އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ޢާއިޝަތު ޝައިނާ ސަޢީދު ޝާއިޢު ކުރީ 15/02/2020

ފުރޮޅުލީ ގޮނޑިން ސައިކަލަށް: ނުކުޅެދޭ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ބަތަލެއްގެ އުފެދުން

މުއާވިއަތު ކުޑައިރުވެސް އޭނާ އަކީ ބަލި ކުއްޖެއްކަން ހުދު އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އިތުރު މަޢުލޫމާތެއް އޭނާއަކަށް ނޭނގެއެވެ.
Aishath Shaina Saeed Avatar
ޢާއިޝަތު ޝައިނާ ސަޢީދު

ޝާއިޢު ކުރީ: 15/02/2020

Cerebral Palsy
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މުއާވިއަތު އުފަންވީ ދާއިމީ ނާރުގެ ބައްޔެއް ކަމަށްވާ ސެރީބްރަލް ޕަލްސީ އާ އެކުގައެވެ. އެއީ އާއްމު ހަރަކާތްތައް ކުރުމަށް ދަތިކަން ދިމާވެ، މަސްތައް ނިކަމެތިވެ ވާންވެ، ތުރުތުރު އަޅާ، އިހުސާސް ވުމަށް ދަތިވެ، ވާހަކަ ދެއްކުމާއި ކާއެއްޗެހި ދިރުވުމަށް އުނދަގޫކުރާ ބައްޔެކެވެ. 

މުއާވިއަތު އުފަންވުމާއެކު އޭނާ ބެލި ޑޮކްޓަރުން އޭނާގެ މައިންބަފައިންގާތު ބުނެފައިވަނީ މުއާވިއަތަށް ރަނގަޅަށް ހިނގޭނޭ ކަމުގެ އުއްމީދު ނުކުރުމަށެވެ. އަދި ވިސްނުމުގައި ކޮށިކަން ހުރެދާނެ ކަމަށްވެސް ބުންޏެވެ. އަދި މުއާވިއަތަށް އޯ ލެވެލް އިމްތިހާނުގައި ތިން މާއްދާއަށް ވުރެ ގިނައިން ފާސް ވާނެކަމަށް އުއްމީދު ނުކުރުމަށް ޑޮކްޓަރުން ނަސޭހަތްތެރި ވިއެވެ.

މުއާވިއަތު ކުޑައިރުވެސް އޭނާ އަކީ ބަލި ކުއްޖެއްކަން ހުދު އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އިތުރު މަޢުލޫމާތެއް އޭނާއަކަށް ނޭނގެއެވެ.

"އަހަރެންގެ މައިންބަފައިން އަހަރެންގެ ބައްޔާއި ބެހޭ ގޮތުން އަހަންނަށް މާބޮޑު މަޢުލޫމާތެއްނުދޭ، އެމީހުންނަށްވެސް މާބޮޑަކަށް ނޭނގޭ މި ބަލީގައި ދިމާވާނެ ކަންތައްތަކެއް، އެމީހުންނަކަށް ނޭނގޭ އަހަންނަށް އެހީތެރިވެ ދޭނެ ގޮތެއް."

މިކަމުގެ ނަތީޖާއެއްގެ ގޮތުން ބޮޑު އޮޅުވާލުމެއްގެ ތެރޭގައި އުޅުމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އޭރު އޭނާގެ ބަލީގެ ނަން ނޭނގުނު ކަމުގައިވިނަމަވެސް އޭނާ އާ އެއް އުމުރެއްގެ އެހެން ކުދިންނާ ތަފާތުކަން ވިސްނުނެވެ. 

ކުޑައިރުވެސް އޭނާ އަކީ ބަލި ކުއްޖެއްކަން ހުދު އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އިތުރު މަޢުލޫމާތެއް އޭނާއަކަށް ނޭނގެއެވެ.

ފަރުވާ ހޯދުމަށާއި އޭނާގެ ބައްޔާއެކު ދިރިއުޅުމުގެ ތަމްރީން ލިބިގަތުމަށް އޭނާ އިންޑިއާގައި ދުވަސް ތަކެއް ހޭދަ ކުރިއެވެ. އެކި ބާވަތުގެ ފަރުވާ އާއި ފިޒިއޯތެރަޕީ އަދި އޮޕަރޭޝަންތައް ތަހައްމަލް ކުރިއެވެ. 

ޅައުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ދިރިއުޅުމުގެ އާއްމު ކުދިކުދި ކަންތައް ދަސް ކުރުމުގެ ގޮތުން ތަމްރީނުތަކެއްގެ ތެރޭގައެވެ. މިހާރު އޭނާ ބުނާގޮތުން، އޭރު ތަޖުރިބާ ކުރި ވޭނަކީ (އޭނާގެ ބަލީގެ ސަބަބުންނާއި ލިބިގަތް ފަރުވާއިން ލިބުނު ވޭން) އޭނާގެ ސިކުނޑި ތަރައްގީވުމަށް އެހީތެރިވެދިން ސަބަބެވެ. 

އޭނާ ފުރަތަމަ ފިޔަވަޅު އެޅި ދުވަހުގެ ވާހަކަ ކިޔައިދިނެވެ.

"އަހަރެންގެ އުމުރުން އޭރުވާނީ 10 ނުވަތަ 11 އަހަރު. އަހަންނަށް ހޭލެވުނީ ވަރަށް ބޮޑަށް ކަރުހިއްކައި ގަނެގެން. ބަލާލިއިރު އެނދު ކައިރީ އަތް ފޯރާ ހިސާބުގައި ފެނެއް ނެތް. ފެން ހޯދަން ދިއުމަކީ ދަތި އުނދަގޫ ކަމެއް، އެކަމަކު ވަރަށް ބޮޑަށް ފެން ބޮވާފަހުރީ. ސިޑިން ތިރިއަށް ފައިބަން ކުރި މަސައްކަތުގެ ތެރޭގައި ސިޑިންވެސް ވެއްޓުނު. ވެއްޓުން ވަގުތު އަހަރެންގެ ހަށިގަނޑުގައި ބާރުނެތުމުން ގައިގައި ހަރުކޮށްފަ އިން "ފްރޭމް" ނުވަތަ "އެކްސޯސްކެލެޓަން" ވެސް ހަލާކުވި. އެކަމަކުވެސް ހިތްވަރު ކޮށްފަ ތެދުވީ. އެއީ ފުރަތަމަ ފަހަރަށް އަހަންނަށް ހިނގުނު ދުވަސް!"

މި ހާދިސާ ހިނގުމުގެ ކުރިން އޭނާގެ ވައަތު ފައިގެ ޙިއްސު މުޅިން ކެނޑިފައިވާ ކަމަށް އޭނާ ބުންޏެވެ. އެރެއަކީ ފުރަތަމަ ފަހަރަށް އެފައިގާ އެއްވެސް އިހުސާސެއް ވީ ފަހަރެވެ. އަދި އެންމެ ފުރަތަމަ ވެސް އިހުސާސް ކުރެވުނީ ފިނިކަމެއް ކަމަށް އޭނާ ބުންޏެވެ. 

އޭނާ ދެކޭ ގޮތުގައި ނުކުޅެދޭ ކުދިންނާއި ބޮޑެތިމީހުންނާ ދޭތެރޭ މުޖުތަމައުން ގެންގުޅޭ އުސޫލުތަކުގެ ސަބަބުން މިފަދަ ކުދިންނާއި މީހުން ދިރިއުޅުމުގެ ގިނަ ކަންތައްތަކެއްގައި ބައިވެރި ވުމުގެ ފުރުސަތު ގެއްލި މުޖުތަމައުން ވަނީ އެކަހެރި ވެފައެވެ.

"އަހަރެމެން ވަނީ އެއްފަރާތް ކުރެވި މީހުންނަށް ގެއްލިފަ. އެމީހުން ދެކެނީ މިއީ އަހަރެމެންގެ ހިމާޔަތުގައި ކުރެވޭ ކަންތައްތައް ކަމަށް. އެހެނަސް މީގެ އަސަރު ކުރަނީ ދިމާ އިދިކޮޅަށް. ޑޮކްޓަރުން ބުނި އަހަރެން ގިނަ މާއްދާއަކުން ފާހެއް ނުވާނެއޭ. އަދި މަސައްކަތެއްވެސް ނުކުރެވޭނެ ކަމަށް ބުނި. އަހަރެން ހިނގޭނެ ކަމުގެ، އަދި ދިރިހުންނާނެ ކަމުގެ ޔަގީން ކަމެއްވެސް އެމީހުންނަކަށް ނެތް. އަހަރެން ގާތު ބުނެފައިވަނީ އޯލެވެލްގައި ތިން މާއްދާ އަށް ވުރެ ގިނައިން ފާސް ނުވާނެ ކަމަށް، އެކަމަކު އަހަރެން އަށް މާއްދާއިން ފާސްވި. ކޮލެޖަށްވެސް ދިޔައިން، އަދި ބެޗެލާރސް ޑިގްރީ ވެސް ހާސިލް ކުރިން."

އޭނާގެ ޑޮކްޓަރުން ގަބޫލު ކުރިގޮތުގައި ހިނގާ އުޅުމާއި ހަށިގަނޑު ބެލެންސް ކުރުމުގައި އޭނާ އަށް އަބަދުވެސް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. އޭނާ ފުރަތަމަ ފިޔަވަޅު އެޅުމުން އަދި ފުރޮޅުލީ ގޮނޑި ދޫކޮށްލުމުން އެމީހުން ހީކުރީ ފަހަރެއްގައި ދުވާރު މަތީގައި އަމިއްލައަށް ހިނގާލާފައި އުޅެވޭ ވަރު ވެދާނެކަމަށެވެ. އޭނާއަށް ސައިކަލު ދުއްވުމުގެ ލައިސަންސް ލިބުމަކީ އެމީހުން ހުވަފެނެއްގައިވެސް ދުށް ކަމެއް ނޫނެވެ.

ޑޮކްޓަރުން ގަބޫލު ކުރިގޮތުގައި ހިނގާ އުޅުމާއި ހަށިގަނޑު ބެލެންސް ކުރުމުގައި އޭނާ އަށް އަބަދުވެސް ބޮޑެތި ހުރަސްތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

މުއާވިއަތަކީ ކުޑައިރުވެސް ވަރަށް އަޒުމް ވަރުގަދަ ކުއްޖެކެވެ. އޭނާގެ ބަލީގެ ސަބަބުން އޭނާ އަށް ކަނޑަ އެޅިފައިވާ މިންގަނޑުތައް ގަބޫލުކުރަން އޭނާ އަށް ދަތިވެއެވެ. ހިތްވަރާއި އަޒުމާއި އެކު މަސައްކަތް ކޮށް މިފަދަ ނާރުގެ ބަލިތައް ތަހައްމަލް ނުކުރާ މީހުންނެކޭ ދާދި އެއް ހަމަ އެއްގައި އުޅުމުގެ މިނިވަންކަން އޭނާ ހޯދިއެވެ. 

މުއާވިއަތަކީ އޭނާ އަށް ދިމާވެފައިވާ ދަތިތައް ފޫއަޅުވާލައި ކުރިއަށްގޮސް ކަންކަމުގައި އަމިއްލައަށް އިސްނަގާ މީހަކަށް ވީނަމަވެސް އޭނާ ފަދަ އެހެން ގިނަ މީހުންގެ ހާލަތު މިއާއި ތަފާތުކަން އޭނާއަށް ވިސްނެއެވެ. ނުކުޅެދޭ މީހުންގެ ހައްގުގައި މަސައްކަތް ކުރުމަށްޓަކައި ފުރަތަމަ މައިގަނޑު ފިޔަވަޅު ނެގުމުގެ ސަބަބަކަށްވީ މިކަންތައް އިހުސާސްވުމެވެ.

ދެވަނަ މައިގަނޑު ސަބަބަކަށްވީ އޭނާ މަސައްކަތްކުރި "ހޭންޑްސް" ކިޔާ އާރޓް ޕްރޮޖެކްޓެއްގައި އުޅުމުގެ ތެރޭގައިއެވެ. މިއީ އަތްތެރި މަސައްކަތުގެ ޒަރިއްޔާއިން އަމިއްލަ ނަފްސު އެހެން މީހުންނަށް ބަޔާން ކޮށްދިނުމަށްޓަކައި ކުރި މަސައްކަތެކެވެ. 

މި ޕްރޮޖެކްޓުގައި ކިލަޔާއި ކުނިބުނިން ފޮރުވިފައިވާ ރަން ބިހެއް ވާކޮޅުތަކަކުން އެލުވާފައިވާ މަންޒަރު ދައްކައިދިނެވެ.

އޭނާ މަސައްކަތްކުރި "ހޭންޑްސް" ކިޔާ އާރޓް ޕްރޮޖެކްޓް

"އެބިހަކީ އަހަރެން. ވާކޮޅުތަކަކީ އަހަރެން ކަޑައްތު ކޮށްފައިވާ ގޮންޖެހުންތަކާއި، ދިމާވި ދަތިތަކާ އުނދަގޫތައް. އޭގައި 58 ވާކޮޅު އިންނާނެ، 58 ގޮންޖެހުން އަހަރެން ކަޑައްތުކުރިން."

މި ޕްރޮޖެކްޓް ގެ ސަބަބުން މުއާވިއަތަށް އެހެން މީހުންނާއި ވާހަކަ ދައްކާ ޙިޔާލު ބަދަލު ކޮށް އުޅުމުގެ ފުރުސަތު ލިބުނެވެ. ބައި ގަޑިއިރު ވަންދެން ޝައުގުވެރި ކަމާއިއެކު އަޑުއަހަން ތިބި މީހުންނާއި އޭނާ މުހާތަބުކޮށް ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާއަށް ލިބިފައިވާ ޙާއްސަ ހުނަރެއް އޭނާއަށް ފާހަގަ ކުރެވުނެވެ.

އެއީ ގިނަފަހަރަށް ވިސްނައިގަންނަން އުނދަގޫ މައްސަލަތައް އާއްމުންނަށް ދޭހަވާގޮތަށް ކިޔައިދިނުމުގެ ހުނަރެވެ. އަދި މިކަމަކީ އޭނާ ވަރަށް ގަޔާވާ ކަމަކަށްވިއެވެ. އެހެންކަމުން ނުކުޅެދޭ މީހުންނާއި ބެހޭގޮތުން ކުޅެދޭ މީހުންނަށް ގިނަ ކަންތައްތަކެއް ބަޔާން ކޮށްދިނުމަށް މިހުނަރު ބޭނުން ކުރާނެ ގޮތަކާއިމެދު އޭނާ ވިސްނިއެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި ތައުލީމުގެ ޒަރިއްޔާއިން ނުކުޅެދޭ މީހުން ބާރުވެރި ކުރުވިދާނެއެވެ. އެއީ އަމިއްލަ ނަފްސުގައި ހުރި ގާބިލްކަން ދެނެގަތުމުގެ ތައުލީމެވެ. އެމީހުންނަށް ދިމާވާ ދަތިތައް ފޫއަޅުވައި ކުރިއަށް ދާނޭ މަގުތަކެއް ހޯދުމަށްޓަކައެވެ. 

އެއީ އެމީހުންގެ އަމިއްލަ އަޑު އެހެން މީހުންނަށް އިއްވުމަށާއި ހިތްހަމަ ޖެހޭ ފުއްދުންތެރި ދިރިއުޅުމެއް އުޅުމަށްޓަކައެވެ. މިކަމުގައި ނުކުޅެދޭ މީހުންނަށާއި ކުޅެދޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަމަށް އޭނާ އާށް ވިސްނުނެވެ.

"އާރޓް ޕްރޮޖެކްޓް މެދުވެރި ކޮށް އަހަރެންގެ ނަފްސު ބަޔާންކޮށްދީ، އަދި ބެލުންތެރިންނާ މިކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުން އަހަރެންގެ ޙިޔާލު އެމީހުންނަށް ވިސްނި އެގޮތް ކަމުދިޔަ. އެހެން ކަމުން ނުކުޅެދޭ މީހުންގެ ހައްގުގައި މަސައްކަތް ކުރުމަށް އަހަރެން އަޒުމް ކަނޑަ އެޅިން،"

ނުކުޅެދޭ މީހުންނާއި ދޭތެރޭ ރާއްޖޭގައި މީހުން ދެކޭ ގޮތް ކުރިއަށްވުރެ ރަނގަޅު ކަމަށް އޭނާ ބުންޏެވެ. އޭނާގެ މަސައްކަތުން މިކަމަށް އެހީތެރިވެދޭ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އަދި އިތުރަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް މުއާވިއަތު ފާހަގަ ކުރިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ