އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/09/2020

އެންޒައިޓީ ހުންނަނަމަ އަޅާނުލާ ނުހުންނާތި، މިއީ ހައިޕަރޓެންޝަންގެ އަލާމާތަކަށް ވެސް ވެދާނެ

ސިއްހީ މާހިރުންގެ ނަޒަރުގައި މާބޮޑަށް އެންޒައިޓީގެ އުނދަގޫ ކުރިމަތިވާނަމަ އެއީ އާދަޔާ ހިލާފަށް ލޭ މައްޗަށް ދާކަމުގެ ނިޝާނަކަށް ވުމަކީ ގާތްކަމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/09/2020

Anxiety Hypertension
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ލޭ މައްޗަށް ދިއުން ނުވަތަ ހައިޕަރޓެންޝަން އަކީ ދުނިޔޭގެ ނިސްބަތުން ބޮޑެތި މީހުންނަށް ޖެހޭ އެންމެ އާންމު ބައްޔެވެ. ހަމައެހެންމެ ހައިޕަރޓެންޝަން ފާހަގަވެފައި އޮތީވެސް ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން މީހުން މަރުވާ އަދި ތިންވަނަ އަށް މީހުން ނުކުޅެދުންތެރި ކުރުވާ ބައްޔެއްގެ ގޮތުގައެވެ.

ސިއްހީ މާހިރުންގެ ނަޒަރުގައި މާބޮޑަށް އެންޒައިޓީގެ އުނދަގޫ ކުރިމަތިވާނަމަ އެއީ އާދަޔާ ހިލާފަށް ލޭ މައްޗަށް ދާކަމުގެ ނިޝާނަކަށް ވުމަކީ ގާތްކަމެކެވެ.

އެގޮތުން އެންޒައިޓީ ސަބަބުން ހަށިގަނޑު ތެރެއަށް ސްޓްރެސް ހޯމޯރންސްތައް ދޫކޮށްލައެވެ. އަދި މިފަދަ ހޯމޯންސްތައް ޓްރިގާރ ވުމުގެ ނަތީޖާއަކަށް ވަނީ އާދަޔާ ހިލާފަށް ހިތުގެ ހިނގުން އަވަސްވެ، ހަށިގަނޑުގައި ލޭ ދައުރުވާ ހޮޅިތައް ހަނިވުމެވެ.

އަދި މި ދެ ކަންތަކަކީ ވެސް އޭގެ ޒާތުގައި ލޭ މަތި ކުރުވާ ކަންކަމެވެ.

އެންޒައިޓީގެ ސަބަބުން ލޭ މައްޗަށް ދިޔަ ނަމަވެސް އެކަން މާގިނައިރަށް ދެމިއެއް ނުހުރެއެވެ. އަދި އެންޒައިޓީ ލެވަލް ހަމަޔަކަށް އެޅި މީހާ ހަމަޖެހުމުން ލޭގެ ޕްރެޝަރުވެސް ކުރިން ހުރި ވަރަށް އަނބުރާ ރުޖޫޢަވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެހެންނަމަވެސް، އަބަދު އާދަކޮށް އެންޒައިޓީ ލެވަލް މަތިވާނަމަ  އޭގެ ސަބަބުން ހިތަށާއި، ކިޑްނީ އަދި ލޭ ދަތުރުކުރާ ހޮޅިތަކަށް ގެއްލުން ލިބޭނެ އެވެ. ހަމައެގޮތަށް ދިގުމުއްދަތަކަށް ހައިޕަރޓެންޝަން ތަހައްމަލް ކުރަންޖެހުމަކީ ވެސް ވެދާނޭ ގޮތެކެވެ.

އެމެރިކާގެ މެޑިސިން ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްގެ ޤައުމީ ކުތުބުހާނާއިން ވަނީ ދާދިފަހުން އެންޒައިޓީ އަދި ހައިޕަރޓެންޝަނާއި ގުޅޭގޮތުން ތަހްލީލުތަކެއް ހަދައި ދިރާސާއެއް އާންމުކޮށްފަ އެވެ.

"އަހަރެމެންގެ ދިރާސާގެ ނަތީޖާއަށް ވާސިލްވިއިރު، ޔަގީންވި އެއްކަމަކީ އެންޒައިޓީގެ ސަބަބުން ހައިޕަރޓެންޝަން މަތިވުމުގެ ނުރައްކާ ބޮޑުކަން" ދިރާސާގެ ނިންމުމުގައި ފާހަގަކޮށްފައި ވެއެވެ.

އަދި މި ދިރާސާގެ އެހީގައި ދުރާލާ އެންޒައިޓީ ދެނެގަނެ، ހައިޕަރޓެންޝަންގައި އެންޒައިޓީގެ ދައުރު ދެނެގެންނަން ފަސޭހަވާނޭކަމަށް ވަނީ ބުނެފަ އެވެ.

އެންޒައިޓީ އަކީ ކޮބާ؟

އެމެރިކާގެ ނެޝަނަލް ހެލްތް ސާރވިސް (އެންއެޗްއެސް)އިން ބުނާގޮތުގައި އެންޒައިޓީއަކީ އަމިއްލަ ނަފްސަށް އުނދަގޫވެ، ހާސްވެ، ބިރުގަތުން ތަންކޮޅެއް މަތީ ދަރަޖައަކަށް ނުވަތަ ގޯސް ފައްތަރަކަށް ދިއުމަށް ކިޔާ ނަމެކެވެ.

އެންޒައިޓީގެ ތެރޭގައި ވެސް ހިމެނޭ ޖެނެރަލް އެންޒައިޓީ ޑިސްއޯޑަރ އަކީ ދިގު މުއްދަތަކަށް ދެމިގެންދާ ކަމެކެވެ. އޭގެ ސަބަބުން ވަކި ކަމެއް ނެތި ދިމާވާ ގިނަ ކަންކަމުގެ ސަބަބުން ހާސްވެ ބިރުގަންނަ ގޮތް ދިމާވެއެވެ.

"އާންމުކޮށް ޖެނެރަލް އެންޒައިޓީ ޑިސްއޯޑަރ ހުންނަ މީހުންނަށް އެންމެ ފަހުން ހާސްނުވާ ދުވަހެއް ހަނދާން ނުހުރޭ" އެންއެޗްއެސް އިން ބުނެފައި ވެއެވެ.

އާންމުގޮތެއްގައި މިފަދަ އެންޒައިޓީގައި އެއްކަމެއް ހައްލުވާއިރަށް އަނެއްކަމެއް ލައިގަނެ ކަންބޮޑުވެ ހާސްވާން ދިމާވެއެވެ. އެހެންކަމުން އެންޒައިޓީ ގިނަ މީހުންނަށް ފާހަގަކުރަން ދަތިވެއެވެ.

އާންމުކޮށް އަހަރެމެން ކަންބޮޑުވެ، ހާސްވާ ވަގުތުގައި ހަށިގަނޑުން ގިނަ އަދަދެއްގެ ހޯމޯންސް އުފައްދަ އެވެ. މި ހޯމޯންސް ތަކުގެ ސަބަބުން ވަގުތީގޮތުން އާދަޔާ ހިލާފަށް ހިތުގެ ހިނގުން އަވަސްވެ، ހަށިގަނޑުގައި ލޭ ދައުރުވުން އަވަސްވެ އެވެ.

ސްޓްރެސްގެ ސަބަބުން ދިގުމުއްދަތަށް ލޭ މައްޗަށް ދާކަމަށް ބާރުލިބޭ ދިރާސާއެއް މިހާތަނަށް ހެދިފައެއް ނުވެއެވެ. ނަމަވެސް ސްޓްރެސް ވާ ވަގުތުގައި އަމަލުތައް ބެހެއްޓޭގޮތުން ލޭ މައްޗަށް ގޮސް، ހާރޓް އެޓޭކް އަދި ސްޓްރޯކް ޖެހުމަށް މެދުވެރިވެއެވެ.

އެހެންކަމުން ސިއްހީ މާހިރުންގެ ލަފާއަކީ ސްޓްރެސް އަދި އެންޒައިޓީ ލެވަލް ދަށް ކުރުމަށްޓަކައި ދިރިއުޅުމަށް ބަދަލުގެނައުމެވެ. މީގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމާއި، ސްޓްރެސް ފިލުވަން ހާއްސަ ކަސްރަތުކުރުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ