ށ. މާއުނގޫދޫގައި މިފަހަކަށް އައިސް ފާނަބަސަނދު ފެތުރުން އިތުރުވަމުން ދާތީވެ، އެކަމަށް ސަމާލުވުމަށް އެ ރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފި އެވެ.
މާއުނގޫދޫ ސިއްހީ މަރުކަޒުން މިހެން އަންގާ ނެރުނު ބަޔާނުގައި ވާގޮތުން ފާއިތުވި ދެ ހަފްތާތެރޭގައި ދެ މީހަކަށްވަނީ ފާނަބަސަނދު ޖެހިގެން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދީފަ އެވެ.
ފާނަބަސަނދަކީ ފަސޭހައިން ގައިން ގަޔަށްއަރާ އަދި ވައިގެ ޒަރިއްޔާއިންފެތުރޭ ބައްޔެކެވެ. އެގޮތުން މި ބަލި އާންމުގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިބިހި އެޅުމުގެ ތެރެއިންނެވެ.
މީގެއިތުރުން އަތުގައި ވައިރަސް ހުރެ މޫނު، ލޯ، ނޭފަތް ނުވަތަ އަނގައިގަ އަތްލުމުން ވައިރަސް ހަށިގަނޑަށް ވަނުމަށް މަގުފަހިވެއެވެ. ހަމައެހެންމެ މި ބަލި ޖެހުމުން ނަގާ ބިހި ނުވަތަ ފާރުކޮޅުގައި ހުންނަ ދިޔައިގެ ސަބަބުންވެސް މި ބަލި ފެތުރެއެވެ.
ފާނަބަސަނދު ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިހުން، ބޯއެނުބުރުން، ވަރުބަލިވުން، ކަރުތެރެ ފާރުވުން ހަލާކުވުން، ކާހިތްނުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
އެހެންނަމަވެސް، އާންމުކޮށް ހަށިގަނޑަށް ވައިރަސް ވަނުމަށްފަހު މި އަލާމާތްތައް ފެނުމަށް 10-12 ވަރަކަށް ދުވަސް ނަގައެވެ.
މާއުނގޫދޫ ސިއްހީ މަރުކަޒުން ވަނީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީހޯދުމަށް އެދިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)