ފްރަންޓްލައިން ވޮލިންޓިއަރެއްގެ ދުލުން- 3 ހަފްތާ ވަންދެން މަސައްކަތްކުރިއިރު ޝުކުރު އަދާކުރީ އެންމެ މީހެއް!
“ރޯދަ މަހު ހާރުވެސް ނުކައި، ދަންވަރު ގަޑީގައި ސާމްޕަލް ނަގަން ދިޔަ ގެއަކުން ސާމްޕަލް ނަގާ ނިންމާފައި އަޅުގަނޑުމެން ތެންކިއުއޭ ބުނީމަ، ސާމްޕަލް ދިން ބޭފުޅާ ވިދާޅުވި ތިމަންނަ މެންނޭ ހަގީގަތުގައި ތެންކިއު ބުނަންވީ. ޤައުމަށް ތިކޮށްދޭ ކަންތައްތަކަށް ވަރަށް ބޮޑަށް ތެންކިއުއޭ”.
މިއީ މޯލްޑިވްސް ސްކޫލް އޮފް މެޑިސިންގެ ފުރަތަމަ ބެޗުގައި ތައުލީމު ހާސިލް ކުރަމުންދާ އަސްރާ އިސްމާޢީލް އޭނާ ފްރަންޓްލައިންގެ ތަޖުރިބާ ހިއްސާ ކުރަން ފެށި ގޮތެވެ.
އުމުރުން 23 އަހަރުގެ އަސްރާ އަކީ މެޑިކަލް ސްކޫލުގެ ދަރިވަރުން ކޯވިޑް-19ގެ ފްރަންޓްލައިންގައި މަސައްކަތްކުރުމަށް ވޮލިންޓިއަރ ކުރިއިރު އަމިއްލައަށް އެދިގެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެން އަސްރާ ވަނީ ހިލޭ ސާބަހަށް މި މަސައްކަތުގައި 3 ހަފްތާ ހޭދަކޮށްފަ އެވެ.
ވޮލިންޓިއަރކޮށް ސާމްޕަލް ނެގުމުގައި އަސްރާ ހަރަކާތްތެރިވެފައި ވަނީ ހުސްވި ރަމަޟާން މަހުގެ ތެރޭގައެވެ. އެގޮތުން އާއްމުގޮތެއްގައި ޕީޕީއީގައި އުޅެންޖެހުނު ނަމަވެސް ރެންޑަމް ސާމްޕަލް ނެގުމަށް ހަޒްމަޓް ސޫޓް ލައިގެން އުޅެންޖެހޭކަމަށް އަސްރާ ވަނީ ބުނެފަ އެވެ.
ހަޒްމަޓް ސޫޓް ފަރުމާކޮށްފައިވާ ގޮތުން ހަށިގަނޑުން ތަނެއް ކަހާލަން ބޭނުންވިޔަސް ކަހާވެސް ނުލެވޭ ކަމަށާއި، އެއީ ވަރަށް ހިތަށް އުނދަގޫވި ތަޖުރިބާއެއްގެ ގޮތުގައި އަސްރާ ވަނީ ފާހަގަކޮށްފަ އެވެ.
“ބައެއް ފަހަރު ރޯދައަށް ހުރެ ސިޑިން ހަ ވަނަ ފްލޯއަށްވެސް އަރަންޖެހޭ. އަނެއްހެން އެމްބިއުލާންސްގައި ދަތުރުކުރިޔަސް، ރެންޑަމް ސާމްޕަލް ނަގާއިރު، ގިނައިން ހިނގާފަ އުޅެންވެސް ޖެހޭނީ”
ސާމްޕަލް ނަގަން ހަރަކާތްތެރިވި އެހެން ކުދިންނާއި ހިލާފަށް އަސްރާ ދިރިއުޅެމުންދިޔައީ އޭނާގެ ފިރިމީހާ އާއެކު ވަކިން ކަމުން، މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދިއުމުގެ ފުރުސަތު އަސްރާއަށް އޮތީ ލިބިފަ އެވެ. އެހެންނަމަވެސް ސާމްޕަލް ނެގުމުގެ ހަރަކާތްތެރިވެ އުޅެފައި ގެއަށް ދާއިރު، ހިތަށް އުނދަގޫވެ، ހިތުގައި ބިރުވެރިކަން އޮންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
“ސާމްޕަލް ނަގާ ނިންމާފައި ފެންވަރައިގެން ގެއަށްވެސް ދަނީ. އެކަމަކުވެސް ފުރަތަމަކޮޅު ވަރަށް ޖެހިލުންވި.”
އަސްރާގެ އިތުރުން އޭނާގެ އާއިލާގެ އިތުރު 2 މެމްބަރުންނަކީވެސް ނަރުހުންނެވެ. އެގޮތުން އަސްރާގެ އެއްމާބަނޑު ކޮއްކޮވެސް ވަނީ އޭނާ އާއެކު ކޮންޓެކްޓް ޓްރޭސްކޮށް ސާމްޕަލް ނެގުމުގައި ވޮލިންޓިއަރ ކޮށްފަ އެވެ. އަދި އަސްރާގެ ފަހަރި މާލޭގައި ނަރުހަކަށް މަސައްކަތް ކުރަމުންދާއިރު، އެއްބަނޑު އެއްބަފާ ދައްތަ އާއިލާ އާއި ބައްދަލުނުކޮށް ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާތާ 3 މަސް ވަނީ އެވެ. މި މުއްދަތުގައި މި ތިން ބެއިން ބައްދަލުވެފައި ވަނީ އެންމެ ފަހަރަކު އެވެ.
ރާއްޖޭގައިވެސް ކޮވިޑް އާއި މެދު މީހުންގެ ސަމާލުކަން އަދިވެސް ކުޑަކަން އަސްރާ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ލޮކްޑައުން އަށް ލުއިތަކެެއް ދިނުމާއެކު ހައިރާންވާ ވަރަށް މީހުން މަގުމަތީގައި ގިނަވިކަމަށް އޭނާ ވަނީ ބުނެފަ އެވެ.
“އަސްލު ލޮކްޑައުންގެ އަސަރު އަދިކިރިޔާ ކަންނޭގެ މި ފެންނަންފެށީ. މީހުންނަށް ވިސްނިގެނެއް ނޫން ކަންނޭގެ، އެކަމަކު ގަވާއިދު ސަބަބުން ކަމަށް ބޮޑަށް ބެލެވެނީ މަގުމަތީގައި މީހުން މަދުވި”.
ވޮލިންޓިއަރ ކުރުމުގައި ރާއްޖޭގެ މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވަނީ މެޑިކަލް ސްކޫލްގެ ޑީން ޑރ. ޝީޒާ އަލީ އެވެ. އެގޮތުން ޑރ. ޝީޒާ ޤަވާއިދުން ވޮލިންޓިއަރ ކުރި ކުދިންގެ ހާލު ބައްލަވައި ހިތްވަރު ދެއްވިކަމަށް އަސްރާ ވަނީ ބުނެފަ އެވެ.
މެޑިސިން ސްކޫލްގެ ކްލާސްތައް އޮންލައިންކޮށް އަލުން ފެށުމާއި ގުޅިގެން އަސްރާ މިހާރު ހުރީ ކިޔެވުމަށް އެއްކޮށް ވަގުތު ހުސްކޮށްގެންނެވެ. އެހެންނަމަވެސް އަދިވެސް ހިދުމަތުގައި ދެމިހުންނަން ބޭނުންވާކަމަށް އަސްރާ ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)