އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޞިއްޙީ ތަޖުރިބާކާރުން
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 27/04/2019

ޑރ. ނަޝީދާ ސައީދު އާއެކު އެޕޮއިންޓްމެންޓެއް (އެތެރެހަށީގެ ޙާއްސަ ޑޮކްޓަރ)

ޑރ. ނަޝީދާ ސައީދު ވިދާޅުވި ގޮތުގައި އެންމެ ކުޑަ އިރުން ފެށިގެންވެސް ޑޮކްޓަރަކަށްވާން ބޭނުން ވިއެވެ. އޭ ލެވެލްސް ކިޔެވުމަށްފަހު ރަޝިޔާ އަދި މެލޭޝިޔާއިން ތައުލީމު ހާސިލް ކުރިއެވެ. އެއަށްފަހު ނަޝީދާ މިހާރު މަސައްކަތް ކުރަނީ އޭޑީކޭ ހޮސްޕިޓަލްގައި އެތެރެ ހަށީގެ ޑޮކްޓަރެއްގެ ގޮތުގައެވެ. އަޅުގަނޑުމެން މިއިންޓަވިއުގައި ޑރ. ނަޝީދާ ސައީދުގެ ކިޔެވުމުގެ ދައުރާއި ބެހޭގޮތުންނާއި ޑޮކްޓަރަކަށް ވާން ކުރި މަސައްކަތާއި ބެހޭގޮތުން ވާހަކަ ދައްކާލީމެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 27/04/2019

Internal Medicine Dr Nasheeda Saeed
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެތެރެ ހަށީގެ ޑޮކްޓަރަކަށް ވާން ބޭނުންވީ ކީއްވެ؟ 

ޑޮކްޓަރަކަށް ވާން އަޅުގަނޑުގެ އަބަދުވެސް ޝައުގުވެރިކަން ހުރޭ. އެސް.އީ.ސީ ގައި ތައުލީމު ހާސިލް ކުރުމަށް ފަހު އަޅުގަނޑު މަސައްކަތް ކުރަން ފެށީ އައި.ޖީ.އެމް.އެޗް ގައި. އެއީ ޑޮކްޓަރެއްގެ އެހީތެރިޔާގެ މަގާމުގައެވެ.

އެދުވަސްވަރު ބޭރަށް ކިޔަވަންދާން ފުރުސަތު ހޯދުމަކީ ވަރަށް އުދަގޫ ކަމެއް. ސްކޮލަޝިޕް ވެސް ލިބެނީ ވަރަށް މަދުން. އަދި އޭރު އަޅުގަނޑަށް ކުރެވުނު ކުށަކީ އޭލެވެލް ގައި ފިސިކްސް މާއްދާ ނުނެގުން. މީގެ ސަބަބުން މެޑިކަލް ސްކޫލަކުން ޖާގަ ހޯދަން ވަރަށް އުދަގޫވިއެވެ.

އެންމެ ފަހުން އަޅުގަނޑު ޖެހުނީ ފިސިކްސް މާއްދާ ވަކިން ކިޔަވަން. އަޅުގަނޑު ދިޔައީ އެމް.އީ.އެސް އަށް. މީގެ ސަބަބުން އިތުރު ވަގުތު ތަކެއް އަޅުގަނޑު ހަޔާތުން ބޭކާރު ވެގެން ދިޔަ. އަޅުގަނޑު ދެކޭ ގޮތުގައި މިހާރުގެ ކިޔަވާ ކުދިން މިޔަށްވުރެ މާ ހޭލުންތެރި. މެޑިކަލް ސްކޫލަކަށް ވަނުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތައް އެކުދިންނަށް އެނގެއެވެ.

އެމް.ބީ.ބީ.އެސް ޑިގްރީ އަޅުގަނޑު ހާސިލް ކުރީ ރަޝިޔާގެ ނިޒްނީ ނޮވްގޮރޮދް ސްޓޭޓް މެޑިކަލް އެކަޑަމީ އިން. އޭރު ކިޔަވަމުން ދިޔަ އިރު އަޅުގަނޑުގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައީ އެތެރެ ހަށީގެ ދާއިރާއިން. އަދި އެއަށްފަހު އިންޓާންޝިޕް އަހަރު ހަދަންވެގެން މައިސޫރު، އިންޑިޔާގައި މަސައްކަތް ކުރަމުންދިޔަ އިރު އިތުރަށް ކިޔަވާނީ އެތެރެ ހަށީގެ ދާއިރާއިންކަން ޔަގީންވިއެވެ.

އެބުރި ރާއްޖެ އައުމަށްފަހު އަޅުގަނޑު މަސައްކަތްކުރީ އަނެއްކާވެސް އައި.ޖީ.އެމް.އެޗް ގައި. މިފަހަރު މެޑިކަލް އޮފިސަރ އެއްގެ މަގާމު އަޅުގަނޑު އަދާކުރިން. އަޅުގަނޑު މަސައްކަތްކުރީ މެޑިކަލް ވޯރޑްގައެވެ. 

ހަތަރު އަހަރު މަސައްކަތް ކުރުމަށްފަހު އަޅުގަނޑަށް ފުރުސަތު ލިބުނީ ޔުނިވަރސިޓީ ކެބަންގްސާން މެލޭޝިޔާ (ނެޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިޔާ) އިން އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ވާން ކިޔެވުމަށެވެ. މި ޔުނިވަރސިޓީ އަޅުގަނޑު ޚިޔާރު ކުރީ މިތަނުގައި ރަގަނޅު، މޮޅު ޕްރޮގްރާމެއް އޮތުމުންނެވެ. މި ޕްރޮގްރާމްގައި ހުރިހާ ސަބް-ސްޕަޝިލްޓީތައް ވެސް ހުރެއެވެ. އަދި މި ޕްރޮގްރާމް ފެށިތާ ގިނަ ދުވަސްތަކެއް ވެފައި ވުމާއެކު، ގިނަ ބައެއްގެ ލަފާގެ މަތިން އަޅުގަނޑު މި ޔުނިވަރސިޓީ ޚިޔާރު ކުރީމެވެ. މީގެ އިތިރުން އަޅުގަނޑުގެ ކުދިންނަށާއި ފިރިމީހާއަށް ވިސްނަން ޖެހެއެވެ. އެގޮތުން މެލޭޝިޔާ ވެގެން ދިޔައީ ހުރިހާ ގޮތަކުން ރަގަނޅު މަންޒިލަކަށެވެ.

ހަމަ ޔަގީނުންވެސް ޑޮކްޓަރަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަޅުގަނޑުގެ މަންމަ އާއި، ފިރިމީހާ، އާއިލާ، އަދި ފިރިމީހާގެ އާއިލާގެ އަޅާލުމާއި އެހީތެރިކަމާއި ނުލާ އަޅުގަނޑުގެ ހުވަފެން ކާމިޔާބެއް ނުވީހެވެ.

2018 ވަނަ އަހަރުގައި ގްރެޖުއޭޓް ވުމަށްފަހު އަޅުގަނޑު މިހާރު މަސައްކަތް ކުރަމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރެއްގެ މަގާމުގައެވެ.

އެތެރެ ހަށީގެ ޑޮކްޓަރެއްގެ ގޮތުން ކުރަންޖެހޭ ކަންތަކަކީ ކޮބާ؟

އެތެރެ ހަށީގެ ދާއިރާއަކީ ވަރަށް އިންޓަރެސްޓިންގް ދާއިރާއެކެވެ. ހުރިހާ މެޑިކަލް ދާއިރާތަކަށް އެހީފޯރުވޭނެއެވެ. އަދި ބައިވަރު ބަލިތަކަށް ފަރުވާވެސް ދެވޭނެއެވެ. ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް އަޅުގަނޑު މަސައްކަތްކުރަނީ އޯޕީޑީގައެވެ. މިވަގުތުތަކުގަޔާއި ހޮސްޕިޓަލަށް "އޮން-ކޯލް" ގައި ބަލިމީހުން އެޑްމިޓްވެސް ކުރަމެވެ. މި ބަލިމީހުންނަކީ ކިތައްމެ އާދައިގެ ނޫނީ ސީރިއަސް ބައްޔެއް ޖެހިފައިވާ މީހަކަށް ވެދާނެއެވެ. މީގެ އިތުރުން އަންހެނުންގެ ހާއްސަ، ނުވަތަ ކަށީގެ، ނުވަތަ ސަރޖަރީ ޑޮކްޓަރުން ބައްލަވާ ބަލިމީހުންގެ އެރެތެ ހައްޓާއި ގުޅުން ހުރި މައްސަލައެއް ހުރި ކަމުގައި ވާނަމަ އަޅުގަނޑު އެއަށްވެސް ފަރުވާ ކުރަމެވެ.

އޯޕީޑީ ވަގުތުގައި އަޅުގަނޑު ގިނަ ވަގުތު ހޭދަ ކުރަނީ ބަލިމީހާ އާއި ބެހޭގޮތުން ވީހާވެސް ގިނަ މައުލޫމާތެއް ހޯދުމުގައެވެ. އެމީހަކީ ކާކުކަން ދެނެގަތުމަށްޓަކައެވެ. އަޅުގަނޑު ދެކޭގޮތުގައި ބަލިމީހާ އައުމުން ބައްޔަކީ ކޮބައިކަން ދެނެގަތުމަށްފަހު ބޭސް ދިނުމުނު ނުފުދޭނެއެވެ. އޭގެ ބަދަލުގައި ބަލިމީހާގެ ހަޔާތާއި ދިރިއުޅުމާއި ބެހޭގޮތުން އިތުރަށް އެގެންޖެހެއެވެ. މިއަށްފަހު ބަލި ދެނެގަނެ، ހަދަންޖެހޭ ޓެސްޓުތައް ކިޔައިދީ ފަރުވާ ދޭނިއެވެ.

ވަޒީފާއާއި ބެހޭގޮތުން އެންމެ ކަމުދަނީ ކޮންކަމެއް؟

ކޮންމެ ދުވަހަކުވެސް އާމީހުންނާއި ބައްދަލު ކުރާހިއްވެއެވެ. އެއީ އަޖާބެއް ފަދަ ތަޖުރިބާއެކެވެ. ކޮންމެ ދުވަހަކުވެސް އެކި މިޒާޖުގެ އެކި ތަޖުރިބާ ކޮށްފައިވާ އެތަކެއް ބަޔަކާއި ދިމާވެއެވެ. މީގެ އިތުރުން ބަލިމީހުން ދެވަނަ ފަހަރަށް ދައްކަން އާދެއެވެ. ބައެއް ފަހަރު 2-3 މަސް ފަހުންނެވެ. އަޅުގަނޑު ދިން ފަރުވާގެ ސަބަބުން އެމީހުންގެ ބަލި ރަގަނޅުވާ ކަމުގައި ބުނެފި ނަމަ، އަދި މޫނު މަތިން އުފާވެރިކަން ފެންނަ ނަމަ، އަޅުގަނޑު ވަރަށް ހިތްހަމަޖެހެއެވެ. އަޅުގަނޑަށްވެސް ދެރަވާ ދުވަސްތަކާއި ވަރުބަލިވެފަ ހުންނަ ދުވަސްތައް އާދެއެވެ. އެހެންނަމަވެސް އެންމެ ކުރާ ހިތްވާ ކަމަކީ އާމީހުންނާއި ދިމާވުމެވެ. ހާއްސަކޮށް ދުވަސްވީ މީހުންނާއެވެ. އެމީހުން ފަރާތުން ބައިވަރު ފިލާވަޅުތަކެއް ލިބި އާ ކަންތައްތަކެއް ދަސްވެއެވެ. 

ކޮންމެ ދުވަހަކު ކުރަން ޖެހެނީ ކޮން ކަންތަކެއް؟

އޭޑީކޭ ހޮސްޕިޓަލުގައި އަޅުގަނޑު ފުރަތަމަ މަސައްކަތް ކުރަން ފެށިއިރު އަންނަނީ ހެނދުނު އެއް ހަފްތާ، އަދި މެންދުރު އަނެއް ހަފްތާ. އަދި އިތުރު ވަގުތުގެ ގޮތުން "އޮން-ކޯލް" ގައި އެއް ހަފްތާ 17 ގަޑި އިރު ހަމަކޮށް ޖެހިގެން އަންނަ ހަފްތާގައި 7 ގަޑި އިރު ހުންނަމެވެ. ހަމަ މިގޮތުން "އޮން-ކޯލް" ގައި ހުންނަން ނުޖެހޭ ހަފްތާވެސް އާދެއެވެ. އެއީ އެހެނިހެން ބަލިތަކަށް ހާއްސާ ޑޮކްޓަރުންގެ ޑިއުޓީ އޮންނަ ގަޑިތަކަށް ބަލާފައެވެ.

އެހެންނަމަވެސް އަޅުގަނޑު ހުޝަހެޅި ޚިޔާލަކީ "އޮން-ކޯލް" ގައި ހުންނަ ވަގުތު 24 ގަޑި އިރަށް އިތުރު ކުރުމެވެ. މިހެން ހެދުމުން ހުންނަ ޑޮކްޓަރަށް ބަލިމީހުންނަށް އިތުރަށް އަޅާލުންދޭން ފަސޭހަ ވާނެއެވެ.

"އޮން-ކޯލް" ގަޑި ތަކަށް ބަލާފައި ހަފްތާއަކު ހެނދުނުގެ (8-3) ނުވަތަ މެންދުރުގެ (3-10) ވަގުތުގައި އޯޕީޑީގައި އަޅުގަނޑު އިންނަމެވެ. މެންދުރު އޯޕީޑީގައި އޮންނަ ދުވަސްތަކުގައި ހެނދުނު ވަގުތުތައް ހޭދަކުރަނީ އެޑްމިޓްކޮށްފައިވާ ބަލިމީހުން ކައިރީގައެވެ. ނުވަތަ ތައްޔާރު ކުރަންޖެހޭ އެއްވެސް ލިޔެކިޔުމެއްވާނަމަ އެކަންތައް ކުރުމުގައެވެ.

މީގެ އިތުރުން އެންމެ ބޮޑަށް މަސައްކަތްކުރަނީ އާއިލާއާ އެކީ ވަގުތު ހޭދަކުރެވޭތޯއެވެ. މެންދުރު އޯޕީޑީގައި އިންނަ ދުވަސް ދުވަހު ގެއަށް ދެވޭއިރު އަޅުގަނޑުގެ ކުދިން އޮންނާނީ ނިދާފައެވެ. ފިރިހެން ދަރިފުޅު މަދަރުސާއަށް ހެނދުނު ދާތީ މެންދުރު ގަޑީގައި އޯޕީޑީ އޮންނަ ދުވަސް ދުވަހު އެނާއާއި އެކީ ވަގުތު ހޭދައެއް ނުކުރެވެއެވެ. މިއާ ޚިލާފަށް އަޅުގަނޑުގެ އަންހެން ދަރިފުޅު މަދަރުސާއަށް ދާން ޖެހެނީ 11:30 ގައެވެ. އެހެން ކަމުން ދަރިފުޅާއެކީ ހެނދުނުގެ ވަގުތުތައް ހޭދަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް 1 ގަޑި އިރު ފިރިމީހާއާ އެކީ ވަގުތު ހޭދަކުރަމެވެ. އަދި ހުކުރު ދުވަހަކީ "އާއިލާ ދުވަސް" ގެ ގޮތުގައި ބަހައްޓަމެވެ.

ޑޮކްޓަރުން އަބަދުވެސް ތިބެންޖެހޭނީ އެންމެ ފަހުގެ ހޯދުންތަކަށް ހޭލުންތެރި ވެގެންނެވެ. އެހެން ކަމުން އަންނަ ބަލިމީހެއްގެ ސަބަބުން އަޅުގަނޑު އިތުރު ވަގުތު ދިރާސާ ކުރުމުގައި ހޭދަ ކުރަން ޖެހިދާނެއެވެ. މިއީ އަބަދުވެސް ކުރަން ޖެހޭ ކަމަކަށް ވާތީ މިކަމަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރެވޭތޯ ބަލަމެވެ.

ޑޮކްޓަރުންނާއި މެދު އޮންނަ އެންމެ ބޮޑު ކުއް ހީ އަކީ ކޮބާ؟

ގިނަ ފަހަރު މުޖްތަމައު ދެކެނީ އަޅުގަނޑުމެންނަކީ ހަމައެކަނި ޑޮކްޓަރުންގެ ގޮތުގައެވެ. އަޅުގަނޑުމެންނަކީވެސް އެހެން މީހުންނެކޭ އެއްފަދައިން ބުރަ ދިރިއުޅުމެއް އުޅޭ އިންސާނުން ކަމުގައި ހަދާން ނެތެއެވެ. އަޅުގަނޑުމެންގެވެސް އާއިލާ އަދި ދަރިންވެސް ތިބެއެވެ. އެމީހުންނަށް އަޅާލުމާއި ކުލުނު ބޭނުންވެއެވެ.

ކުރިންވެސް ދެންނެވި ފަދައިން ހޮސްޕިޓަލަށް އަންނަނީ ހަމައެކަނި އޯޕީޑީއަކަށް ނޫނެވެ. އެޑްމިޓްކޮށްފައިވާ ބަލިމީހުން ގާތަށްވެސް ދާން ޖެހެއެވެ. އަދި ބައެއް ޑޮކްޓަރުން ސަރޖަރީ ކުރުމުގައި އޮޕަރޭޝަން ތިއެޓާގައި އެތަކެއް ވަގުތެއް ހޭދަ ކުރެއެވެ. އަދި ބަލިމީހާގެ ހުރީ ކޮންކަމެއްކަން ރަނގަޅަށް ކިޔައިދޭން ބަލިމީހާއާއި އޭނާގެ އާއިލާ ގާތު ވަގުތު ހޭދަކުރަމެވެ. ހާއްސަކޮށް ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ގާތުއެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ކުރުން ވަރަށް މުހިއްމު ކަމެކެވެ. އެއީ ޑޮކްޓަރު ކައިރިއަށް އަންނަނީ ޑޮކްޓަރުގެ އެހީ  ހޯދުމަށްޓަކައެވެ. 

އަޅުގަނޑަށް ވެވުނު އެންމެ ރަގަނޅަކަށް ބަލިމީހާ އާއި މެދު ކަންތައް ކުރެވޭތޯ މަސައްކަތް ކުރަމެވެ. އެހެން ނަމަވެސް އަޅުގަނޑަށްވެސް ބަލިމީހާ އެންމެ ހިތްހަމަޖެހޭ ވަރަށް މަސައްކަތް ނުކުރެވޭ ފަހަރުވެސް އާދެއެވެ.

ޑޮކްޓަރު ދެކޭ ގޮތުގައި އެތެރެ ހަށީގެ ދާއިރާއިން މުޖްތަމައު ސަމާލުކަން ދޭން ޖެހެނީ ކޮން ކަމަކަށް؟

40 އަހަރުން މަތީ މީހުންނަށް، އަޅުގަނޑު ދޭނެ ނަސޭހަތަކީ ގަވާއިދުން ލޭގެ ޕްރެޝާ، ހަކުރު، ކޮލެސްޓްރޯލް އަދި މިނޫންވެސް ޓެސްޓުތައް ހެދުމެވެ. "ޖެނެރަކް ސްކްރީނިންގް" އެއް ހެދުމަށްފަހު ޑޮކްޓަރަކަށް ދައްކާ، އިރުޝާދުގެ މަތިން ކުރިއަށް ދާށެވެ. ހަދަން ޖެހޭ ހުރިހާ ޓެސްޓަކީ ކޮބައިކަމެއް ބުނަން ދައްޗެވެ. އޭތި ބުރަވަނީ އެމީހެއްގެ ހަށިގަނޑުގައި ހުންނަ ބައްޔަކަށް ބަލާފައެވެ.

40 އަހަރުން ދަށުގެ މީހުންވެސް، ގާތް ތިމާގެ މީހެއްގެ ގައިގައި ބައްޔެއްގެ އަލާމަތް ހުންނަ ކަމުގައި ވަނީނަމަ ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ. 

އަލާމަތުގެ ވާހަކަ ދައްކާއިރު، އަޅުގަނޑަށް ފެނުނު ގޮތުގައި ވަރަށް ގިނަ މީހުން ކެންސަރުގެ ބައްޔާއި މެދު ބިރުގަނެއެވެ. އިންޓަނެޓްގެ ޒަރިއްޔާއިން ލިބޭ ހުރިހާ މައުލޫމާތު ތެދަކަށް ނުވެދާނެއެވެ. އެހެން ކަމުން ރަގަނޅު މައުލޫމާތު ހޯދުން މުހިއްމެވެ.

އަޅުގަނޑަށް ވީވަރަކުން ކޮންމެ މީހަކަށްވެސް ބަލިތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރެވޭތޯ ވަރަށް މަސައްކަތް ކުރަމެވެ. އެހެންނަމަވެސް މިއަކުން ނުފުދެއެވެ. މުޖްތަމައު ހޭލުންތެރި ކުރުމަށްޓަކައި ކުރަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާނެއެވެ. ހާއްސަކޮށް އާންމު ބަލިތަކާއި، ހީވެފައި އޮންނަ ކުށްހީތަށް ފިލުވުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުގެވެސް އުއްމީދަކީ އިތުރަށް މަސައްކަތް ކުރުމެވެ.

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރެވޭނި ކޮން ކަންކަމެއް؟

ޑޮކޮޓަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ކުރެވޭނެ ކަމަކީ ގަޑިއަށް ފަރުވާތެރިވުމެވެ. ބަލިމީހާގެ ވަގުތަކީވެސް އަގުހުރި އެއްޗެކެވެ. އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ، ގަޑިއަށް ބަލިމީހުން ބަލަން ފެށިކަމުގައި ވިއަސް، ދެން ހުރި ބޭފުޅުން ބޭރުގައި މާގިނައިރު މަޑުކުރަން ޖެހުމުން އެކަމާ ހިތްހަމަނުޖެހޭ ތަނެވެ. 

ބައެއް ބަލިމީހުންނަށް ބައްޔަކާއި ބެހޭގޮތުން ކިޔައިދޭން ވަގުތު ނަގާނެއެވެ. މިސާލަކަށް ބުނަނީނަމަ، އަލަށް ހަކުރު ބަލި ޖެހިފައި ހުރިކަން އެނގޭ ބަލިމީހާއަކަށް އެބައްޔަކާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭނެއެވެ. އެހެންކަމުން، އެމީހަކަށް ބައްޔާއި، ފަރުވާ އަދި ޖެހިދާނެ އިތުރު މައްސަލަތަކާއި ބެހޭގޮތުން ރަގަނޅަށް ކިޔައިދޭން ޖެހޭނެއެވެ.

މީގެ އިތުރުން ބަލިމީހާއަށް ދޭންޖެހޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ނުދެވެއެވެ. މިސާލަކަށް، 5-6 އަހަރު ހަކަރު ބަލި ޖެހިފައިވާ މީހާއަށް ލޭގައި ހަކުރު ހުންނަންޖެހޭ މިންވަރެއް ނޭނގެއެވެ. އަދި އެޗްބީއޭ1ސީ (HbA1C) އަކީ ކޮބައިކަމާ އޭގެ ސަބަބުން ދިމާވެދާނެ މައްސަލަތަކެއްވެސް ނޭނގެއެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން ބަލިމީހާއާއި އޮންނަ ގުޅުން ރަގަނޅުވެ ފުރިހަމަ ގޮތުގައި މުއާމަލާތު ކުރަން ޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބަލާއިރު ރަގަނޅު ގޮތުގައި ލިބެންހުރި ރައުސްމާލު ބޭނުންކުރާ ހަރުދަނާ "ހެލްތު ސިސްޓަމް" އެއް އޮތުން ވަރަށް މުހިއްމެވެ. މީގެ ނަތީޖާއަކަށް ވާނީ ދެވޭނެ އެންމެ ރަގަނޅު ޚިދުމަތް އެންމެނަށްވެސް ދެވުމެވެ. ގިނަފަހަރަށް އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ބަލިމީހާ އަމަލު ކުރަންޖެހޭ ގޮތް ކިޔައިދެވިފައި ނެތުމުން އެތަކެއް ވަގުތާއި ލާރި އިސްރާފުވާ ތަނެވެ.

މުސްތަޤްބަލުގައި ކިޔަވައިގެން އަންނަ ޑޮކްޓަރުންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ކޮބާ؟

ބައެއް ކިޔަވާ ކުދިންނަށް ހީވެފައި އޮންނަނީ، ޑޮކްޓަރަކަށްވުމަކީ ފަސޭހަ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއީ ހަޤީގަތެއް ނޫނެވެ. މިކަމަކީ ވަރަށް ޝައުގުވެރިކަމާއެކު ކުރެވޭނެ ކަމެކެވެ. އަދި މިދާއިރާއަށް ވަދެވުމުން އިތުރު ބައިވަރު އުދަގޫތަކާއި ކުރިމަތިވާނެއެވެ. މެޑިކަލް ސްކޫލުން ފާސްވެ ޑޮކްޓަރަކަށް ވުމުން ކިޔެވުން ނިމުނީއެއް ނޫނެވެ. މިދާއިރާގައި އުޅޭ ކަމުގައި ވާނަމަ އަބަދުވެސް ފަހުގެ ދިރާސާތަކާއި، ހޯދުންތަކާއި ގަވާއިދުތައް ކިޔާ ދަސްކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، ދަރިވަރުން އެންމެ އިސްކަމެއް ދޭން ޖެހޭނީ ރަގަނޅު ޔުނިވަރސިޓީއެއް ޚިޔާރު ކުރުމަށެވެ. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމް.އެމް.ޑީ.ސީ) އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ)ގެ މިންގަޑުތަކަށް ފެތޭ ތަނެއްތޯ ދިޔުމުގެ ކުރިން ބަލަންވާނެއެވެ. 

ހަމައެކަނި ޑޮކްޓަރެއްގެ ލަގަބު ހޯދުމަށްޓަކައި މެޑިސިން ކިޔެވުމަކީ ބޭކާރުކަމެކެވެ. މުހިއްމު ކަމަކޫ މިދާއިރާ ރަގަނޅަށް ދަނެ މޮޅު ޑޮކްޓަރަކަށް ވުމަށެވެ. ބަލިމީހާއަށް އެންމެ ފުރިހަމަ ގޮތުގައި ފަރުވާ ދޭން އެނގެންޖެހެއެވެ.

މެޑިކަލް ސްކޫލެއް ޚިޔާރު ކުރާއިރު ދެން އެންމެ ވިސްނަން ޖެހޭނީ އިތުރަށް ކިޔަވައިގެން ސްޕެޝަލައިޒް ވާން ދާއިރު އެހީތެރިވެދޭނެ ކަހަލަ ޔުނިވަރސިޓީ އެއް ޚިޔާރު ކުރުމެވެ. 

އަޅުގަނޑުމެން ކިޔެވި އިރު މައުލޫމާތު ހޯދުމަކީ އުނދަގޫ ކަމެކެވެ. އިންޓަނެޓްވެސް ނުހުރެއެވެ. އެއާ ޚިލާފަށް މިއަދު ހުރިހާ މައުލޫމާތެއް ފަސޭހައިން ލިބޭނެއެވެ. ދަރިވަރަކު އަޅުގަނޑު ގާތުން މައުލޫމާތު ހޯދަން ބޭނުން ކަމުގައި ވަނީނަމަ އަޅުގަނޑަށް އެނގުނު ވަރަކުން ދޭން މިހިރީ ތައްޔާރަށެވެ. އެހެންކަމުން ގޮތެއް ނިންމާއިރު މައުލޫމާތު ރަގަނޅަށް ހޯދަން ވާނެއެވެ.

ޑޮކްޓަރުންގެ ތެރެއިން އެންމެ ބަލައިގަންނަ، އިހުތިރާމްކުރާ 5 ޑޮކްޓަރުންނަކީ ކޮބާ؟

ޑރ. އަލީ ޝަފީގް

ޑރ. އަލީ ލަތީފް

ޑރ. އަލީ ނަޒީމް

ޑރ. އަބްދުﷲ ނިޔާފް

އަލްމަރްޙޫމް ޑރ. އަހުމަދު ރާޒީ 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ