އިސްތިހާރު Advertisement - Doctor_mv Advertisement - Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 24/10/2019

އަރިދަފުސް ރޯގާއަށް ދިވެހިބޭސްވެރިންގެ ފަރުވާ

އަރިދަފުސް ރޯގާއަށް ފަރުވާ ކުރުމަށްޓަކައި މައިގަނޑު ގޮތެއްގައި ބޭނުން ކުރެވެނީ 3 ބޭހެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 24/10/2019

Colds
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement - Docto_mv

އަރިދަފުސް ރޯގާއަށް ފަރުވާ ދިނުމާ ބެހޭގޮތުން ދިވެހިބޭހުގެ މާހިރުން މައުލޫމާތު ދެއްވާފައިވެއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބޭނުން ކުރެވެނީ 3 ބޭހެކެވެ. ކޮތަބިރިސަރުބަތު، މުއިކޮތަބިރި އަދި ވޭމުއިސަރުބަތު އެވެ. މިބޭސްތައް ތައްޔާރު ކުރާނެ ގޮތާއި، ބޭނުންވާ ތަކެއްޗާއި، ބޭނުންކުރަންވީ ގޮތް ތިރީގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ކޮތަބިރިސަރުބަތު

ކޮތަބިރިސަރުބަތަކީ އަރިދަފުސް ރޯގާގެ އިތުރުން ބޯއެނބުރުމަށާއި، ހުން އައުމަށާއި، ގައި ކެހުމަށްވެސް ބޭނުން ކުރެވޭ ބޭހެކެވެ. އަދި މިބޭހަކީ ތައްޔާރުކުރުމަށްފަހު ކުރު މުއްދަތަކަށް ބެހެއްޓިދާނެ ބޭހެކެވެ.

ބޭނުންވާ ތަކެތި

10 ގްރާމް ކޮތަބިރި (ދޮވެ ސާފުކޮށްފައި).

6 ގްރާމް ކެލާފުށް.

600 މލ ވާރޭފެން.

300 ގްރާމް ހަކުރު.

ތައްޔާރު ކުރާނެ ގޮތް

 1. ކޮތަބިރި އަދި ކެލާ ފެނަށް އަޅާފައި އެއްރޭ ބަހައްޓާ
 2. ½ ހިދެންދެން ކައްކައި ފުރާނާލުމަށް ފަހު ބޮޑިގަޑު ފެލާލާ
 3. ހަކުރު އަޅައިގެން ބޮކި ޖަހާ ކެކެންދެން ކައްކާ
 4. ގަރުނެގުމަށްފަހު ފުރާނާލާ

ބޭނުންކުރަންވީ ގޮތް

6 ގަޑިން ނުވަތަ 4 ގަޑިން، 2 މޭޒުމަތީ ސަމުސާ ތިނެއް ނުވަތަ ފަސް ދުވަސް ވަންދެން ދޭށެވެ. ބޭހުގެ މިންވަރާއި ގަޑި މަދުކޮށްގެން އެއަށްވުރެ ދިގު މުއްދަތަކަށްވެސް ބޭނުން ކުރެވިދާނެއެވެ.

 

މުއިކޮތަބިރި

މުއިކޮތަބިރިއަކީ ހިތުގެ ބާރުގަދަ ކުރުމަށާއި، ހިތްހަމަޖެއްސުމަށް އަދި ބަނޑުގައި އުފެދޭ ފަނި ބޭރުކުރުމަށްވެސް ބޭނުން ކުރެވިދާނެ ބޭހެކެވެ. މިބޭސް ތައްޔާރު ކުރުމަށްފަހު ކުރު މުއްދަތަކަށް ބެހެއްޓޭނެއެވެ. އަދި ބޭނުންކުރުމުގެ ކުރިން ފުޅި ހަލުވާލާ އެއްކޮށްލަން ވާނެއެވެ.

ބޭނުންވާ ތަކެތި

8 ގްރާމް ކޮތަބިރި ފުށް

240 މލ މާމުއި

ތައްޔާރު ކުރާނެ ގޮތް

ކޮތަބިރި ފުށް ރަނގަޅަށް މާމުޔާ އެއްކުރާނީއެވެ. 

ބޭނުންކުރަންވީ ގޮތް

3 އިރު އިރަކު 2 ސައިސަމުސާ މެދުނުކެޑި ދިހަ ދުވަސްވަންދެން ބޭނުން ކުރެވޭނެއެވެ. އަދި ބޭނުންވެއްޖެނަމަ އެއަށްވުރެ ދިގު މުއްދަތަކަށްވެސް ބޭނުން ކުރެވޭނެއެވެ.

 

ވޭމުއިސަރުބަތު

ހަމަގައިމުވެސް އެންމެ ގިނަ ބަޔަކަށް އެނގޭނޭ ދިވެހި ބޭސްތަކުގެ ތެރޭގައި ވޭމުއިސަރުބަތު ހިމެނޭނެއެވެ. މިބޭހަކީ ހުމަށާއި މޭގައި އަރިދަފުސް ހިފުމުގެ ސަބަބުން ދިމާވާ ކެއްސުމަށާއި ނޭވާ ދަތިވުމަށްވެސް ބޭނުން ކުރެވޭނެ ބޭހެކެވެ. އަދި މިބޭސް ތައްޔާރުކުރުމަށްފަހު ބެހެއްޓޭނީ ކުރު މުއްދަތަކަށެވެ.

ބޭނުންވާ ތަކެތި

10 ގްރާމް ވޭމުއި

10 ގްރާމް ހިކިއިގުރު

10 ގްރާމް ނަބާޒު ހަކުރު

5 ގްރާމް ކޮލިޒާން 

5 ގްރާމް ވަކިފޫ

3 ގްރާމް ކަރަންފޫ

900 މލ ވާރޭފެން

450 ގްރާމް ހަކުރު

ތައްޔާރުކުރާނެ ގޮތް

 1. ވޭމުއި، އިގުރު އަދި ކޮލިޒާން ކުދިކޮށް ކޮށާލާ
 2. ނަބާޒު ހަކުރު ފިޔަވައި އެހެން ހުރިހާ ބޭސްތައް މުގުރާލާ
 3. ހުރިހާ ބޭސްތައް ފެނަށް އަޅައިގެން 3/1 ހިދެންދެން ކައްކާ
 4. ފުރާނައިފައި ބޮޑިގަޑު ފެލާލާ
 5. ހަކުރު އަޅާ ކެއްކުމަށްފަހު ބޮކިޖަހާ ކެކެން ފެށުމުން 3 މިނެޓް ކައްކާ
 6. ގަރުނެގުމަށްފަހު ބާލާ

ބޭނުންކުރަންވީ ގޮތް

3 އިރު ނުވަތަ 4 އިރު އިރަކު 2 ސައިސަމުސާ ފަސް ދުވަހާއި ދިހަ ދުވަހާއި ދެމެދުގެ މުއްދަތަކަށް 

 

މައުލޫމާތު ނަގައިފައިވަނީ އަޙްމަދު ޞާލިޙް ޙުސެއިން ލިޔުއްވި 'ދިވެހި ބޭސްވެރިންގެ އަތްމަތީ ފޮތް' މިފޮތުންނެވެ.

އިސްތިހާރު Advertisement - Docto_mv Advertisement - Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ