ފާރޓިލިޓީ ސަޕޯޓު ގްރޫޕުން އަހަރީ ދުވަހާއި ދިމާކޮށް ހާއްސަ ސެޝަނެއް ބާއްވަނީ
ދަރިމައިވުމުގެ މަރުހަލާގައި ދަތިތައް ކުރިމަތިވާ އަންހެނުންނަށް ހާއްސަކޮށް އުފައްދާފައިވާ ފާރޓިލިޓީ ސަޕޯޓު ގްރޫޕުގެ 1 ވަނަ އަހަރީ ދުވަހާއި ދިމާކޮށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.
"ފާރޓިލިޓީ ސަޕޯޓު ގްރޫޕް" ގެ ނަމުގައި ހިންގާ މި ގްރޫޕަކީ އަމިއްލަ ބަޔެއްގެ އިސްނެގުމުގެ މަތިން ރާއްޖޭގައި ދަރިމައިވުމުގެ މަރުހަލާގައި ދަތިތަތަކާއި ކުރިމަތިވާ އަންހެނުންނަށާއި އަދި އައިވީއެފް ޓްރީޓްމަންޓް ހެދުމަށް ތައްޔާރުވަމުންދާ އަންހެނުންނަށް އިތުރަށް ހިތްވަރު ދިނުމަށްޓަކައި އުފައްދާފައިވާ ސަޕޯޓު ގްރޫޕެކެވެ.
ޑިސެމްބަރު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ސެޝަންގައި ގްރޫޕް މެމްބަރުންގެ އިތުރުން ހާއްސަ މެހްމާނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ސެޝަންގައި ހީޓް ހެލްތް އެންޑް ފިޓްނަސްގެ ސީއީއޯ އައިޝަތު ޝިފާނާ ވާހަކަފުޅު ދައްކަވާނެ އެވެ.
މީގެއިތުރުން ސެޝަންގައި ބައިވެރިވާ ބައިވެރިންގެ ސުވާލުތަކަަށް ޖަވާބުދެއްވާނީ މެންޓަލް ހެލްތް ސަޕޯޓުގެ ފަރާތުން ލުބުނާ އަލީ އެވެ.
ޑޮކްޓަރ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ފާރޓިލިޓީ ސަޕޯޓު ގްރޫޕްގެ ފަރާތުން އާޝާ ހުސެއިން ވިދާޅުވީ، އަހަރީ ދުވަހަށް ހާއްސަ މި ސެޝަންގައި ވެސް ބައިވެރިވާނީ މުޅިންވެސް ދަރިމައިވުމަށް ދަތިތަކާއި ކުރިމަތިވެފައިވާ އަންހެނުންކަމަށެވެ.
އަދި އާޝާ ވިދާޅުވިގޮތުގައި މި ސެޝަންގައި ޕީސީއޯއެސް އަދި އެންޑިމެޓްރިއޯސިސް ތަހައްމަލް ކުރަމުންދާ އަންހެނުންނާއި އަދި އައިވީއެފް ހެދުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ އަންހެނުންގެ އިތުރުން އަވަސް މުއްދަތެއްގައި އައިވީއެފްގެ ފަރުވާ ލިބިގަތުމަށް ތައްޔާރުވަމުންދާ އަންހެނުން ވެސް ބައިވެރިވާނެ އެވެ.
އަދި މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިމައިވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ލިބި އަދި ދަރިމައިވުމާއި ގުޅޭގޮތުން ހިއްސާކުރަން އުނދަގޫ ވާހަކަތައްވެސް ހިއްސާކުރުމަށް އިތުރު ހިތްވަރު ލިބިގެންދާނޭ ކަމަށް އާޝާ ވަނީ ވިދާޅުވެފަ އެވެ.
ފާރޓިލިޓީ ސަޕޯޓު ގްރޫޕުން އަހަރީ ދުވަހާއި ދިމާކޮށް ބާއްވާ މި ސެޝަންގެ ސްޕޮންސަރުންނަކީ ކައިމޫ ގްރޫޕް އަދި ހެލްތް އެންޑް ގްލޯ ފާމަސީ އެވެ. ޑިޖިޓަލް ޕާރޓްނާރ އަކީ އުރީދޫ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)