އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 09/09/2019

ހަނދާނުން ފޮހެވިގެންދާ ދުވަސްތައް

ލޯބިވާ މާމައަށް ހަނދާންނެތޭ ބަލިޖެހުމުން ކުރި ތަޖުރިބާގެ ވާހަކަ
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 09/09/2019

Alzheimer's Disease
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައްސަލާމު އަލައިކުމް، އަހަރެންގެ ނަމަކީ އަކްރަމްއެވެ. އަހަރެންގެ މާމައަކީ އަލްޒައިމާސް ބަލީގެ ޕޭޝަންޓްއެކެވެ. އަހަރެންގެ މާމައަކީ އެހެން މާމަތަކާ އެއްފަދައިން ދެކަމެއް ވަރަށް ޝައުގުވެރިކަމާއެކު ކުރި މާމައެކެވެ. އެއީ އަހަރެން ބަނޑުފުރޭންދެން ބަނބުކެޔޮ ކާންދިނުމާއި ހިތްފުރޭންދެން ވާހަކަ ކިޔާދިނުމެވެ. އަހަރެންގެ މާމައަކީ ވާހަކަ ކިޔާދިނުމުގެ މާހިރެއްގެ އިތުރުން ވަރަށް ވެސް ހިތްގައިމު ރޫހެއްގެވެރިއެކެވެ. އަހަރެން މާމައާއެކު ދިރިއުޅުނީ ޕްރައިމަރީ ގްރޭޑް ގެ އަހަރުތަކު ގައެވެ. އެއީ އަހަރެންގެ ވިސްނުމަށް ހެޔޮބަދަލުތަކެއް އައި ސިކުނޑި ތަނަވަސް ވެގެން ދިޔަ އަހަރުތަކެއް ކަން ޔަގީނެވެ. އެހެން ނުވާންވީވެސް ކީއްވެގެން ހެއްޔެވެ؟ މާމަގެ ބަގީޗާގެ މިރުސް ގަސްތަކުން މިރުސް ކާން އަންނަ މުސަޅުދަތްލީ ކާޅުގެ ވާހަކަތައް ކަނުލާ އަޑުއަހަމެވެ. މާމަގެ އާދަޔާޚިލާފު ދުނިޔޭން ބޭރުގެ ވާހަކަތަކުގެ އިތުރުން މާމައަކީ ތާރީހީ މައުލޫމާތުގެ ޚަޒާނާއެކެވެ. ބޮޑު ހަނގުރާމައިގައި ރާއްޖެއަށް ދިމާވި ބޮޑު ތަދުގައި މާމަ ދިރިއުޅުނީ މާމަގެ ބަގީޗާއިން ބިންނަ ތަރުކާރީ އާއި ކާފަ ބޭނި މަސް ކައިގެން ހިތްވަރާއެކު އުފަލުގައެވެ.

މާމަ ޑައިގްނޯސް ކުރެވިގެން ދިޔައީ މާމަގެ އުމުރު ނިމެން އައިފަހު އަހަރު ތަކުގައެވެ. މާމަގެ ބަލީގެ ފުރަތަމަ އަސަރުތައް ފެންނަ ކޮންމެ މީހެއްވެސް އޭރުގައި އަހައިފިނަމަ ބުނާނީ އެއީ މުސްކުޅިވުމުން ވާކަމެއް ކަމުގައެވެ. ބުނެވޭނީވެސް ކީކޭހެއްޔެވެ؟ އެޒަމާނުގައި "ރާއްޖެ ތެރެއޭ" މި ބުނާ މީހުން، އަހަރަމެންނަކަށް އެނޫން ބައްޔެއް ރަނގަޅަކަށް ނޭގެއެވެ. ފުރަތަމަ ފާހަގަވީ ކުދި ކަންތައް ތަކެވެ. މާމަގެ ތަޅުދަނޑި ބޭއްވުނުތަން ހަދާން ނެތިގެން އުޅޭތަނެވެ. ނޫނީ މާމަގެ ނަންމަޝްހޫރު ބަގީޗާއަށް ފެން ދޭން ހަދާންނެތޭތަނެވެ. މަޑުމަޑުން އާދައިގެ ކުދި ބަދަލުތައް ބަދަލުވީ ބޮޑެތި ކަންތައްތަކަށެވެ. ނަމާދު ކުރަން ހަދާން ނެތުމަށެވެ. ނަމާދު ކުރުން ހަދާންނެތުމަކީ މާމައަށް ބޮޑުކަމެކޭ މިބުނަންޖެހުނީ މާމައަކީ އަބަދުވެސް ނަމާދު އިސްކުރާމީހަކަށް ވީމައެވެ. ބަލިވުމުގެ ކުރިން އެންމެ އަވަހަށް ހޭލާ ދެން ހުރިމީހުން ފަތިސް ނަމާދަށް ހޭލަށް ވާނީ މާމައެވެ. މާމަ ކޮންމެދުވަހަކުވެސް ފަސްނަމާދު ކުރާނެއެވެ. ކޮންމެ ނަމާދަކަށް ފަހު ގަޑިއިރެއް ހާއިރު އަހަރަމެންގެ ހެޔޮ މުސްތަޤްބަލަކަށް ދުއާކުރާތަން ފެންނާނެއެވެ. އެފަދަ އީމާންތެރިކަމެއް ލޮލަށް ފެނުމަކީ އަހަރެން ހިތް ފުރިގެން ނަމާދަށް ޝައުގުވެރިވި ކުރުވި މައިގަނޑު އެއްކަމެވެ. މާމަ ނަމާދު ކުރަން ހަދާން ނެތޭތަން ފެނުން އަހަރެންނަށް ވީ ވަރަށް ވެސް ހިތާމަވެރި މަންޒަރަކަށެވެ.

މި ކަމުގައި އެންމެ ބޮޑަށް އަސަރު ކުރީ އަހަރެންގެ މަންމައަށެވެ. މަންމަ އަކީ މާމަގެ ރަންދަރިއެވެ. ދުނީޔޭގެ އެންމެ އަގުބޮޑު އެންމެ މީރު ކާއެއްޗެހި އެންމޭޒަކަށް އަތުރާލިނަމަވެސް މާމަގެ ރަންދަރި ނެތިއްޔާ ނުވަތަ މާމަނެތިއްޔާ އެކަކު އަނެކަކު އެއެއްޗެއްގެ ވަސް ވެސް ބަލާނުލާނެއެވެ. މި ބުނަނީ ޝަރުތުތަކަކަށް ބުރަނުވާ ގުޅުމެއްގެ ވާހަކައެވެ. ދުނިޔެވީ ބުރަޔަށް ބަދަލުނުވާ ކުލުނެއްގެ ވާހަކައެވެ.

އަހަރެން ގްރޭޑް 10 ގައި އުޅުނު އަހަރު އެއްދުވަހު ގެޔަށް އައިއިރު އެމްބިއުލެންސް އެއް ގޭކުރިމަތީ އޮތެވެ. ވީނުވީ އެއް ބެލިއިރު މާމައަށް އުދުން ޖައްސާފައި ނިއްވަން ހަދާންނެތުނީއެވެ. އޭގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގީއެވެ. އަޅުގަނޑު ގެ ދައްތައެއް އަލިފާން ނިއްވީ އޭރު ހިސާބުގަނޑުގައި ހުންނަ ހަމައެކަނި ފަޔާ އެކްސްޓިންގިއިޝާ އިންނެވެ. ނިއްވަން އުޅުނު މަސައްކަތުގާ އަނިޔާތަކެއް ލިބުނެވެ. މާމަ އުދުން ޖެއްސި ހަދާނެއް މާމަ ނުވިއެވެ. ޖެއްސިކަމަށް އެއްބަސް ވެސް ނުވެއެވެ. ވާންވީވެސް ކީއްވެހެއްޔެވެ؟ އެދުވަހަކީ އެންމެންގެ ވެސް ވިސްނުން މާމަޔާ ދޭތެރޭ ބަދަލުވެގެން ދިޔަ ދުވަހެކެވެ. އާއިލާއިން މާމަގެ މައްސަލަ ސީރިއަސް ކަމާއެކު ނަގަންފެށިއެވެ. މުޖްތަމައު މާމައާދޭތެރޭ ދެކުނީ ޒިންމާދާރުކަން ކުޑަ މީހެއް ގޮތުގައެވެ. މަންމަ އަށް ލިބުނީ މަންމަގެ އުމުރުދުވަހުވެސް ނުލިބޭ ހިތް ނުތަނަވަސް ކަމެކެވެ.

މާމަގެ ބަލީގެ އަސްލު ހޯދާ ވަގުތު އައިސް ޖެހުނީކަން އެންމެން ގަބޫލުކުރިއެވެ. މާމަ ގެންދިޔައީ އައިޖީއެމްއެޗް އަށް ދައްކާށެވެ. ލިބުނީ ސީދާޖަވާބެއް ނޫނެވެ. ޑޮކްޓަރު ލަފާދިނީ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދިއުމަށެވެ. އާއިލާ އިން ފައިސާ ހަމަޖެހުނުހާ އަވަހަށް މާމަ ގޮވައިން އިންޑިއާއަށް މަންމަމެން ފުރިއެވެ. އަހަރެން އެތާނގައި އަޑުއަހަން ނެތް ކަމުގައިވިޔަސް، މަންމައަށް ބަލީގެ އަސްލު ކިޔައިދިން ވަގުތަކީ މަންމަ މުޅިން ހިތް ކުދި ކުދި ވެގެން ދިޔަ ވަގުތެއްކަން ޔަގީނެވެ.

މާމަ ހޮސްޕިޓަލަކު މާގިނަދުވަހެއް ހޭދައެއް ނުކުރެއެވެ. މާމަގެ ބަހުންނަމަ "އަހަރެން ދުނިޔެ ހަނގުރާމައަށް ދިޔަ އިރު ގައިމު އުޅުނިން، އަދި އިލޮށިފަތި ބެހެއްޓުނު ތަން ނޭނގިގެން ހާސްވާކަށް ނުޖެހެއެއްނު". އޭރު މާމަހުރީ ބަލީގެ ސްޓޭޖް 4 ގައެވެ. މޮޑެރެޓް ކޮގްނިޓިވް ޑިކްލައިން އޭ ކިޔޭ ސްޓޭޖް ގައެވެ. މާމަ ހިނގާލަން ގޮށްސިއްޔާ ގެއްލުމަކީ އާންމުކަމަށް ވެއްޖެއެވެ. ހަމަ ކޮންމެ ބުރަކުވެސް މާމަ ހޯދައިގެން ގެޔަށް ގެންނަނީ މަންމައެވެ. މާގިނަ ދުވަސް ތަކެއް ނުވެ މާމަ އަހަރަމެންގެ ނަންތައް ހަދާންނެތެން ފެށިއެވެ. މިހާއިރު މާމަގެ މޮޅެތި ވާހަކަތަކުން އަހަރެން ވަނީ މަހްރޫމް ވެފައެވެ. ކަނޑު ފަތާފައި ދެރަށް ދޫކޮށް މާމަދެކެން ކާފަ އަންނަ ވާހަކަތައް އިވުން އޭރު ހުއްޓިއްޖެއެވެ. މުސަޅު ދަތްލީ ކާޅުގެ ވާހަކަތައް ވެސް ހުއްޓިއްޖެއެވެ. ނަމަވެސް މާމަގެ މޫނުމަތިން ހިނިތުން ވުން އޭރުވެސް އެންމެނަށް ލިބެއެވެ. ހިނިތުންވުމުގެ ފަހަތުގައި ވާ ބުރަ ދެނަގަންނަން ވަރަށް ފަސޭހައެވެ.

މާމަގެ ހަޔާތުގެ ފަހު އަހަރުތަކުގައި އަހަރެން އުޅުނީ ދައްތައާއި އެކުގައެވެ. މާމަ ބަލާހެދީ މަންމައެވެ. ޝަކުވާއެއް ނެތި މޫނުމަތިން ބުރަ ކަމެއް ނުދައްކާ ކުރާހިތުން މަންމަ މާމަގެ ހުރިހާކަމެއް ކުރިއަށް ގެންދިޔައެވެ. އަހަރެން މާމަދެކެން ދާދުވަހެއްގައި ފެންނާނީ ހުސް ހަށިގަނޑެކެވެ. ރޫހެއް ނެތްކަހަލަ ލޮލެކެވެ. މާމަ ބުނާނީ މަދު ބަސްކޮޅެކެވެ. މާމައަށް އެއްޗިހި ހަދާންކޮށްދިނުމަށް މަންމަ އޭރު ގެންގުޅުނީ ފޮޓޯތަކެކެވެ. އަހަރަމެން ކުދިން ކުޑަ އިރުގެ ފޮޓޯތަކާ މާމަގެ ޅައިރުގެ ފޮޓޯތައް މާމަގެ ލޯކުރިމައްޗަށް މަންމަ ގެނަސްދިނީ ވާހަކަތަކާއެކުއެވެ. މަންމަގެ ވާހަކަތަކަށް މާމަ ގެއްލިފައި އިންނައިރު ހީވާނީ އަލަށް ކުޑަކުއްޖަކަށް ނިދާއިރު ކިޔާދޭ ވާހަކައެއް ކިޔާދޭހެންނެވެ. މާމައަށް އޭރުބުނެވޭ މަދު ބަސްކޮޅު ގައި އަބަދުވެސް ހިމެނޭ ބަޔަކީ "ދަރިފުޅާ ވަރަށް ލޯބިވޭ" މި ބަސްކޮޅެވެ. އާއިލާގެ އެންމެނަށްވެސް އެއީ ހިތްދަތި ތަހައްމަލް ކުރަން އުނދަގޫވި ދުވަސްކޮޅެކެވެ. މާމަގެ މާމަދަރިން ހަދާންނެތި، ކާފަ ގެ ނަން ހަދާނެތި އަމިއްލަ ގެވެސް ހަދާން ނެތިއްޖެއެވެ. ނަމަވެސް މާމަ މަންމަ އަށް ބާއްވާ ހިތްހެޔޮ ކަމަކަށް ދުވަހަކުވަސް ބަދަލެއް ނާދެއެވެ. ކިތަންމެ އުނދަގޫ ދުވަހެއް ވިޔަސް އަހަރަމެންނަށް މަންމައާއި މާމަގެ ވަރުގަދަ ގުޅުން އާލާވެ، އަލުން ބަދަހިވެ ވަރުގަދަވާ މަންޒަރު ފެންނާނައެވެ. ކޮންމެ ދުވަހަކު އަލުން ލޯބިވެވޭ ކަހަލައެވެ.

އަހަރެންގެ މާމަ މިދުނިޔެ ދޫކޮށްފައި ދިޔައީ މީގެ ދެއަހަރުކުރިން މާމަގެ ނިދީގައި ހަމަހިމޭން ކަންމަތީގައެވެ. އެއީ އަހަރެމެން އެންމެންނަށް ވެސް އައުން ގާތްވެއްޖެކަން ޔަގީންވި ނަމަވެސް އަންނަން ބޭނުންނުވި ދުވަހެކެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް މާމަގެ ޖަނާޒާގައި ފެނިގެން ދިޔައެވެ. އެއީ އަހަރެންގެ ހަޔާތުގެ ވަރަށް ހިތާމަވެރި ދުވަހެކެވެ. ނަމަވެސް އެދުވަސްތަކަކީ އަހަރެންގެ ހަޔާތުގައި ޖާދޫގެ ކުލަވަރު ޖައްސައިދިން ދުވަސްތަކެކެވެ. އެފަދަ މާމައެއް ލިބުނުކަމަށް އަހަރެން އަބަދުވެސް ޝުކުރުވެރިވަމެވެ. މާމަގެ ބަގީޗާ ނެތިގެން ގޮއްސިއެވެ. ނަމަވެސް މިހާރު އަހަރެންގެ އަމިއްލަ ބަގީޗާ އެއް ހެއްދީއެވެ. މިރުހާ، ޓޮމާޓޯ ގެ އިތުރުން އަހަރެން ބަގީޗާގައި ކުޑަކުޑަ ބޯޑެއް އިންނާނެއެވެ. އޭގައި ލިޔެވިފައި އިންނާނީ މުސަޅުދަތްލީ ކާޅަށް ވަނުން މަނާކަމަށެވެ.

 

ކިޔުންތެރިންގެ ސަމާލުކަމަށް:  ލިޔުމުގައި ބޭނުން ކުރެވިފައި ވަނީ އަސްލު ނަމެއް ނޫނެވެ. ލިޔެވިފައި ވާހަކައިގެ މައުލޫމާތަކީ ލިޔުން ނިސްބަތްވާ ފަރާތުގެ ވިސްނުމާއި ބަހެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ