އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 05/03/2020

ރޭޑިއޮލޮޖީގެ މުހިއްމު ޓެސްޓުތައް ހަދަން މިހާރު ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭ

ރޭޑިއޮލޮޖީއާ ގުޅެގޮތުން މައުލޫމާތު ދިނުމުގެ ގޮތުން އިއްޔެގެ ޓީވީއެމް ހެނދުނު ހެނދުނާ ޕްރޮގްރާމުގައި އައިޖީއެމްއެޗްގެ ދެ ރޭޑިއޮލޮޖިސްޓުން ކަމަށްވާ ޑރ. ޔުސްރާ އަލީ އަދި ޑރ. އައިމިނަތު ނަޒީރު ވަނީ ވާހަކަ ދައްކާފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 05/03/2020

IGMH Radiology
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރޭޑިއޮލޮޖީއަކީ ހަށިގަނޑުގެ ތެރޭގައިވާ ގުނަވަންތަކާއި އެގުނަވަންތައް މަސައްކަތްކުރާ ގޮތް ދެނެގަތުމުގެ އިތުރުން، ބައްޔެއް ހުރިނަމަ އެ ބަލި ދެނެގަނެ އަ ބައްޔަކަށް އެންމެ ހާއްސަ ފަރުވާދިނުމުގައި ބޮޑު ދައުރެއް އަދާ ކުރާ ދާއިރާއެކެވެ. 

އެގޮތުން، ރޭޑިއޮލޮޖީއާ ގުޅެގޮތުން މައުލޫމާތު ދިނުމުގެ ގޮތުން އިއްޔެގެ ޓީވީއެމް ހެނދުނު ހެނދުނާ ޕްރޮގްރާމުގައި އައިޖީއެމްއެޗްގެ ދެ ރޭޑިއޮލޮޖިސްޓުން ކަމަށްވާ ޑރ. ޔުސްރާ އަލީ އަދި ޑރ. އައިމިނަތު ނަޒީރު ވަނީ ވާހަކަ ދައްކާފައެވެ.

ރޭޑިއޮލޮޖީ ދާއިރާގައި އެކްސްރޭގެ އިތުރުން އެމްއާރްއައި، ސީޓީ ސްކޭން އަދި އަލްޓްރާސައުންޑް ސްކޭން ހިމެނޭކަމާއި، ބަލިތަކަށް އެންމެ އަކަށިގެންވާ ފަރުވާ ހޯދަދިނުމުގައި ބޮޑު ބައެއް އަދާ ކުރާކަމަށްވެސް ޑރ. ޔުސްރާ ވަނީ ފާހަގަކޮށްފައެވެ. 

އަދި ހިދުމަތްދިނުމުގައި ދެގޮތަކަށް ކަންތައްކުރާ ކަމަށް ބުނެ މި ދެގޮތްވެސް ވަނީ ކިޔާދީފައެވެ. އެގޮތުން ފުރަތަމަ ގޮތަކީ ޑޮކްޓަރު ބެލުމަށްފަހު ވަކި އަލާމަތްތަކެއް ފެނުމުން އެކަން އިތުރަށް ހޯދުމުގެ ގޮތުން ހަދާ ޓެސްޓް ތަކެއެވެ. އަދި ދެވަނަ ގޮތަކީ އެކަމެއްކުރަންޖެހޭ ގޮތަށް ކަންތައްކުރުމުގެ ގޮތުން ހަދާ ޓެސްޓް ތަކެވެ. މިކަމުގެ މިސާލަކަށް ޑރ. ޔުސްރާ ބުނެފައިވަނީ މާބަނޑު މީހުންގެ ހަދާ ޓެސްޓްތައް ކަމަށެވެ. މައިމީހާ އަދި ދަރިފުޅުގެ ސިއްހަތު ރަނގަޅުތޯ ބެލުމުގެ ގޮތުންނާއި، ދަރިފުޅުގެ ހެދިބޮޑުވުމާއި އެއްވެސް އިތުރު ފަރުވާއެއް ދޭން ޖެހޭތޯ ބެލުމުގެ ގޮތުން ހަދާ ޓެސްޓް ތަކެކެވެ.

ރޭޑިއޮލޮޖީ ބޭނުންކުރަނީ ކޮންކަހަލަ ބަލިތަކަކަށް ފަރުވާ ދިނުމަށްތޯ ކިޔާދެމުން ޑރ. އައިމިނަތު ނަޒީރު އަދި ޑރ. ޔުސްރާ އަލީ ބުނެފައިވަނީ، ދާއިރާ އަކީ މިހާރު ފުޅާދާއިރާއަކަށް ވުމުން، އާދައިގައި ރޯގާނޫން އެހެން ހުރިހާ ބައްޔަކަށް ފަރުވާ ހޯދުމުގެ ގޮތުން ރޭޑިއޮލޮޖީގެ ހިދުމަތް ބޭނުންވާ ކަމަށެވެ. އެގޮތުން، މާ ގަދައަށް ބޮލުގަ ރިއްސުމުން ސީޓީ ސްކޭން ހަދާ ކަމަށާއި، ގަދައަށް ކެއްސާ ރޯގާޖެހި މޭގެ އިންފެކްޝަންއެއް އުޅޭނަމަވެސް ސީޓީ ސްކޭން ހަދާކަމަށް ޑރ. އައިމިނަތު ނަޒީރު ފާހަގަކުރިއެވެ. އަދި ބުރަކަށީގެ މައްސަލައެއް އުޅޭނަމަ އެމްއާރްއައި ހަދާކަމަށާއި ބަނޑުގައި މާ ގަދައަށް ރިއްސާނަމަ އެޕެންޑެސައިޓިސް ފަދަ ކަންކަންނުވޭތޯ ބެލުމުގެ ގޮތުން އެކްސްރޭ ނުވަތަ އެމްއާރްއައި ހަދާކަމަށްވެސް ޑޮކްޓަރު ފާހަގަ ކުރިއެވެ. 

"ރޭޑިއޮލޮޖީއަކީ މުހިންމު ދާއިރާއެއް، މި ދާއިރާއަކީ ކޮންމެ ބައްޔެއްވެސް ހޯދުމުގައި އެންމެ ބޮޑު ދައުރެއްއަދާ ކުރާ ދާއިރާ"

މީގެއިތުރުން، ސްކޭންތަކުގެ ވަކި ޕްރޮސީޖާއެއް ވުމާއެކު މިކަމަށް ޕޭޝަންޓް ތައްޔާރު ވާންޖެހޭނީ ކިހިނެއްތޯ ކިޔާދެމުން ޑރ. ޔުސްރާ ބުނެފައިވަނީ ކޮންމެ ތަހުލީލަކަށް ތައްޔާރުވާން ޖެހޭނީ ވަކި ގޮތަކަށް ކަމަށެވެ. އެގޮތުން ބައެއް ޓެސްޓްތަކަށް 6 ގަޑިއިރު ނުވަތަ 8 ގަޑިއިރު ހުސްބަނޑާ ހުރުމަށްފަހު ހަދަންޖެހޭ ޓެސްޓް ހުންނަ ކަމަށާއި، ކުޑަކަމު ނުގޮސް ބްލެޑާ ފުރާލައިގެން ނުވަތަ ބޮޑުކަމުދާ ބޭސް ބޭނުންކުރުމަށްފަހު ގޮހޮރު އެއްކޮށް ހުސްކޮށްލައިގެން ހަދަންޖެހޭ ޓެސްޓް ހުންނަ ކަންވެސް ޑރ. ޔުސްރާ ފާހަގަ ކުރިއެވެ. 

މީގެއިތުރުން އެމްއާރްއައި އަކީ މެގްނެޓިކް ފީލްޑްއެއްގައި ހަދާ ޓެސްޓް އަކަށް ވުމުން ގައިގާ އެއްވެސް ގަހަނާއެއް ނުވަތަ ދަގަނޑު އެއްވެސް އެއްޗެއް ހުރެގެން ނުވާނެ ކަމަށާއި، އެކަން ޔަގީން ކުރުމުގެ ގޮތުން ޓެސްޓް ހަދަން ދިއުމަށްފަހު އެތަނުންދޭ ހެނދުމަކަށް ބަދަލު ކުރަންޖެހޭކަންވެސް ފާހަގަ ކުރިއެވެ. އަދި އިތުރު ޓެސްޓްތަކަށް ވެސް އެ ޓެސްޓްއަކާ ގުޅޭގޮތުން ކަންތައް ކުރަންޖެހޭ ގޮތް ޑޮކްޓަރު ކިޔާދޭނެ ކަމަށް ވެސް ޑރ. ޔުސްރާ ބުނެފައިވެއެވެ.

އަދި އެކްސިޑެންޓް ވެގެންއަންނަ މީހުން އަދި އެމެޖެންސީއެއްގައި އާންމުކޮށް ހަދަނީ ސީޓީ ސްކޭންކަމަށް ޑރ. ޔުސްރާ ބުނެފައިވެއެވެ. ސީޓީ ސްކޭން އަކީ މެގްނެޓިކް ފީލްޑްއެއްގައި ހަދާއެއްޗަކަށް ނުވުމުން މި ޓެސްޓްއަކީ ޕޭޝަންޓްގެ ސްޓްރެޗާ އާއި އެއްކޮށް ހެދޭ ޓެސްޓްއެއް ކަމަށްވެސް ޑރ. ޔުސްރާ ބުނެފައިވެއެވެ. އަދި އެކްސިޑެންޓް ތަކުގައި ގެންނަ މީހުންގެ މި ސްކޭން ހަދާއިރު ބޮލުންފެށިގެން ފަޔާހަމައަށް ސްކޭން ހަދާކަމާއި، މީގެ ބޭނުމަކީ އެއްވެސް އިތުރު އަނިޔާއެއް ވެފައިވޭތޯ ބެލުމަށް ކަމަށް ޑރ އައިމިނަތު ފާހަގަކުރިއެވެ.

ހަމައެއާއެކު އައިޖީއެމްއެޗްގައި ހުރި ގާބިލްކަމާއި، ރާއްޖެއިން ބޭރަށް ޓެސްޓްތައް ނުފޮނުވާ ފަރުވާ ދިނުމުގައި ހުރި ގާބިލު ކަމުގެ ވާހަކަ ދައްކަމުން ޑރ. އައިމިނަތު ބުނެފައިވަނީ މިހާރު އައިޖީއެމްއެޗްގައި ބޭނުންވާ ވަސީލަތްތައް ލިބެންއެބަހުރިކަމަށާއި މިހާރު ހޮސްޕިޓަލުގައި ތިބީ ޓްރެއިންޑް ރޭޑިއޮލޮޖިސްޓުން ކަމަށެވެ. 

އަދި ހިލައިގެ މައްސަލަފަދަ ކަންކަމުގައި އިންވެސްޓިގޭޝަން ހަދާނީ ހަމަ ރާއްޖޭގެ ރޭޑިއޮލޮޖީ ޑިޕާރޓްމަންޓުން ކަމަށާއި، ހިލަ ގޮއްވާލުމުގެ މަސައްކަތް ކުރާނީ އޮޕަރޭޝަންކުރާ ޑޮކްޓަރުންކަމަށް ޑރ. ޔުސްރާ ފާހަގަކުރިއެވެ. އެހެންކަމުން އެ ބައްޔެއް ހޯދުމުގެ ދައިރު އަދާކުރާނީ ރޭޑިއޮލޮޖީއިން ކަމަށާއި، ރާއްޖެއިން ބޭރަށްނުގޮސް ކުރެވޭނެ ކަމަށްވެސް ފާހަގަކޮއްފައިވެއެވެ.

ރޭޑިއޮލޮޖީއަކީ މުހިންމު ދާއިރާއެއް ކަމަށާއި، މި ދާއިރާއަކީ ކޮންމެ ބައްޔެއްވެސް ހޯދުމުގައި އެންމެ ބޮޑު ދައުރެއްއަދާ ކުރާ ދާއިރާއެއްކަމަށާއި، ބައްޔަކީ ކޯއްޗެއްކަން ނުހޯދި އެ ބައްޔަށް ދޭންޖެހޭ ފަރުވާއެއް ނޭނގޭނެކަމަށް ވެސް ޑރ. ޔުސްރާ ފާހަގަކުރިއެވެ. އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުއްޖަކަށް ބުނެލަންއޮތީ އެކަމަށް ލޯބިކުރާ އަދި އެކަމެއް ކުރަން ބޭނުންވެގެން ކުރާ ކުއްޖެއްނަމަ ކުރިއަރަން ވަރަށް ރަނގަޅު ދާއިރާއެއްކަމަށް ޑރ. ޔުސްރާ އަދި ޑރ. އައިމިނަތުވެސް ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ