އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ޙަފްޞާ ޙަފްޞިއްޔާ ޙުސެއިން ޝާއިޢު ކުރީ 16/10/2019

ހަކުރު ބަލީގެ އަލާމާތްތައް ފުހެވިގެންދާނޭ ފަސޭހަ ގޮތެއްގެ ދިރާސާ

ކެމްބްރިޖް ޔުނިވާސިޓީއިން ހެދި މި ދިރާސާގައި، ހަކުރު ބަލީގެ ޓައިޕް 2 ޖެހިފައިވާ މީހުންގެ ބަރުދަނާއި ދިރިއުޅުމުގެ އާދަކާދައާއި ހުރި ގުޅުން ބެލިއެވެ.
Hafsa Hafsiyya Hussain Avatar
ޙަފްޞާ ޙަފްޞިއްޔާ ޙުސެއިން

ޝާއިޢު ކުރީ: 16/10/2019

Diabetes Type 2 Weight Management
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފަހުގެ ދިރާސާ އަކުން ބުނާ ގޮތުގައި ޑައިބީޓީޒް ނުވަތަ ހަކުރު ބަލި ދެނެގަނެވުނުތާ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި 10% ނުވަތަ އެއަށްވުރެ ގިނައިން ބަރުދަން ލުއި ކުރެވިއްޖެނަމަ، ހަކުރު ބަލީގެ އަލާމާތްތައް ފުހެވިގެން ދާނެއެވެ. އަދި ހަރުކަށި ޑައެޓް އާއި ކެލޮރީ އެހާ މަދު ނުކުރި ނަމަވެސް މިކަން ހާސިލު ކުރެވޭނެކަމަށް މި ހޯދުންތަކުން ހެކިދެއެވެ.

ޑައިބީޓީޒް ޓައިޕް 2 އަކީ ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ޖެހިފައިވާ ބައްޔެކެވެ. އަދި ދިވެހި ރާއްޖޭގައި މީހުން ނިޔާވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ޑައިބީޓީޒް ނުވަތަ ހަކުރު ބައްޔެވެ. ހަކުރު ބައްޔަކީ އާދަޔާ ހިލާފަށް ގިނައިން ލޭގައި ހަކުރު ހުންނަ ކޮރޮނިކު ނުވަތަ ގިސްމުގެ ބައްޔެކެވެ. ހަކުރު ބަލީގެ ޓައިޕް 2 އަކީ އޭގެ އެންމެ އާންމު ވައްތަރެވެ. އަދި މިއީ ސިއްހަތައް ނުރަނގަޅު ކާނާ ކެއުމާއި، ގިނައިން ކަސްރަތު ނުކުރުމާއި، ފަލަވުން ނުވަތަ އޮބީސްވުމާއި ޓޮބަކޯގެ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގުޅުން ހުރި ބައްޔެކެވެ. މީގެއިތުރުން، ހަކުރުބަލީގެ ސަބަބުން ހިތުގެ ބަލި، ސޮޓްރޯކް، ލޯފަންވުން އަދި އެމްޕިއުޓޭޓް ކުރުމުގެ ހިރާސްކަން ބޮޑެވެ.

ޑައިބީޓީޒް ޓައިޕް 2 އަކީ ވަކި ބޭހެއް ނުވަތަ އޮޕަރޭޝަންގެ ފަރުވާއަކާއި ނުލާ ސިއްހަތައް ފައިދާ ކުރަނިވި ދިރިއުޅުމެއްގައި އުޅުމުން އޭގެ އަލާމާތްތައް ފުހެވިގެންދާނޭ ފަދަ ބައްޔެއްކަމަށް ކުރީގެ ދިރާސާތަކުންވެސް ދައްކައިދެއެވެ. ނަމަވެސް، ގިނަބައެކަށް ފަސޭހަކޮށްދޭނެ ހަރުކަށިނޫން ބަދަލުތަކާއި އެކު ވެސް މިކަން ވާނޭކަމަށް މި ދިރާސާގެ ހޯދުންތައް ދައްކައި ދެއެވެ. 

ކެމްބްރިޖް ޔުނިވާސިޓީއިން ހެދި މި ދިރާސާގައި، ހަކުރު ބަލީގެ ޓައިޕް 2 ޖެހިފައިވާ މީހުންގެ ކަސްރަތުގެ މިންވަރު، ކެއުން ބުއިމުގެ މިންވަރު، ބަރުދަން ލުއިވާ މިންވަރު އަދި ރާ ބުއިމުގެ މިންވަރު ވަކިން ބެލިއެވެ. އަދި ފަސް އަހަރު ފަހުން ފޮލޯ-އަޕް އެއް ހެދިއެވެ. މި ދިރާސައިގައި ހިމެނުނީ އަލަށް ހަކުރު ބަލީގެ ޓައިޕް 2 ޖެހިފައިވާ 40 އިން 69 އަހަރު ދެމެދުގެ 867 މީހުންނެވެ. މީގެ ތެރެއިން 30% މީހުން ވަނީ ހަކުރު ބަލީގެ އަލާމާތްތައް ފަސް އަހަރުގެ ތެރޭގައި ފުހެލާފައެވެ. އަދި ބަރުދަން އެއް މިނެއްގައި ބެހެއްޓި މީހުންނަށް ބަލާއިރު، ބަލި ދެނެގަނެ ފުރަތަމަ އަހަރުގެ ތެރޭގައި ބަރުދަނުގެ އެންމެ ގިނަވެންގެން %10 ލުއިކުރެވުމުން ބަލީގެ އަލާމާތްތައް ފުހެވުމުގެ ފުރުސަތު ދެގުނައަށް އިތުރުވެގެންދެއެވެ.

ވީމާ، ހަކުރު ބަލީގެ ޓައިޕް 2 ފޮހެވިގެން ދިއުމަށްޓަކައި ބަރުދަން ރަނގަޅަށް ދެމެހެއްޓުމުގެ މުހިއްމުކަމަށް މިދިރާސާއިން އިތުރަށް ބާރުއަޅުވައެވެ. އަދި މިކަން ހާސިލު ކުރެވޭނީ ޑައިގްނޯޒް ވުމަށް ފަހު ފުރަތަމަ އަހަރު ތަކުގައި ރަނގަޅު ޑައެޓެއް ޤާއިމުކޮށް، ކަސްރަތު ކުރުމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ