ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި ތައްޔާރީތައް ވާންފަށައިފި އެވެ. މި ހިދުމަތަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން މިއަދުވަނީ ޅ. އަތޮޅު ހޮސްޕިޓަލަށް އައު ޕެރަމެޑިކް އެމްބިއުލާންސް އެއް ފޮނުވާފަ އެވެ.
ޕެރަމެޑިކް އެމްބިއުލާންސް އަކީ އިމަރޖެންސީ ހާލަތްތަކުގައި، ސިއްހީ ވަކި ދާއިރާތަކަށް ހާއްސަ މީހުންގެ އެހީ ލިބޭގޮތަށް ފަރުމާކޮށްފައިވާ އެމްބިއުލާންސް އެކެވެ.
ޅ. ނައިފަރަށް ސަރުކާރުން ފޯރުކޮށްދިން މި އެމްބިއުލާންސް އާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ ހެލްތް ސާވިސް މެނޭޖަރ ޖައުފަރު އަބްދުﷲ ވިދާޅުވީ އެ ހޮސްޕިޓަލަށް އަލަށް ލިބުނު މި އެމްބިއުލާންސް އާއިއެކު އެ ހޮސްޕިޓަލަށް މިހާރު ދެ އެމްބިއުލާންސް ހަމަވެފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ފަހުން ލިބުނު އެމްބިއުލާންސްއަކީ ޕެރަމެޑިކް އެމްބިއުލާންސް އަކަށްވާއިރު، މި އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި ވަރަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭކަމަށްވެސް ޖައުފަރު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ޕްރޮފިޝަނަލް ހިދުމަތެއްގެ ގޮތުގައި ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ދިނުމަށްޓަކައި ނަރުހުންނާއި ޑްރައިވަރުން ތައްޔާރުކުރެވިގެންދާނެ ކަމަށް ޖައުފަރު ވަނީ ވިދާޅުވެފަ އެވެ. އަދި މި ތަމްރީންތަކަކީ ނަރުހުންނާއި ޑްރައިވަރުންނަށް ލިބޭނެ އިތުރު ކުރިއެރުމެއްގެ ގޮތުގައި ޖައުފަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ހަމައެހެންމެ ޖައުފަރު ވިދާޅުވީ ސަރުކާރުގެ ޕޮލިސީގައި މިހާރު ހިމަނާފައިފައިވާ ނައިފަރުގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލަށް އެ ރަށާއި، އެ އަތޮޅުގެ އިތުރުން ކައިރި އަތޮޅުތަކުގެ ރައްޔިތުންވެސް ބޮޑު އިންތިޒާރެއް ކުރަމުން އަންނަކަމަށެވެ. ހާއްސަކޮށް ނައިފަރު ހޮސްޕިޓަލަކީ ޅ. އަތޮޅުގެ އިތުރުން ކައިރި ބައެއް އަތޮޅުތަކުގެ ރައްޔިތުންވެސް އައިސް ހިދުމަތް ހޯދާ ހޮސްޕިޓަލެއް ކަމުން މިއީ ނައިފަރުގެ އިތުރުން ކައިރި އަތޮޅުތަކަށްވެސް ވާނޭ ފަސޭހައެއްގެ ގޮތުގައި ޖައުފަރުވަނީ ފާހަގަކުރައްވާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)