އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ މޫސާ ޝާމިޚް ޝަރީފް ޝާއިޢު ކުރީ 03/02/2020

ނާޒިފްގެ ދުނިޔެ، ފުރޮޅުލީގޮނޑިއެއްގައި

މިލިޔުމުގައި ނާޒިފްގެ ދިރިއުޅުމާއި، ދިމާވި ގޮންޖެހުންތަކާއި އެއްބާރުލުންދިން ފަރާތްތަކުގެ އިތުރުން އޭނާ މުޖުތަމައަށް ކޮށްދިން ހިދުމަތްތަކަށް އަލި އަޅުވާލީމެވެ.
Moosa Shamikh Shareef Avatar
މޫސާ ޝާމިޚް ޝަރީފް

ޝާއިޢު ކުރީ: 03/02/2020

Hydrocephalus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިސްމާއިލް ނާޒިފް ސައީދުއަކީ އޭނާގެ އުމުރުގެ އެހެން ކުދިންނާއި ތަފާތު ކުއްޖެކެވެ. ނަމަވެސް ދިރިއުޅެމުން ދަނީ އޭނާއަށް އޮތް އެންމެ ފުރިހަމަކޮށެވެ، މާދާމައެއް ނެތްފަދައިންނެވެ. 

ކުޑައިރުއްސުރެ ނާޒިފަކީ ހައިޑްރޯސެފަލަސް ގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މި ބަލީގެ ސަބަބުން އުނަގަނޑުން ތިރިން އެއްވެސް ހަރަކާތެއްނުކުރެވި ފުރޮޅުލީގޮނޑިއެއްގައި މުޅި ހަޔާތް ހޭދަކުރަންޖެހިފައިވާ ކުއްޖެކެވެ. 

ނާޒިފްގެ ދިރިއުޅުމުގައި އޭނާ ވަނީ އެތައް ހުރަސްތަކެއް ކަޑައްތުކޮށްފައެވެ. މީގެ ކޮންމެ ފަހަރަކީ ވެސް ނާޒިފްގެ ކެތްތެރިކަން އިމްތިހާނުކުރި ފަހަރެކެވެ. ކޮންމެ ފަހަރަކީ ވެސް އެނާގެ އަޒުމް އަދި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށްދޭ ފަހަރެކެވެ. މިހެންކަމުން އޭނާއާ އެއްފަދަ އެހެން ކުދިންނާއި ގާތް ރަހްމަތްތެރިން ދަނީ އެތައް އިބްރަތްތަކެއް ހާސިލްކުރަމުންނެވެ.

 

ބަލީގެ ތައާރަފް އަދި ހޯދާފައިވާ ފަރުވާތައް 

މި ބަލީގެ ސަބަބުން ސިކުޑީނގެ އެތެރޭގައި ހުންނަ ފެން (ސެރީބްރޯ ސްޕައިނަލް ފްލުއިޑް) ސިކުނޑިން ބޭރުނުވެ ޖަމާވެއެވެ. ނަތީޖާއެއްގެ ގޮތުން ބޮލުގެ ނާށިގަނޑަށް ބާރުބޮޑުވެއެވެ. މި ބަލީގެ ސަބަބުން ދެފައިގައި ވާގި ހުންނަނީ ގޮސްފައެވެ. އަދި ހިނގާ ބިގާވެ އުޅެން އުދަނގޫވެއެވެ. އައްސިވުން، އާދަޔާހިލާފަށް ވަރުބަލިވުން އަދި ކަންކަން ހަނދާންނެތޭގޮތްވެއެވެ. 

މިހާތަނަށް 22 ސާރޖާރީއެއް ހަދާފައިވާއިރު ފުރަތަމަ ސާރޖަރީ އަކީ "ޝަންޓް" ސާރޖަރީ އެވެ. މި ސާރޖަރީ ނާޒިފް ހަދާފައިވަނީ ތުއްތުކުއްޖެއްގެ ގޮތުގައެވެ. މީގައި ބޮލުގެ ފަހަތުން ކަފާލުމަށްފަހު ހިމަހޮޅިއެއް ސިކުނޑީގެ ޓިށޫތަކާއި ގުޅުވަނީއެވެ. ހޮޅީގެ އަނެއް ކޮޅު ގުޅިފައިވާނީ ކުޑަކަމުދާ ނިޒާމާއެވެ. އެއަށް ފަހު ސިކުނޑީގައި އުފެދޭ ފެން މިހޮޅީގައި ދައުރުވުމަށްފަހު ކުޑަކަމުދާ ތަކެއްޗާއެކު ބޭރުކުރެވެއެވެ. 

21 ދިގު އަހަރަށްފަހު އެ ހޮޅިވަނީ ސިކުނޑީގެ ޓިށޫތަކާއިވަކިވެފައެވެ. އަނެއްކާވެސް ހަދަން ޖެހުނީ ފުރާނައަށް ނުރައްކާ ކުރުވަނިވި ސާރޖަރީއެކެވެ. ނަމަވެސް ސާރޖަރީ ހެދުމަށްފަހު އަލަށް ލެއްވި ހޮޅިން ވައި ބޮތްކެއް އުފެދުނެވެ. އެ ހޮޅި ޖެހުނީ ނައްޓާލާށެވެ. 

ނަމަވެސް ނާޒިފްގެ ހަށިގަނޑުގެ ތެރޭގައި އާދަޔާ ހިލާފުކަމެއް ވެއްޖެއެވެ. 21 އަހަރު ވަންދެން ނާޒިފް ގެ ފުރާނަ ސަލާމަތުން ބެހެއްޓި، އެންމެ ފުރަތަމަ ހޮޅި ވަށައިގެން ޓިށޫ އުފެދުމުގެ ސަބަބުން ވަގުތީ "ޝަންޓް" ނިޒާމެއް ވަނީ އުފެދިފައެވެ. އަދި އަދަށް ދާންދެންވެސް މިނިޒާމުން އެ ފެންތައް ދަނީ ބޭރުކުރަމުންނެވެ. 

ނަމަވެސް އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ފާހަގަވަންނާމު ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވަނީ އަންގާފައެވެ. އަދި މިޝަންޓް ސާރޖަރީގެ ސަބަބުން ދިމާވި މައްސަލަތައް ހައްލުކުރަން އިތުރު ސާރޖަރީތައް ހަދަންޖެހުނު ވާހަކަވެސް ނާޒިފް ކިޔާދިނެވެ.

ނާޒިފްގެ ދިރިއުޅުމުގައި އޭނާ ވަނީ އެތައް ހުރަސްތަކެއް ކަޑައްތުކޮށްފައި

 

ދިމާވި ގޮންޖެހުންތައް

ނާޒިފް ސްޓެލްކޯގެ ވލިމާލެ ބްރާންޗް ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރާތާ 3 އަހަރު ވެއްޖެއެވެ. މިކަހަލަ މާގާމަކަށް ނާޒިފް ކަހަލަ ކުއްޖަކު ހޮވި، އެމަގާމުގައި މިންނަތް މަސައްކަތް ކުރާ ކަމީ، އެހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. 

ވލިގިލީގައި އުޅޭ އެހެން މީހުންނެކޭވެސް އެއްފަދައިން މާލެ ދާންޖެހެނީ ފެރީ ބޭނުންކޮށްގެނެވެ. ފެރީއަށް އަރަން އެހީވާން ތިބެނީ ބިދޭސީން ކަމަށްވާތީ، އެމީހުންގެ ފަރުވާކުޑަކަމާއި، ދިވެހިބަސް ރަނގަޅަށް ނޭނގުމުގެ ސަބަބުން ފުރޮޅުލީގޮނޑި އުފުއްލުމުގެ ތެރޭގައި އެ ގޮނޑިއަށް އެކިކަހަލަ ގެއްލުން ލިބޭކަމަށް ނާޒިފް ބުންޏެވެ. 

ކަންމިހެން ވުމާއެކު، ފެރީއަށް އެރުމުގައި ފުރޮޅުލީގޮނޑި އަރުވަން ބޭނުންވާ އާލާތްތަކެއް ހޯދުމަށް ނާޒިފް ވިލިމާލެ ރަށު ކައުންސިލްގާތު އެދެމުން ދިޔައެވެ. ހުޅުމާލެ ފެރީ ޓާމިނަލްގައި ކުރިން ބަހައްޓާފައިހުރި ރޭމްޕުތައް ވަނީ ސިނަމާލެ ބްރިޖް އެޅިފަހުން ބޭނުންނެތިފައެވެ.

މި ރޭމްޕްތައް ވިލިމާލެ ފެރީ ޓާމިނަލްއަށް ގެނައުމަށް ކެނޑިނޭޅި ކޮންމެ ދުވަހަކު ނާޒިފް އެދުމުގެ ސަބަބުން އެކަން ވެސް ވަނީ ވެފައެވެ. މިހާރު ވިލިމާލެ ފެރީ ޓާމިނަލްގައި އެ ރޭމްޕްތައް ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނާޒިފްގެ ހިތްވަރެވެ.

ވަޒީފާ އަދާކުރަން މާލެ ދާންޖެހޭތީ ކޮންމެ ދުވަހަކުވެސް ފެރީއަށްއަރަން ޖެހެއެވެ.

 

އާއިލާ އާއި ރަހްމަތްތެރިން  

ނާޒިފް ދެކޭގޮތުގައި އެނާގެ ގާތް ރަހްމަތްތެރިންގެ ދައުރު ވަރަށް ވެސް މުހިއްމެވެ. މިގޮތުން ގާތް ރައްޓެހިންނާއެކު ކޮފީތަކަށް ދާ ދިއުމުގައު ސިޑިން މައްޗަށް އަރާއިރު ނާޒިފް އިށީނދެ އިންނަ ފުރޮޅުލީގޮނޑި، އޭނާގެ ރައްޓެހިން އުފުއްލައިގެން މައްޗަށް އަރުވައިދޭކަމަށް އޭނާ ކިޔާދިނެވެ.

ބައެއްފަހަރު ގޭގައި ހުންނަ ވަގުތު ވެސް ކޮންމެވެސް ރައްޓެއްސެއް ނާޒިފްއާއި އެކުވެއެވެ. މިހެން ދިމާވާ ދުވަސްތަކުގައި އެކުގައި ބޭރަށް ނިކުމެލާ ހަދައެވެ.

ނާޒިފްއަށް އެހީތެރިވުމުގައި އޭނާގެ ރައްޓެހިން އަބަދުވެސް ވެއެވެ.

 

100 ވަނަ ދުވަސް...

ބައްޕަ ބޯޓު ދަތުރު ކުރަން އުޅުނު ދުވަސްވަރު ބައްޕަގެ ޒިންމާ ނާޒިފް ގެ މަންމަ ދިޔައީ ވަރަށް ފުރިހަމައަށް އަދާ ކުރަމުންނެވެ. ނަމަވެސް ގޭތެރޭއިން ބޭރަށް އެއްގޮތަކަށްވެސް ނުނިކުންނަތާ 100 ދުވަސް ގުނިން ކަމަށް ނާޒިފް ކިޔާދިނެވެ. 

އަދި އެދުވަހު ބައްޕައަށް ގުޅާ ބައްޕައަށް އެ ވާހަކަ ނަންގަތުމުން ބައްޕަ ކުރަން ހުރި ހުރިހާ މައްސަކަތެއް ދޫކޮށްލައި ނާޒިފް އާއި އެކު ބޭރުގައި ވަގުތު ހޭދަކުރަގޮތް ނާޒިފް ކިޔާދިނެވެ. 

ނާޒިފްގެ މަންމަ އާއި ބައްޕަ

މަންމައާއި ބައްޕަގެ އަދި އެކުވެރިންގެ އިތުރަށް ނާޒިފްގެ ދިރިއުޅުމަގައި ލޯބިވެރިޔާ ގެ ދައުރު ވެސް ވަރަށް މުހިއްމެވެ. މިއަދާ ހަމައަށް ވެސް ނާޒިފް އާއި އެކު ނާޒިފް ގެ ލޯބިވެރިޔާ އޭނަގެ ކޮންމެ ނިންމުމެއްގައި ޝާމިލް ވަމުން އާދެއެވެ. 

 

މުޖުތަމައަށް ކޮށްދިން ހިދުމަތްތައް

ވިލިމާލޭގައި ރެޑް ކްރެސެންޓް ފެއްޓުނު ހިސާބުން ނާޒިފް އައީ އެ ޖަމިއްޔާގެ އެކި ހަރާކާތްތަކުގައި ބައިވެރިވަމުންނެވެ.

މިއަދު ނާޒިފް ވަނީ އަމިއްލައަށް އިސްނަގައިގެން ރެޑްކްރެސެންޓް ފަދަ ޖަމިއްޔާއެއް އުފައްދާފައެވެ. 

މި ޖަމިއްޔާގެ ބޭނުމަކީ ނުކުޅުދުންތެރި ކަން ހުންނަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެކުދިން މުޖުތަމައަށް އަހުލުވެރުކުރުމާއި އެކުދިންނަށް ދިމާވާ އެކި ކަންތައްތައް މުޖުތަމައާ ހިއްސާކުރާށެވެ. 

މަންޒިލަށް ވާސިލްވާން ކުރަންޖެހޭކަންތައްތައް މަޑުމަޑުން ހަރުފަތަކަށް ފަހު ހަރުފަތެއް ނާޒިފް ދަނީކުރަމުންނެވެ. އެގޮތުން އާއްމުނާއި، ކަމާގުޅުންހުރި އެކި ޖަމިއްޔާ ޖަމާއްތްތަކުން އެންމެ ފުރިހަމައަށް އެއަބާރުލުން ލިބެމުންދެއެވެ. އެހެން ކަމުން އެފަރާތްތަކަށް ހިތުގެ އެންމެ އަޑިން ނާޒިފް ޝުކުރު އަދާކުރެއެވެ. 

ވިލިމާލޭގައި ރެޑް ކްރެސެންޓް ފެއްޓުނު ހިސާބުން ނާޒިފް އައީ އެ ޖަމިއްޔާގެ އެކި ހަރާކާތްތަކުގައި ބައިވެރިވަމުން

ކުރިޔާހިލާފާށް މުޖުތަމައުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލައިގަންނަން ފަށައިފިއެވެ. އާދައިގެ މަތިން ކިތަންމެ ހުކުރު ދުވަހަކު ބާއްވާ އެކިކަހަލަ އިވެންޓުތަކުން އެކުދިން ފެންނަން ފަށައިފިއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެ ހައްގުތައް ހޯދަން ނާޒިފް އަބަދުވެސް ގޮވާލައެވެ. ފަސްޖެހުމެއް ނެތިއެވެ. ނުގުޑާފަދަ އަޒުމަކާއިގެންނެވެ. 

ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.   

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ