އާންމުގޮތެއްގައި ގިނަ މީހުންނަށް ނޭވާލާ ނިޒާމަށްޖެހޭ ނިއުމޯނިއާގެ އުނދަގޫ ތަހައްމަލްކުރަން ޖެހެނީ އުމުރުން ދުވަސްވުމުންނެވެ. އެހެންނަމަވެސް، ހަގީގަތަކީ ދުނިޔެއިން އެންމެ ގިނަ ކުޑަކުދިން މަރުވާ އެއް އިންފެކްޝަން އަކީ ނިއުމޯނިއާ ކަމެވެ.
އެގޮތުން ޔުނިސެފްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް އުމުރުން ފަސް އަހަރުން ދަށުގެ 800،000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއެވެ. މީގެތެރޭގައި 153،000 އަށްވުރެ ގިނަ އަލަށް އުފަންވާ ތުއްތުކުދިން މި ބަލީގެ ޝިކާރައަކަށްވެ ފުރާނަ ގެއްލެއެވެ.
މީގެ މާނައަކީ ކޮންމެ 39 ސިކުންތަކު ނިއުމޯނިއާ އިންފެކްޝަން ޖެހި ދުނިޔޭގެ ކޮންމެވެސް ހިސާބަކުން ކުޑަކުއްޖަކު މަރުވެއެވެ. އަދި މިހެން މަރުވާ ކޮންމެ ކުއްޖަކަށް ވެސް ދުރާލާ ފަރުވާ ދެވިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.
ނިއުމޯނިއާ ޖެހެން މެދުވެރިވަނީ ކީއްވެ؟
ނިއުމޯނިއާ އަކީ ފުއްޕާމެއަށް ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަން އުފެދުމަށް މެދުވެރިވަނީ ވައިގެ ތެރޭގައި ހިމެނޭ ބެކްޓީރިއާ، ވައިރަސް ނުވަތަ ފަންގައި ގެ ޒަރިއްޔާއިންނެވެ.
އެގޮތުން ކުޑަކުއްޖާއަށް މި އިންފެކްޝަން ޖެހުމުން އެ ކުއްޖެއްގެ ފުއްޕާމޭގައި ފްލުއިޑް އުފެދި ނޭވާލުމަށް ދަތިވެއެވެ. ހާއްސަ އަލަށް އުފަންވާ ތުއްތުކުދިން ފަދަ ދިފާއީ ނިޒާމު ބަލި ކުދިންނަށް ފަސޭހައިން މި އިންފެކްޝަން ޖެހެން މެދުވެރި ވެއެވެ.
ނިއުމޯނިއާގެ އަލާމާތްތަކަކީ ކޮބާ؟
ފުއްޕާމޭގައި އުފެދޭ ނިއުމޯނިއާ އިންފެކްޝަންގެ އެންމެ އާންމު އަލާމާތްތަކަކީ ކެއްސުން، ނޭވާލާން އުނދަގޫވުން އަދި ހުން އައުމެވެ. އަދި ނިއުމޯނިއާ ހުންނަ ކުދިންގެ ނޭވާލުން އެހެން ކުދިންނާއި އަޅާބަލާފައި އަވަސްވެފައި، އެތެރެއަށް ނޭވާލާ ވަގުތު ފުރަމޭ އިތުރަަށް ފުޅާވާ ގޮތް ދިމާވެއެވެ.
ނިއުމޯނިއާ އަކީ ގައިންގަޔަށް އަރާ އިންފެކްޝަނެއްތަ؟
ނިއުމޯނިއާ އަކީ ގައިންގަޔަށް އަރާ ވައިގެ ޒަރިއްޔާއިން ފެތުރޭ އިންފެކްޝަނެކެވެ. އެގޮތުން ކެއްސާ ކިނބިހި އެޅުމުގެ ތެރެއިންނާއި އަދި އުފަންވާއިރު ލޭ ނުވަތަ އެހެން ފްލުއިޑެއްގެ ޒަރިއްޔާއިން ވެސް މި އިންފެކްޝަން ޖެހެއެވެ.
ކުޑަކުދިންގެ ކިބައިން ނިއުމޯނިއާ ދެނެގަންނާނީ ކިހިނެތް؟
ސިއްހީ އެހީތެރިން ނިއުމޯނިއާ ހުރިކަން އާންމުކޮށް ދެނެގަންނަނީ ފިޒިކަލް އެގްޒަމިނޭޝަންއެއް ކޮށްގެންނެވެ. އެގޮތުން ނޭވާލުމުގައި ތަފާތުކަމެއް ހުރޭތޯ އާއި، ކުއްޖާގެ ފުއްޕާމޭގެ އަޑު އަހައިގެން މިކަން ދެނެގަނެވޭނެ އެވެ. އަދި ބައެއް ހާލަތްތަކުގައި ފުއްޕާމޭގެ އެކްސް-ރޭ ނުވަތަ ލޭގެ ޓެސްޓްއަކުންވެސް ދެނެގަނެވެ އެވެ.
އެހެންނަމަވެސް ސިއްހީ ނިޒާމު ދަށް ޤައުމުތަކުގައި ނިއުމޯނިއާ ދެނެގަންނަނީ އެކަކުން ފަހަކަށް ގުނާއިރު އެ ވަގުތުގެ ތެރޭގައި ތުއްތުކުއްޖާ 50 ފަހަރު ނޭވާލާ ނަމައެވެ.
ނިއުމޯނިއާއަށް އޮތް ފަރުވާ އަކީ ކޮބާ؟
ނިއުމޯނިއާގެ ފަރުވާ ބިނާވަނީ ޖެހިފައިވާ ނިއުމޯނިއާގެ ބާވަތަކަށެވެ. އެގޮތުން ބައެއް ކުރިއަރަަފައިވާ ޤައުމުތަކުގައި ބެކްޓީރިއާގެ ޒަރިއްޔާއިން ޖެހޭ ނިއުމޯނިއާ އަށް އެންޓިބައޮޓިކް ދީ އުޅެއެވެ. އެހެންނަމަވެސް ސިއްހީ ނިޒާމު ދަށް ޤައުމުތަކުގައި މި އެންޓިބައޮޓިކް ދެވެނީ ކޮންމެ ތިން ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށެވެ.
ނިއުމޯނިއާ ސީރިއަސް ވާ ހާލަތްތަކުގައި ބައެއް ކުދިންނަސް އޮކްސިޖަން ވެސް ދޭންޖެހެއެވެ. އެހެންނަމަވެސް ބައެއް ޤައުމުތަކުގައި މިގޮތަށް ދޭނެ އޮކްސިޖަން ނުލިބުމުގެ ސަބަބުން ވެސް އެތައް ކުދިންނެއް މަރުވެއެވެ.
ނިއުމޯނިއާ އިން ރައްކާތެރި ވެވޭނެތަ؟
ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ނިއުމޯނިއާ އަކީ ކުރިޔަށް ރައްކާތެރިވެވޭނެ އިންފެކްޝަނެކެވެ. އެގޮތުން ރަނގަޅު ކާނާ ބޭނުންކުރުމާއެކު ގިނަގިނައިން އަތްދޮވެ އަދި ވައި ތަޢައްޔަރުވުން ކުޑަކުރުމަކީ ކުރެވިދާނެ ކަމެކެވެ. ސަބަބަކީ ނިއުމޯނިއާ ޖެހެން މެދުވެރިވަނީ މީގެ ނުސާފު ވައިގެ ސަބަބުންނެވެ.
ނިއުމޯނިއާއަށް ދޭ ވެކްސިން ހުރޭތަ؟
ނިއުމޯނިއާ ޖެހެނީ ވެކްސިންގެ އެހީގައި ފަސޭހައިން ރައްކާތެރި ވެވޭފަދަ ވައިރަސް އެއްގެ ޒަރިއްޔާއިންނެވެ. އެހެންނަމަވެސް މި ވެކްސިންގައި ހަމަކުރަންޖެހޭ 3 ޑޯޒް 2018 ވަނަ އަހަރުވެސް 71 މިލިޔަން ކުޑަކުދިންނަށް ދެވިފައި ނުވާކަމަށް ޔުނިސެފުން ބުނެއެވެ.
ނިއުމޯނިއާ އަށް އައު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)