ކައިރި ވުމުން އިސްއުފުލާ ބަލާލިއެއްކަމަކު އެ މޫނުގައި ހިނިތުން ވުމުގެ އަސަރެއްނެތެވެ. ދެލޮލުގައި އުޖާލާކަމެއް ނެތެވެ. ސަކީނާގެ އެ ދިރުމެއް ނެތް ތަސްވީރު ހެކިދެނީ 53 އަހަރު އުމުރުން ގުނަމުންދާ ސަކީނާ ފުންހިތާމައަކާއި ނުތަނަވަސްކަމެއްގެ ތެރެއަށް އޭނާ ގެނބިފައިވާކަމެވެ. 

އޭނާއަކީ މީގެ ކުރިން ކޮންފަދަ އުފާވެރި އަންހެނެއްތޯއެވެ. ގޯތި ތެރެއިން އަބަދުވެސް އިވޭނީ ސަކީނާގެ އުފާވެރި ހުނުމުގެ އަޑާއި ކިޔާލާ ރީތި ނާނާގެ އަޑެވެ. ކޮންމެ ދުވަހަކާއި ކޮންމެ ރެޔަކީ ސަކީނާގެ ފަރިތަ އަތުން ތައްޔާރު ކުރާ މީރު ކާނާތަކުން ކާމޭޒުމަތި ފުރާލެވިފައިވާ ރޭދުވާތަކެވެ. ނަމަވެސް މިހާރު އެރަހަތަކުގެ އަސަރެއްނެތެވެ. އެހުނުމުގެ އަޑެއްނެތެވެ. 

މީގެ ދެތިން މަސްދުވަސް ކުރިން ސަކީނާގެ ހަޔާތަށް ދިމާވި ހިތާމަވެރި ހާދިސާއަކާއެކު އޭނާ އެއިންނަނީ ހުއްޓިފައެވެ. އެތައް ބޭހަކާއި ފަންޑިތަވެސް ހެދިއްޖެއެވެ. ރުޤްޔާވެސް ކުރެވިއްޖެއެވެ. ރަށު ޑޮކްޓަރުގެ ލަފާގެ މަތިން މާލެ ގެންގޮސް ސައިކެޓްރިސްޓަކަށް ދައްކާ ފަރުވާ ނެގި ފަހުން ކޮންމެވެސް ވަރަކަށް ތެދުވެލާ އުޅުނަސް އަދިވެސް ސަކީނާގެ ކުރީގެ ހާލަތަކަށް ރުޖޫއައެއް ނުވެއެވެ.

އާދެ! ސަކީނާގެ ބައްޔަކީ ..."

ހިތާމައަކީ އިންސާނާގެ ޠަބީޢީ އިޙްސާސެކެވެ. ނޭދެވޭ ތަޖުރިބާތައް ކުރަން ޖެހުމުން ދެރަވެ ނުތަނަވަސްވުމަކީ ޤުދުރަތީ ކަމެކެވެ. އެހެން ނަމަވެސް ބައެއް ޙާލަތްތަކުގައި އިންސާނާ ކުރަމުންދާ ހިތާމައިން ޠަބީޢީކަން ފިލައިގޮސް ބައްޔަކަށް ބަދަލުވާން މެދުވެރިވެއެވެ. މި ބައްޔަށް ޞިއްޙީ މާހިރުން ކިޔަނީ ޑިޕްރެޝަނެވެ. 

ޑިޕްރެޝަނަކީ ޢާއްމު ޙާލަތްތަކުގައި ނޭދެވޭ ކަމެއް މެދުވެރިވުމުންވާ ދެރައަށްވުރެ އެތަކެއް ގުނަ އިތުރަށް ހިތާމަކުރުމަށް މެދުވެރިކުރުވާ، އާދައިގެ މުއްދަތަކަށްވުރެ މާގިނަ ޒަމާންތަކަކަށް އެ ހިތާމަ ދިގުލައިގެންދާ ނަފްސާނީ ބައްޔެކެވެ. އެގޮތުން މި ބަލި ޖެހިފައިވާކަމަށް ބެލެވޭނީ ޑިޕްރެޝަންގެ ޢަލާމާތްތައް މަދުވެގެން 2 ހަފްތާ ވަންދެން ކޮންމެ ދުވަހަކުވެސް ދުވަހުގެ ބޮޑު ބައެއްގައި ހުންނަނަމައެވެ. އެއަށްފަހު މެދުކެނޑުމެއްނެތި އެތަކެއް އަހަރުތަކެއް ވަންދެން ބަލިމީހާއަށް މި ބަލި ތަޙައްމަލުކުރަން ޖެހިދާނެއެވެ. ނުވަތަ އެކި ދުވަސްވަރު ފެނިގެއްލިދާފަދަ ގޮތަކަށް "ޑިޕްރެސިވް އެޕިސޯޑްސް" ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

"ޑިޕްރެޝަން ޖެހެނީ ކީއްވެ؟" "އެންމެންވެސް ހިތާމަކުރޭ! އެކަމަކު އެންމެނަށް ޑިޕްރެޝަން ނުޖެހެނީ ކީއްވެ؟" މިއީ ޑިޕްރެޝަނާ ބެހޭގޮތުން ވާހަކަދައްކާއިރު އުފެދޭ ސުވާލުތަކެކެވެ. ޑިޕްރެޝަންގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ނިއުރޮލޮޖިކަލް، ސޯޝަލް އަދި ސައިކޮލޮޖިކަލް ފެކްޓަރސް ނުވަތަ ސަބަބުތަކަށް ބަލައިލަންޖެހެއެވެ. ޑިޕްރެޝަނަށް މެދުވެރިކުރުވަނީ މިދެންނެވި ސަބަބުތައް ގުޅިލާމެހިގެންނެވެ.

ނާރުތަކުގެ ނިޡާމު

"ނިއުރޯ" ނިސްބަތްވަނީ އިންސާނާގެ ނާރުތަކުގެ ނިޡާމާ ގުޅިފައިވާ ކަންކަމަށެވެ. ނާރުތަކުގެ ނިޡާމަކީ އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ މަސައްކަތްތައް ބަލަހައްޓައިދީ، ތަފާތު އިޙްސާސްތައް ގެނެސްދީ، ތަފާތު ޙަރަކާތްތައް ކުރުމުގައި އިންސާނާއަށް އެހީތެރިވެދޭ ނިޡާމެކެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ އެއީ "ނަރވަސް ސިސްޓަމް" އެވެ.

ނާރުތަކުގެ ނިޡާމުގެ ބައެއް ގުނަވަންތައް

މި ނިޡާމުގައިވާ އެންމެ މުހިއްމު ގުނަވަނަކީ ހަށިގަނޑުގެ ކޮންޓްރޯލް ސެންޓަރކަމަށްވާ ސިކުނޑިއެވެ.  ސިކުނޑިން ހަށިގަނޑުގެ އެހެން ބައިތަކަކަށް ޚަބަރު ފޮނުވައިދިނުމުގައި އެހީތެރިވެދެނީ ނާރުތަކުގެ ނިޡާމުގައިވާ ހަމަލޮލަށް ފެންނަވަރަށްވުރެ ކުދި ދިރު ނުވަތަ ނިއުރޯނެވެ.

އިންސާނެއްގެ ސިކުނޑީގައި ގާތްގަނޑަކަށް 86 ބިލިއަން "ނިއުރޯންސް" ވެއެވެ. މިދެންނެވި ނިއުރޯންތައް ސިކުނޑިއާ ގުޅިގެން ނާޒުކު މުވާޞަލާތީ ނިޡާމެއް އުފައްދައެވެ.

ނާރުތަކުގެ ނިޡާމުގައިވާ ދިރު ނުވަ ތަ ނިއުރޯން

ނިއުރޮލޮޖިކަލް ފެކްޓަރސް

ޑިޕްރެޝަނަށް މެދުވެރިކުރުވާ މަރުޙަލާގައި ސިކުނޑިއަށް ޖިސްމާނީ ބަދަލުތަކެއް އާދެއެވެ. ޑިޕްރެޝަން ޖެހޭ މީހުންގެ ސިކުނޑީގެ "ލިމްބިކް ސިސްޓަމަށް" އަސަރުކުރާކަމަށް ދިރާސާތަކުން ހޯދިފައިވެއެވެ.

ލިމްބިކް ސިސްޓަމަކީ ސިކުނޑީގެ މުހިއްމު މަސްޢޫލިއްޔަތުތަކެއް އުފުލާ ނިޡާމެކެވެ. ސަމާލުކަންދިނުމާއި ހަނދާންތަކާއި އިޙްސާސްތައް ދައުރުކޮށްދިނުމާއި ކާހިތްވުމާއި ނިދިއައުން ތަންޒީމުކުރުމުގައިވެސް ލިމްބިކް ސިސްޓަމްގައި ހިމެނޭ ގުނަވަންތަކުގެ ދައުރެއްވެއެވެ.

ލިމްބިކް ސިސްޓަމް

"ތަލަމަސް" އަދި "އެމީގްޑަލާ"އަކީ އޭގެ ތެރޭގައި ހިމެނޭ މުހިއްމު 2 ގުނަވަނެވެ. މި 2 ގުނަވަނުގެ މުހިއްމު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަށައިގެންވާ މާޙައުލަށް އަންނަ ބަދަލުތައް އިންސާނާގެ ޙިއްސުތައް މެދުވެރިކުރުވައިގެން ދެނެގަތުމާއި ކުއްލި ޙާލަތްތަކުގައި ޢަމަލުކުރުމަށް އިންސާނާގެ ހަށިގަނޑު ތައްޔާރުކުރުމާއި މުހިއްމު ހަނދާންތައް ރައްކާތެރިކުރުން ހިމެނެއެވެ. 

 ލިމްބިކް ސިސްޓަމްގެ އިތުރުން ޑިޕްރެޝަން ޖެހިފައިވާ މީހުންގެ ސިކުނޑީގެ "ފްރޮންޓަލް ލޯބަށް" ވެސް ނޭދެވޭ ބަދަލުތަކެއް އާދެއެވެ. ފްރޮންޓަލް ލޯބަކީ ސިކުނޑީގެ އެންމެ ކުރިމައްޗަށް އިންނަ ބައެވެ.

މި ބައިން މައްސަލަތައް ޙައްލުކުރުމަށާއި ހެލިފެލިވެއުޅުމަށާއި ކަންކަން ނިޔާކުރުމަށް އަދި ވިސްނުންތެރިކަމާއެކު ޢަމަލުކުރުމަށް އިންސާނާއަށް  އެހީތެރިވެދެއެވެ. އޭގެ އިތުރުން ޖަމާޢަތާ ގުޅިގެން އުޅުމާއި ޖިންސީ އެދުންވެރިކަން ދެމެހެއްޓުމުގައިވެސް ފްރޮންޓަލް ލޯބް މުހިއްމު ދައުރެއް އަދާކުރެއެވެ.

ސިކުނޑީގެ ބައިތައް

ޑިޕްރެޝަން ޖެހިފައިވާ މީހުންގެ މައްޗަށް ކުރެވޭ ދިރާސާތަކުން ދައްކާގޮތުގައި އެމީހުންގެ ފްރޮންޓަލް ލޯބް ލިމްބިކް ސިސްޓަމާ، ވަކިން ޚާއްޞަކޮށް އެމީގްޑަލާއާ ގުޅިގެން މަސައްކަތްކުރާ ސަރަޙައްދުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ވުމާއެކު ޑިޕްރެޝަން ޖެހެނީ މިދެންނެވި ގުނަވަންތަކަށާއި އެ ގުނަވަންތަކާ ގުޅުން ހުރި ކެމިކަލްތަކަކަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ސަބަބުން އެބައިތަކުގެ މަސްޢޫލިއްޔަތުތައް އަދާނުކުރެވުމުންކަމަށް ބެލެވެއެވެ. 

  • ނިއުރޯޓްރާންސްމިޓަރސް

ކުރިން ދެންނެވުނު ބައިތަކާ ގުޅުންހުރި ކެމިކަލްތަކަށް ކިޔާ ނަމަކީ "ނިއުރޯޓްރާންސްމިޓަރސް"އެވެ.

މިއީ ސިކުނޑިއާއި ނިއުރޯންތައް ގުޅިގެން އުފައްދާ މުވާޞަލާތީ ނިޡާމު ފުރިހަމަކޮށްދޭ މާއްދާއެވެ. އެހެނީ އެއް ނިއުރޯން އަނެއް ނިއުރޯނާ ޖިސްމާނީ ގޮތުން ގުޅިލާމެހިފައެއް ނުވެއެވެ. ކޮންމެ 2 ނިއުރޯނެއްގެ ދެމެދުގައި "ސިނެޕްޓިކް ކްލެފްޓް" ކިޔާ ހުސް ޖާގައެއްވާނެއެވެ.

ސިކުނޑިން ފޯރުވައިދޭ ސިގްނަލްތައް އެއް ނިއުރޯނުން އަނެއް ނިއުރޯނަށް ދައުރުވަނީ، ފުރަތަމަ ނިއުރޯން ނިމޭ ހިސާބުން ނުވަތަ އެކްސޯން ޓަރމިނަލުން ނިއުރޯޓްރާންސްމިޓަރސް ބޭރުވެ، އެ ކެމިކަލްތައް ސިނެޕްޓިކް ކްލެފްޓް ހުރަސްކޮށް ދަތުރުކުރުމަށްފަހު ދެވަނަ ނިއުރޯން ފެށޭ ހިސާބަށް ވާޞިލުވުމުންނެވެ. މި މުޢާމަލާތް ހިނގާ ޕޮއިންޓަށް ކިޔަނީ "ސިނެޕްސް"އެވެ.

މި މުވާޞަލާތީ ނިޡާމު ހެޔޮގޮތުގައި މަސައްކަތްކުރާނީ ނިއުރޯޓްރާންސްމިޓަރސްގެ އަދަދު މެދުމިނެއްގައި އުފެއްދުމާއެކު އެކަށީގެންވާ މުއްދަތަކަށް ސިނެޕްސްގައި ހިފެހެއްޓިގެންނެވެ. އަދި ފުރަތަމަ ނިއުރޯނުން ދެވަނަ ނިއުރޯނަށް ވާޞިލުވާއިރު، ދެވަނަ ނިއުރޯނުގެ ބޭރުދުލީގައިވާ "ރިސެޕްޓަރސް"އާ ނިއުރޯޓްރާންސްމިޓަރސް ރަނގަޅަށް ގުޅުން މުހިއްމެވެ. ސިކުނޑީގެ ސިގްނަލްތައް އެހެން ގުނަވަންތަކަށް ފޯރުކޮށްދިނުމަށްޓަކައި ނިއުރޯންތައް މުރާލިވާނީ އޭރުންނެވެ.

ސިނެޕްސް

"މޮނޯއެމީންސް"އަކީ ޑިޕްރެޝަނާ ގުޅިފައިވާ ނިއުރޯޓްރާންސްމިޓަރސްގެ ވައްތަރެވެ. އޭގެ ތެރޭގައި ހިމެނެނީ "ނޯރއެޕިނެފްރިން، ސެރޮޓޮނިން އަދި ޑޯޕަމިން" އެވެ. މިއީ ހަށިގަނޑުގައި އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކާމިޔާބީގެ އިޙްސާސްތައް ދައުރުކޮށްދޭ މާއްދާތަކެވެ.

މި ނިއުރޯޓްރާންސްމިޓަރސް އުފައްދާ ސަރަޙައްދުތަކާ ފްރޮންޓަލް ލޯބް ގުޅިފައިވެއެވެ. އަދި މޮނޯއެމީންސް ލިމްބިކް ސިސްޓަމްގައި ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އެހެންކަމުން މޮނޯއެމީންސްއަށް ނޭދެވޭ ބަދަލުތައް އަންނަން ފެށުމުން ވަރުބަލިވުމާއި ނުތަނަވަސްވުމާއި ބަސްމަދުވުން ފަދަ ޢަލާމާތްތައް ފެންނަން ފަށާކަމަށް މި ބަލި ދިރާސާކުރާ ސައިންޓިސްޓުން ޤަބޫލުކުރެއެވެ. މިއީ ޑިޕްރެޝަނަށް މެދުވެރިކުރުވާ ދެވަނަ ނިއުރޮލޮޖިކަލް ފެކްޓަރއެވެ.

  • ސްޓްރެސް ހޯރމޯން

ޑިޕްރެޝަނާ ގުޅުން ހުރި އިތުރު ކެމިކަލްއަކީ "ސްޓްރެސް" ހޯރމޯނެއްކަމުގައިވާ "ކޯރޓިސޯލް"އެވެ. މިއީ ހާސްވެ ފިކުރުބޮޑުވެ ނުތަނަވަސްވާ ގަޑީގައި 2 ގުރުދާގެ މަތީގައި ތިނެސްކަން ބައްޓަމަށް އިންނަ އެޑްރީނަލް ގްލޭންޑުން ބޭރުކުރާ ހޯރމޯނެކެވެ.

ޑިޕްރެޝަން ޖެހޭ މީހުންގެ ކޯރޓިސޯލް މަތިވާކަމަށް ހޯދިފައިވެއެވެ. އޭގެ ސަބަބުން ނޭދެވޭ ކަމެއް މެދުވެރިވާ ކޮންމެ ފަހަރަކު މާބޮޑަށް ނުތަނަވަސްވާ ގޮތްވެއެވެ. ނަތީޖާއެއްގެގޮތުން ސެރޮޓޮނިންއާއި ނޯރއެޕިނެފްރިންގެ މަސައްކަތްތަކަށްވެސް ބުރޫއަރައެވެ. މިފަދަ ސަބަބުތަކާހުރެ ސިކުނޑީގައި "ކެމިކަލް އިމްބެލެންސް"އެއް އުފެދިގެންދެއެވެ. ކެމިކަލް އިމްބެލެންސްއަކީ ހަށިގަނޑުގެ ގުނަވަންތަކުގައި ކެމިކަލްތައް ހުންނަންޖެހޭ ވަރަށްވުރެ ގިނަވުން ނުވަތަ މަދުވުމެވެ. އެއާއެކު ޑިޕްރެޝަނަށް މަގުފަހިވާކަމަށް ޤަބޫލުކުރެވެއެވެ.

  • ޑިޕްރެޝަން ވާރުތަވުން

ވަކި ބަޔަކަށް ޑިޕްރެޝަން ޖެހެނީ ކީއްވެތޯ އުފެދޭ ސުވާލުގެ ނިއުރޮލޮޖިކަލް ޖަވާބަކީ މިއީއެވެ. މައިންބަފައިންގެ ކިބައިން ވާރުތަވާ "ޖީންސް" ނުވަތަ ވިރާސީ ބަހާގެ ސަބަބުން ޑިޕްރެޝަން ޖެހުމަށް މެދުވެރިވެދާނެއެވެ. މަންމަ ނުވަތަ ބައްޕައަށް ޑިޕްރެޝަން ޖެހިފައިވާނަމަ ކުއްޖާއަށްވެސް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑެވެ.

އެހެންވުމަށް މެދުވެރިކޮށްފާނެ އެއް ސަބަބަކީ ވާރުތަވާ ބައެއް ކަހަލަ ޖީންސްގެ ސަބަބުން މީހާ ނުތަނަވަސްކަމާ ނުވަތަ "ސްޓްރެސް"އާ ކުރިމަތިލުމުގެ ކުޅަދާނަކަން ކުޑަވުމެވެ. ވާރުތަވުމުގެ ސަބަބުން ޑިޕްރެޝަން ޖެހުމަށް ފުރުޞަތު ބޮޑު ނަމަވެސް އެކަން އެގޮތަށް މެދުވެރިކުރުވާނީ ކުއްޖާ އުޅެބޮޑުވާ މާޙައުލާއި ކުރަންޖެހޭ ތަޖުރިބާތަކުގެ ސަބަބުންނެވެ.

ސޯޝަލް ފެކްޓަރސް

ޢާއްމުގޮތެއްގައި ޑިޕްރެޝަންގެ ޢަލާމާތްތައް ފެންނަން ފަށަނީ ދިރިއުޅުމުގައި ވަރަށް ހިތާމަވެރި ޙާދިޘާއެއް ކުރިމަތިވާ ހިސާބުންނެވެ. މިސާލަކަށް ވަޒީފާއިން ކަނޑާލުން، ވަރިވުން ނުވަތަ ގާތް މީހަކު މަރުވުމުން ކުރަމުންދާ ހިތާމަ ޑިޕްރެޝަނަށް ބަދަލުވެދާނެއެވެ. 

ގިނަ ދުވަސްތަކެއް ވަންދެން ނުތަނަވަސްކަމެއްގައި އުޅެންޖެހުން އަދި ތަކުރާރުކޮށް ހިތްދަތިކަމަކާ ކުރިމަތިލާންޖެހުމަކީވެސް މިބަލި ޖެހުމަށް މެދުވެރިކުރުވާ ސަބަބުތަކެކެވެ. ހަނގާކުރުމުގެ ޝިކާރައަކަށްވުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވުން، ޖިންސީ އަނިޔާގެ ޝިކާރައަކަށްވުން އަދި ނަސްލީ ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހުންވެސް މީގެތެރޭގައި ހިމެނެއެވެ.

އެހެން މީހުންނާ އެކަހެރިވެގެން އުޅޭ މީހުނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު މާބޮޑެވެ. ތަފާތު ސަބަބުތަކާހުރެ ޖަމާޢަތުން ބާކީކޮށްލާނަމަ އެކަމުގެ ސަބަބުންވެސް މިބައްޔަށް މަގުފަހިވެގެންދެއެވެ. އެހެނީ ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި މާބޮޑަށް އެކަނިވެރިވެ، އޯގާވެ ލޯބިދޭނޭ ފަރާތްތަކެއް ނެތުމުން ހިތާމަކުރުމަށް މެދުވެރިކުރުވާނެއެވެ.

ބައެއް ޙާލަތްތަކުގައި ޑިޕްރެޝަންފަދަ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެއްގެ ގާތުގައި މާގިނަ ވަގުތު ހޭދަކުރާނަމަ މީހާގެ ވިސްނުމަށް ނޭދެވޭ އަސަރުތައްކުރުމާއެކު ޑިޕްރެޝަން ޖެހެއެވެ. މިސާލަކަށް ޙަޔާތުގެ ބައިވެރިޔާއަށް ޑިޕްރެޝަން ޖެހިފައިވާނަމަ އެއީވެސް މިބަލި ޖެހުމަށް މެދުވެރިކުރުވާ ސަބަބަކަށްވެދާނެއެވެ.

މީގެ އިތުރުން އަންހެނުންނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. އޭގެ ބައެއް ސަބަބުތަކަކީ އަންހެނުންނަށް ޙަޔާތުގައި ކުރަން ޖެހޭ ތަޖުރިބާތަކާއި އޭގެ ސަބަބުން އަންނަ ތަފާތު ބަދަލުތަކެވެ. މިސާލަކަށް ވިހެއުމާ ގުޅިގެން ހަށިގަނޑަށާއި ހޯރމޯންސްއަށް އަދި ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޑިޕްރެޝަން ޖެހުމަށް މެދުވެރިކުރުވައެވެ. މިއީ ހައްތަހާވެސް ޑިޕްރެޝަނާ ގުޅިފައިވާ ސޯޝަލް ފެކްޓަރސްއެވެ.

ސައިކޮލޮޖިކަލް ފެކްޓަރސް

ކުރިމަތިވާ ތަޖުރިބާތަކާ ކުރިމަތިލާ ގޮތުގެ ސަބަބުންވެސް ޑިޕްރެޝަނަށް މަގުފަހިކުރުވައެވެ. ކޮންމެ ޙާލަތެއްގައިވެސް "ޕޮސިޓިވް" ވިސްނުން އިޚްތިޔާރުކޮށް އަމިއްލަ ނަފްސަށް އިތުބާރުކުރާ މީހުނަށް ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު ކުޑައެވެ. 

ހަމައެކަނި ހިތާމަވެރި ކަންކަމަށް ސަމާލުކަންދެވޭ މީހުނަށް ކޮންމެ ޙާލަތެއްގައިވެސް ފާހަގަކުރެވޭނީ ނޭދެވޭ ކަންކަމެވެ. އެމީހުން ޢާއްމުކޮށް ބޭނުންކުރާނީ ހިތާމަވެރި ބަސްތަކެވެ. ހަނދާނުގައި ހުންނާނީވެސް ތަޖުރިބާކޮށްފައިވާ ހިތާމަވެރި ޙާދިޘާތަކެވެ. އެފަދަ މީހުން ސްޓްރެސްއާ ކުރިމަތިލާނީ އެކަށީގެންވާ ގޮތަކަކަށް ނޫނެވެ. 

އޭގެ އިތުރުން "ކޮގްނިޓިވް ޑިސްޓޯރޝަން" ނުވަތަ މީހާގެ ވިސްނުމަށާއި ޚިޔާލުތަކަށާއި އުނގެނުމަށާއި ޙިއްސުތަކަށް ނޭދެވޭ ބަދަލުތަކެއް އަތުވެއްޖެނަމަ "ނެގެޓިވް" ވިސްނުން ގެންގުޅުމަށް އާދަވެއެވެ. އެފަދަ މީހުން ދުނިޔެއާއި އަމިއްލަ ނަފްސާއި މުސްތަގުބަލާމެދު ގެންގުޅޭނީ މުޅިން ނުރަނގަޅު ޚިޔާލުތަކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިމާއަކީ އެއްވެސް އަގެއް ނެތް ބޭކާރު މީހެއްކަމަށް ޤަބޫލުކުރަން ފަށާފާނެއެވެ.

ބައެއް މީހުނަށް ހީވެފައިވާ ގޮތުގައި ދުނިޔޭގެ ހުރިހާ ހިތާމައެއް ކުރިމަތިވަނީ އެމީހުނަށް އެކަންޏެވެ. އަދި އެފަދަ މީހުން ނޭދެވޭ ކަމެއް މެދުވެރިވާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރާނެއެވެ. އަމިއްލަ ނަފްސަށް މަޢާފްކުރުމަކީ އެމީހުނަށް ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ވިސްނުންތަކާއެކު ދިރިއުޅެމުންދާނަމަ ޑިޕްރެޝަން ޖެހުމުގެ ފުރުޞަތު އެތަކެއް ގުނަ ބޮޑުވެގެންދެއެވެ.

ސަމާލުވެލައްވާ!

ޑިޕްރެޝަން އިތުރަށް ދެނެގަތުމަށްޓަކައި ގިނަ ދިރާސާތަކެއް ކުރެވެމުން އެބަދެއެވެ. އެހެނީ ބަޔާންވެދިޔަފަދަ ނިއުރޮލޮޖިކަލް، ސޯޝަލް އަދި ސައިކޮލޮޖިކަލް ސަބަބުތައް އެކުވެގެން ޑިޕްރެޝަން ޖެހޭ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 322 މިލިއަން މީހުނަށް ޑިޕްރެޝަން ޖެހިފައިވާކަމަށް ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމިއްޔާގެ ރެކޯޑުތަކުން ދައްކައެވެ. ދިވެހިރާއްޖޭގައިވެސް މިބަލި ޖެހޭ މީހުން މަދެއްނޫނެވެ.

ވުމާއެކު މިބަލި ޖެހޭގޮތުގެ ޙަޤީޤަތް އެނގުމަކީ މުހިއްމުކަމެކެވެ. އަދި ބަލި ޖެހިފައިވާނަމަ ވީހާވެސް އަވަހަށް ކައުންސެލިންގއާއި ޑޮކްޓަރީ ފަރުވާ ހޯދުން މުހިއްމެވެ. މި މަޒުމޫނުގެ ޒަރިއްޔާއިން ޑިޕްރެޝަން ޖެހުމަށް މެދުވެރިކުރުވާ ސަބަބުތައް ކިޔުންތެރިންނަށް ސާފުވެލައްވާނެކަމަށް އުއްމީދު ކުރަމެވެ.


މިލިޔުން ޝާއިއު ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓްސް ޔުނިޔަން އަދި މެޑިކޯސް ވިންގް އާއި ގުޅިގެންނެވެ.

މިލިޔުން ބަލާ ފާސްކޮށްފައިވަނީ:

ޑރ. ޒޭބާ އުން ނަހެރް
އެސިސްޓަންޓް ޕްރޮފެސަރ
ސްކޫލް އޮފް މެޑިސިން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
އަނިލް
23/08/2020 08:51
އެންޒައިޓީ މިއީ ކޯއްޗެއް؟
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ