އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ މޫސާ ޝާމިޚް ޝަރީފް ޝާއިޢު ކުރީ 26/01/2020

އިންތިހާއާށް ކުށްތަންވުން – ކޮންމެ ކަމެއްގެ ފަރުވާ

ޔޫރިނަރީ އިންކޮންޓިނެންސް - ފަހާނައަކާ ހިސާބަށް ދެވޭއިރު ހުންނަނީ ގަޔަށް ކުޑަކަމު ދެވިފައެވެ. މި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އެހެން މީހުންނާއި ހިލާފަށް ކުޑަކަމުދާންޖެހޭ ހިނދު ހިފެހެއްޓުން ވަނީ ދަތިކަމަށެވެ.
Moosa Shamikh Shareef Avatar
މޫސާ ޝާމިޚް ޝަރީފް

ޝާއިޢު ކުރީ: 26/01/2020

Urinary incontinence Bullying
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެންނަކީ ކުޑައިރުއްސުރެ ރުޅިގަދަ މީހެކެވެ. ހިނިތުންވަނީ މަދުފަހަރަކު އެވެ. އިސްކޮޅުގައި ހަ ފޫޓު ހުރެއެވެ، އަދި ހަށިގަނޑު އެހާމެ ބިޔައެވެ. އަހަރެންގެ ހުންނަ މިޒާޖެއްގެ ސަބަބުން އަހަރެންނާ ވާހަކަ ދެއްކުމަކީ މީހުންނަށް ދަތިކަމެކެވެ. ގިނަފަހަރު އަހަރެން ރައްދަކަށްވަނީ ޒުވާބު ކުރުމެވެ. ރުޅި ކޮންޓުރޯލު ކުރުމަކީ އަހަރެންނަށް ދަތި ކަމެކެވެ. އެހެން ކަމުން ކޮންމެ މީހެއްވެސް  ބޭނުންވަނީ އަހަރެންނާ ދުރުހެލިވާށެވެ.ކަންދިމާވެފައި ހުރީ ވެސް އެގޮތަށެވެ. 

އެހެން ނަމަވެސް މީހުން އަހަރެންނާ ދޭތެރޭ މިގޮތަށް ދެކުނަސް އަހަރެންނަށް މައްސަލައެއް ނެތެވެ. ސަބަބަކީ އެއީ ދޮގަކަށް ނުވާތީއެވެ. އެ ހަގީގަތް އަހަރެން ހިތުގެ  އަޑިން ގަބޫލުކުރަމެވެ. އަހަރެންގެ ދިރިއުޅުމަގެ ވައްޓާފާޅީ އާއި މިޒާޖަށް މިހާ ބޮޑު ބަދަލުތަކެއް އައީ ދިރިއުޅުމުގައި އަހަރެންނަށް ދިމާވި ބައެއް ކަންކަމާ ހެދިއެވެ. މިކަންކަން ދެނެގަތުމަށްޓަކައި އަހަރެންގެ މާޒީއަށް ނަޒަރު ހިންގާލަން ޖެހެއެވެ.

ކުޑައިރުއްސުރެން ފެށިގެން އަހަރެން އައީ ވަރަށް ރަގަޅަށް ކިޔަވަމުންނެވެ. ކުލާހުން އަބަދުވެސް އެއްވަނަ ހޯދަމެވެ. ނަމަވެސް ރައްޓެހިން ހޯދުން ވީ ދަތިކަމަކަށެވެ. އެއީ އަހަރެންނަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުންނެވެ. މި ބައްޔަށް ކިޔަނީ ޔޫރިނަރީ އިންކޮންޓިނެންސް އެވެ. 

މި ބަލީގެ ސަބަބުން މީހާ ކުއްލިއަކަށް ކުޑަކަމުދާންޖެހެ އެވެ. ފަހާނައަކާ ހިސާބަށް ދެވޭއިރު ހުންނަނީ ގަޔަށް ކުޑަކަމު ދެވިފައެވެ. މި ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އެހެން މީހުންނާއި ހިލާފަށް ކުޑަކަމުދާންޖެހޭ ހިނދު ހިފެހެއްޓުން ވަނީ ދަތިކަމަށެވެ. މަދުރަސާގައި އަދި ގޭގައި މި ފަދަ އެތައް ހާދިސާއެއް އުމުރުގެ ވަރަށް ފަހަކާ ހަމަޔަށްވެސް އަހަރެން ތަހައްމަލް ކޮށްފީމެވެ. މީގެ ސަބަބުން އަހަރެން ވަނީ މަދުރަސާގައި އަދި ގޭގައިވެސް ހަނގާ ކުރުމުގެ ޝިކާރައަކަށް ވެފައެވެ. 

އަހަރެންގެ މައިންބަފައިން އަހަރެންނަށް މިދިމާވި ކަންކަމަކީ ބައްޔެއް ކަމަކަށް ނުދެކުނެވެ. އަދި ކަމުގެ ސަބަބުން މުޖްތަމައަށް މިކަން ސިއްރުކުރި އެވެ. ކޮންމެ ހާދިސާއަކަށް ފަހު އަހަރެންގެ މަންމަ އަހަރެންނާއި ދިމާލަށް ހާޅޭލަވާ މަލާމާތްކުރެއެވެ. ބައްޕަ އަހަރެންނަށް އަނިޔާ ނުކުރާ ދުވަހެއް ނުދެއެވެ. އަހަރެން އައީ އަހަރެންގެ ހާލަތަށް ހޭނެމުންނެވެ.

އެތަކެއް ދުވަސްތަކަކަށް ފަހު މިބަލިން އަހަރެން މުޅިން ފަސޭހަވެއްޖެއެވެ. ނަމަވެސް އަހަރެންގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަހަރެން  އާދަޔާހިލާފަށް ރުޅުގަދަވާން ފެށިއެވެ. މީހުން ދެކެ އަހަރެން ފޫހިވެ، ނަފްރަތުކުރެވެން ފެށިއެވެ. އޭގެ ސަބަބުން މަދަރުސާގައި ގޯސް އަމަލުތައް ވެސް އަހަރެން ވަނީ ކޮށްފައެވެ. އެހެން ކަމުން ކިޔެވުމަށް ދަތިވިއެވެ. 

އަހަރެންގެ ދިރިއުޅުމުގައި ދުވަހަކުވެސް ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވި މީހުންގެ ކިބައިން އަދި ބޭނުން ވި ވަގުތު އަހަރެންނަކަށް ނުލިބެއެވެ. އެހެންކަމުން މީހުންނަށް ނަފްރަތު ކުރަން ފެއްޓީމެވެ. އަހަރެންގެ އެކަނިވެރި ދިރިއުޅުމައިގެން ކުރިއަށް ދާން އަހަރެން ނިންމީމެވެ. 

އިއްޔެއަކީ އަހަންނަށް 21 އަހަރު ފުރުނު ދުވަހެވެ. މިއަދާ ހަމަޔަށް ދިރިއުޅުމުގައި ވަރަށް ގިނަކަންކަމާ ކުރިމަތިލައިފީމެވެ. ސިގިރޭޓާއި މަސްތުވާ ތަކެއްޗަށް ދެވިހިފި ގޮތް އަދިވެސް ހަނދާން އެބަހުއްޓެވެ. އަދި މީހެއް ދެކެ ލޯބި ވެވި، އެ ލޯބި އަތުން ބީވިގޮތްވެސް ތަހައްމަލް ކުރީމެވެ. ހަމައެހެންމެ ގޭންގް މަރާމަރީގެ ތަފާތު މައްސަލަތަކާއި މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަނެވުން ފާހަގަ ކުރަމެވެ. އޭގެ ސަބަބަން ދުވަސްކޮޅެއް ޖަލުގައިވެސް ހޭދިކުރީމެވެ.

މިއަދު މާޒީގެ ސަފުހާތަކަށް އެނބުރި ބަލާލާއިރު އަހަރެންގެ ހިތަށް ތަފާތު ސުވާލުތަކެއް ވެރިވެއެވެ. ޔޫރިނަރީ އިންކޮންޓިނެންސް އަހަރެންނަށް ނުޖެހުނުނަމަ އޭ ވެސް ހިތަށްއަރައެވެ. އޭރުން މީގެން އެއްވެސް ކަމެއް ނުވީސް ކަންނޭނގެއެވެ.

ކަންމިހެން ހުރިއިރު ކުރިޔާއި މިހާރާއި ތަފާތެވެ. ލޯތްބާއި އަޅާލުން އެންމެ ބޮޑަށް ބޭނުންވި މީހުންގެ ކިބައިން މިއަދު އަހަރެންނަށް އެ ލޯބި ލިބެއެވެ. އެގޮތުން އަހަރެންގެ އައިލާ ހާއްސަކޮށް ފާހަގަ ކުރަމެވެ. 

އަހަރެންގެ އާއިލާއަށް ނަފްރަތު ކުރެވުނީތީ މިއަދު ދެރެވެ، ލަދުވެތިވަމެވެ. ރަނގަޅު ރަހްމަތްތެރިން ގެއްލެމުން ދިޔަނަމަވެސް އަހަރެންގެ އާއިލާގެ ހެޔޮ ދުއާ އަހަރެންނަށް އައީ ލިބެމުންނެވެ. 

ގޮތް ހުސްވާން ފެށުމުން އަހަރެން ނިންމީ ހެއްދެވި ފަރާތާއި ކައިރިވާށެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި މާތް ﷲ އަށް ކުށްތަންވާން ފެށުނު ހިސާބަކީ އަހަރެންގެ ދިރިއުޅުން އުޖާލާ  ވާން ފެށި ހިސާބެވެ. މިއަދު އަހަރެން އެންމެ ގާތްކޮށް ދެކެނީ ހެއްދެވި ފަރާތާއި، އަހަރެންގެ އާއިލާ އަދި އަހަރެންގެ އަމިއްލަ ނަފްސެވެ. 

 ޔޫރިނަރީ އިންކޮންޓިނެންސް ތަހައްމަލަކުރަމުންދާ ފަރާތްތަށް ވިހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިއްމެވެ. ސަބަބަކީ ބަލީގެ ކުރީ ކޮޅު ފަރުވާ ކުޑަކޮށްފިނަމަ ދިރިއުޅުމަށް އޭގެ ނޭދޭވޭ އަސަރު ފޯރާފާނެތީއެވެ. 

އަދި ހަމައެހެންމެ ހެއްދެވި ފަރާތަށް ކުއްތަން ވުސް ވެސް އެހާމެ މުހިންމެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ނުގުޑާ ފަދަ އަޒުމަކާއި ހެއްދެވި ފަރާތަށް ކުށްތަންވާ ކުށް ތަންވުމަކީ ކޮންމެ ބައްޔަކަށް ވެސް އޮތް އެންމެ ރަނގަޅު ފަރުވާއެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް: މިލިޔެމުގައިވާ މައުލޫމާތުތަކަކީ އިންޓެވިއު ދެއްވި ފަރާތުގެ ޚިޔާލުތަކެވެ. ވެބްސައިޓް ނުވަތަ ލިޔުންތެރިޔާގެ ޚިޔާލެއްނޫނެވެ.   

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ