މަރިޔަމް އަކީ ދެ ކުދިން ބަލަމުންދާ އެކަނިވެރި މަޔެކެވެ. އެކަނިމާއެކަނި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަމުން އަދި ފައިމަގުގައި ދެ ދަރިން ގޮވައިގެން ސްކޫލް އަށާއި އަދިވެސް އިތުރު ތަންތަނަށް ކޮންމެ ދުވަހަކު އެތަކެއް ފަހަރު ހިނގައެވެ. ކުރުގޮތަކަށް ބުނާނަމަ މަރިޔަމް އަކީ ވަރަށް މުރާލި އަދި އެހާމެ ހީވާގި އަންހެނެކެވެ.
އެހެންކަމަށްވާނަމަ ކޮންމެ ދުވަހަކު މަރިޔަމްގެ ތާވަލުން ވަކި ހާއްސަ ވަގުތެއް ކަސްރަތު ކުރުމަށް ނުވަތަ ވޯކް އައުޓް ކުރުމަށް ހުސްކުރަން ޖެހޭނެ ހެއްޔެވެ؟
އެއްބަޔަކުގެ ނަޒަރުގައި މަރްޔަމް އެހާ ބިޒީކޮށް އުޅެމުން ކަސްރަތުކުރުމަކީ ކޮންމެހެން މުހިއްމުކަމެއް ނޫނެވެ.
މިފަހަރު ތަފާތު ހާލަތެކެވެ. މި ގެނެސްދެނީ ޝިޔާމްގެ ވާހަކައެވެ. ޝިޔާމް އަކީ ހަފްތާއަކު 6 ދުވަހު ޑެސްކެއްގެ ކައިރީގައި އިނދެ ވަޒީފާ އަދާކުރާ މީހެކެވެ. އަބަދު ގޮނޑީގައި އިންނަން ޖެހޭތީ ޝިޔާމްއަށް ވަނީ ބުރަކަށީގައި ރިހުން ފަދަ އުނދަގޫތައްވެސް ތަހައްމަލް ކުރަން ޖެހިފައެވެ.
އެހެންކަމަށްވާނަމަ ޝިޔާމްއަށް އޭނާގެ ތާވަލުން މުހިއްމީ ކަސްރަތު ކުރުމަށް ވަގުތު ހުސްކުރުންތޯ؟ ނުވަތަ އަރާމުކުރުމަށް ވަގުތު ހުސްކުރުންތޯ؟
ޤަބޫލުކުރަން ދަތި ހަގީގަތަކީ ކުރިން ބުނެފައިވާ ދެމީހުންގެ ތާވަލުންވެސް ކަސްރަތަށް ވަގުތު ހުސްކުރުމަކީ ދެމީހުންނަށްވެސް އޭގެން ފައިދާ ކުރާނެކަމެއް ކަމެވެ. އަދި ދުވާލަކު ވަކި ވަގުތެއް ކަސްރަތަށް ހާއްސަކުރުމަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ އިތުރު ބުރައަކާއި ނުލައި މަސައްކަތްތައް ނިންމާލުމަށް އިތުރަށް ފަސޭހަވެގެންދާނޭ ކަމެކެވެ. ހަމައެހެންމެ ކަސްރަތު ކުރުމަކީ އޭގެ ސަބަބުން މަސްތަކައި ހުޅުހުޅުގައި ހުންނަ ތަދު ކުޑަކޮށްދީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ރާއްޖޭގެ ކުޑަ އާބާދީއަށް ބަލާނަމަ ގިނަމީހުންނަކީ ބަލިވުމުން ނޫނީ ކަސްރަތުކުރުމަށް ޑޮކްޓަރަކު އިރުޝާދުދިނުމުން ނޫނީ ކަސްރަތު ނުކުރާ މީހުންނެވެ. އަދި ބައެއް މީހުންނަކީ ހާއްސަ މުނާސަބަތަކާއި ގުޅިގެން ވަކި ތާރީހަކަށް ބަރުދަން ލުއިކުރުމުގެ ބޭނުމުގައި ކަސްރަތު ކުރާ މިހުންނެވެ.
އެހެންނަމަވެސް ކަސްރަތުކުރުމުގައި އެންމެ އެދެވޭގޮތަކީ ދުވަހުގެ ތާވަލުގެ ތެރެއަށް ކަސްރަތުކުރުންވެސް ހިމަނައިގެން އެކަމަށް ވަގުތުދީގެން ކަސްރަތުކުރުމެވެ. މިގޮތަށް ކަސްރަތުކުރާނަމަ ވަކި ހެދުމަކަށް ފިޓުވާން ނޫނީ ކޮލެސްޓްރޯލް އަދި ބްލަޑް ޕްރެޝަށް ދަށްކުރުމަށް ތެޅިފޮޅިނުގަނެ ހަމަޖެހިގެން އެކަން ކުރެވޭނެ އެވެ.
އަދި އަވަސްއަރުވާލައިގެން ހިކެން އުޅުމަކީ މުސްތަގްބަލުގައި ދެމެހެއްޓެނިވި ކަމަކަށް ނުވެދާނެ އެވެ. އަދި އުފާވެރި އެހެނަސް ދުޅަހެޔޮ ދިރިއުޅުމަކަށް ހުސްވުމަކީ ދެމިންގެވާ ނަތީޖާއެއް އެކަމުން ފެންނާނޭ ކަމެކެވެ. ވީއިރު މިހާރުވެސް ފަށަމާ ހެއްޔެވެ؟
ކަސްރަތަކީ ކޮބާ؟ ކަސްރަތުކުރަން ފަށަންވީ ކިހާ ހިސާބަކުން؟
ކަސްރަތުކުރުމަކީ ކޮބައިކަމާއި އަދި އެ ދޭހަ ކޮށްދޭ ގޮތަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ކަސްރަތު ކުރާ މީހުންގެ ތެރޭގައި ކުޑަކޮށް ދާ ހިތްލައިގެން ދުވަންދާ މީހުންނާއި، ކޮންމެ ދުވަހަކު ޖިމަށް ގޮސް ބަރު އެއްޗެހި އުފުލައި ވާދަވެރިކަމާއެކު ޓްރެއިން ވާ މީހުންވެސް އަހަރެމެންނަށް ފެނެއެވެ.
މިއީ ކަސްރަތުކުރުމުގައި މުޅިން ތަފާތު ދެބައި މީހުންނެވެ. އަދި މި ދެބައިގެ ތެރެއިން އަމިއްލައަށް ކުރަން ބޭނުން މިންވަރެއް އަމިއްލައަށްވެސް ނިންމިދާނެ އެވެ. އެކަމަށްޓަކައި އަމިއްލަ ޝައުގުވެރިކަން ހުންނަ އަދި އުނދަގޫނޫން ގޮތެއް ބެލުމަށްފަހު ފެއްޓުން މުހިއްމެވެ.
އަލަށް ކަސްރަތުކުރަން ފަށާއިރު އެކުރާ ކަސްރަތަށް ފާޑު ކިޔާނެ ވަރަށް ގިނަ މީހުން ތިބޭނެއެވެ. ކަސްރަތު ކުރާ ވަރު މަދުވެގެން އަދި ގިނަވެގެން ފާޑުކިޔާނެ މީހުން ތިބޭނެއެވެ. އެހެންނަމަވެސް އެކި މީހުންނަށް އެކަމާއި ގުޅޭގޮތުން މައުލޫމާތު އަދި ތަޖުރިބާ ލިބިފައި ހުންނާނީ އެކި ވަރަށެވެ. އެހެންކަމުން އެމީހަކަށް ލިބޭ ވަގުތުގެ ބޭނުންކޮށްގެން އެވަގުތަކަށް ފެތޭ މިންވަރަށް ކަސްރަތު ކުރުމަކީ އެމީހެއްގެ އިހްތިޔަރުގައިވާ ކަމެކެވެ.
ކަސްރަތު ކުރާ ބައެއް މީހުންނަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވިގެން ނުވަތަ ކެއުމުގެ ވައްޓަފާޅި އެއް ހަމައެއްގައި ނުހިފެހެއްޓެވުމުގެ ސަބަބުން އެންމެ އެދެވޭ ނަތީޖާ އާއި ހަމަޔަށް ވާސިލް ނުވެވޭތަން ވެސް އާދެއެވެ. އެފަދަ ވަގުތުގައި މީހުންގެ ފާޑުކިޔުންތަކުގެ ސަބަބުން ހިތްވަރު އެލުވައިނުލައި، ތަޖުރިބާކާރެއްގެ އެހީ ހޯދިދާނެއެވެ. މިއަދުގެ ފިޓްނަސް ދުނިޔޭގައި މިފަދަ މީހުން ވަރަށްވެސް ގިނައެވެ.
ކަސްރަތު ކުރަން ފެށިދާނެ ބައެއް ގޮތްތައް:
ސްޓްރެންގްތެނިންގް އެކްސަސައިޒް (މަސްތަކާއި ކަށިތައް ވަރުގަދަކުރުމަށް ކުރާ ކަސްރަތު): މި ކަސްރަތު ކުރާއިރު ބަރުދަން ޓްރެއިން ކުރުމަށް އާންމު ގޮތެއްގައި ބޭނުންކުރަނީ މެޝިން ނުވަތަ އަމިއްލަ ހަށިގަނޑުގެ ބުރަދަނެވެ. މިސާލަކަށް ބެންޗެއްގައި ސްކްވޮޓް ކުރުން، ފަޔާއި އުނަގަނޑު އަދި ބަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް ހަދާ ބާރބެލް ސްކްވޮޓް ހިމެނެއެވެ.
ހިތާއި ފުއްޕާމެއަށް ހާއްސަ ކާރޑިއޯ އެކްސަސައިޒް: މި ބާވަތުގެ ކަސްރަތުގެ ތެރޭގައި ހިމެނެނީ ދުވުމާއި، ސައިކްލިންގ، ފެތުން، ނެށުން، ބޮކްސިން، ފިޓްނެސް ކްލާސް ނުވަތަ ހިތުގެ ވިންދު އަވަސްކޮށް، ގަދަޔަށްދާހިތްލުވާ ކޮންމެ ހަރަކާތެކެވެ. މިސާލަކަށް: ޖަމްޕިން ޖެކްސް، ބާރޕީސް
މަސްތަކަށް ހާއްސަ ލެންގްތެނިން އެކްސަސައިޒް އަދި ހުޅުތަކަށް ހާއްސަ މޮބިލިޓީ އެކްސަސައިޒް: މި ބާވަތުގެ ތެރޭގައި ހިމެނެނީ މޮބައިލިޓީ ވޯކް އައުޓްސް އާއި ޔޯގާ ކްލާސްތަކެވެ. މިސާލަކަށް: ކެޓް ޕޯސް ޓު ނީ ޕްލޭންކް، ޕައިކް ޓު ފުލް ޕްލޭންކް.
ބޭނުންނަމަ ކުރިން ބުނެފައިވާ ކަސްރަތުތަކުގެ ތެރެއިން ބޭނުން ދެ ވައްތަރެއްގެ ކަސްރަތެއް މުޅި ހަފްތާއަށް ބަހާލައިގެން ވެސް ކުރެވިދާނެ އެވެ. އަދި އޭގެތެރެއިންވެސް އެންމެ ގަޔާވާ ކަސްރަތެއް ހުއްޓާނުލާ ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ އެ ކަސްރަތަކީ އެންމެ އަވަހަށް ނަތީޖާ ފެންނާނޭ ކަސްރަތަށް ވުމެވެ. އަދި ބްރޭކެއް ނެގިކަމުގައި ވިޔަސް އަނބުރާ ކަސްރަތަށް އެނބުރި އަންނާނޭ ކަމުގެ ޔަގީންކަން އޮތުމެވެ.
ކަސްރަތު ކުރަން ފެށުމުގެ ކުރިން ރަނގަޅު ވާރމްއަޕެއް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ އޭގެ ސަބަބުން ހިތުގެ އަވަސްވުމަށް އެހީވެދީ ގައިގެ މަސްތަކާއި ހުޅުތައް ހޫނުކޮށްދީ މައި ކަސްރަތަށް ތައްޔާރުވުމަށް އެހީތެރިވެދޭތީ އެވެ. އަދި ނިންމާލާ ވަގުތު "ކޫލް ޑައުން" ހެދުމަކީ ކުރީގެ ހާލަތަށް ރުޖޫއަވުމަށް އެހިތެރިވެދޭނޭ ކަމެކެވެ. އެހެންނަމަވެސް ހަނދާންކުރަންވީ ކަމަކީ ކޮންމެ ކަމެއްވެސް ހައްދުން ބޭރުވެއްޖެނަމަ އެއީ ގޯހަކަށް ވެދާނޭ ކަމެވެ. އެހެންކަމުން ކަސްރަތުކުރަން ފަށާއިރުވެސް އަމިއްލަ ނަފްސަށް މާބޮޑަށް މަޖުބޫރުނުކޮށް މަޑުމަޑުން ފެށުމަކީ ބުއްދިވެރި ކަމެކެވެ.
އަދި ކޮންމެ ކަހަލަ ކަސްރަތު ޕްރޮގްރާމެއް ފެށިނަމަވެސް އޭގެ ކުރިން ޑޮކްޓަރެއްގެ އިރުޝާދު ހޯދާލަންވާނެ އެވެ. ހާއްސަކޮށް ސިއްހަތާއި މެދު ކަންބޮޑުވާނަމަ ނުވަތަ ހިތުގެ ސާޖަރީފަދަ އެއްވެސް ސާޖަރީއެއް ކޮށްފައިވާނަމަ ކަސްރަތުކުރަން ފަށަންވާނީ ޑޮކްޓަރެއްގެ ލަފާގެމަތިންނެވެ.
އެންމެ ފުރަތަމަ ވޯކްއައުޓުންވެސް މީހާގެ ސަމާލުކަން އިތުރުކޮށްދީ ހޭލައްވާލަދެ އެވެ. ސަބަބަކީ ހިތްއަވަސްވުމުން ލޭ ހިނގުން ރަނގަޅުކޮށްދީ ސިކުނޑިއަށް އޮކްސިޖަން ފޮނުވައިދޭން ފަށައެވެ. އަދި ސްޓްރެންގްތެނިން އެކްސަސައިޒް ކުރާ ވަރަކަށް ހަށިގަނޑުގެ ބައްޓަންވެސް ރީތިވާން ފަށާނެއެވެ.
ކަސްރަތު ގިނަ ދުވަހު ކުރަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކް، ޓައިޕް 2 ޑައިބެޓިކްސް އަދި ކެންސަރު ޖެހުމުގެ ފުރުސަތު 50 އިންސައްތައަށް ކުޑަކޮށްދީ މީހާ ޒުވާންކަމަށް ދައްކުވައިދިނުމަށް މަގުފަހިކޮށްދެއެވެ. އެހެންކަމުން ހުއްޓާނުލައި އިތުރަށް ކުރިއަށް ދާށެވެ!
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)