އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 02/06/2020

ލޮކްޑައުން ލުއިކުރުން: ޑަބްލިއުއެޗްއޯގެ 6 ޝަރުތު

ކޯވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް 82 ޤައުމަކުން ލޮކްޑައުން ތަންފީޒް ކޮށްފައިވާކަމަށް ޔުނިސެފް އިން ރިޕޯޓުކުރެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 02/06/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ ސަރަހައްދުގައި އޭޕްރިލް 15 ވަނަ ދުވަހު ތަންފީޒް ކުރި ލޮކްޑައުންގެ ހާލަތު ދޮޅު މަހަށްފަހު ވަނީ ލުއިކުރަން ފަށާފައެވެ.

ނަމަވެސް ރާއްޖޭގައި އެވަރޭޖުކޮށް ކޯވިޑް-19 ގެ 50 އާ ކޭސް ކޮންމެ ދުވަހަކު ފެންނަމުން ދާއިރު، މިލުއިކުރުމާ މެދު ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ކޯވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް 82 ޤައުމަކުން ލޮކްޑައުން ތަންފީޒް ކޮށްފައިވާކަމަށް ޔުނިސެފް އިން ރިޕޯޓުކުރެއެވެ. މިއާ ވިދިގެން އާއްމުވި ސުވާލަކީ މިލޮކްޑައުންތައް ލުއިކުރަންވީ ކޮން އިރަކުންތޯއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވަނީ ފާއިތުވި މަސްތަކުގައި ދަސްވި ފިލާވަޅަކީ ކޯވިޑް-19 ފެތުރުން ހުއްޓުވޭނީ އައު ކޭސްތައް އަވަހަށް ހޯދާ، ޓެސްޓުކޮށް، އެކަހެރިކުރުމަށްފަހު ފަރުވާ ދެވިގެން ކަމަށެވެ.

އެހެންނަމަވެސް ގިނަ ތަންތަނުގައި އަދިވެސް ލޮކްޑައުން ލުއިކުރަން މާއަވަސްކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ. އަދި މާއަވަހަށް ލޮކްޑައުން ލުއިކުރަން މަސައްކަތް ފަށައިފިނަމަ ކޯވިޑް-19 ގެ ދެވަނަ ރާޅެއްގެ ބިރު އޮތްކަމަށް އެޖަމިއްޔާ އިން ބުނެފައިވެއެވެ.

ރާއްޖޭގެ ހާލަތު

މާލެ ސަރަހައްދުގައި ތަންފީޒްކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފަށާފައިވަނީ މެއި 28 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ފިޔަވަޅުތައް ލުއިކުރަން ފަށާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިއުލާނުކޮށްފައެވެ.

އެންއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ދުވާލަކަށް 50 ކޭސް ފެނުމަކީ ގިނަ އަދަދެއް ނޫން ކަމަށާއި، މިއީ އާއްމު ހާލަތަށް ދިއުމުގެ ދަތުރު ފެށޭނެ މިންވަރު ކަމަށެވެ. އަދި އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ލުއިކުރެވޭނީ ދުވާލަކަށް 5 ވަރަކަށް ކޭސްއަށް ދަށްވީމާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެންއޯސީގެ ތަރުޖަމާން މުހައްމަދު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުނަށް ލުއިތައްދޭ ކޮންމެ ފަހަރަކު ވެސް ކޯވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށާއި ރާއްޖެ އަށް ލިބުނު ވަގުތުގެ ބޭނުންކުރީ އެކަމަށް ތައްޔާރުވުމަށް ކަމަށެވެ. އެގޮތުން ބޭނުންވާނެ ގިނަ ތަކެތި ހޯދައި ތައްޔާރީގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭގައި އޮތް ލޮކްޑައުން ލުއިކުރަން އުޅެނީ ޑަބްލިއުއެޗްއޯ ގެ އިރުޝާދާ އެއްގޮތަށް ކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯގެ 6 ޝަރުތު

ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ކޯވިޑް-19 ސްޓްރެޓަޖީ އަޕްޑޭޓްގައި ޤައުމުތަކުން ވިސްނަންޖެހޭ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ. އެއްވެސް ޤައުމަކުން ލޮކްޑައުން ލުއިކުރަން ފެށުމުގެ ކުރިން މީގައިވާ 6 ޝަރުތު ފުރިހަމަ ވެއްޖެތޯ ޔަގީން ކުރަން ޖެހޭނެކަމަށް ޑރ. ޓެޑްރޮސް ވިދާޅުވެފައިވެއެވެ.

1. ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވުން

2. ޤައުމުގެ ސިއްހީ ނިޒާމަށް ހުރިހާ ކޭސްތައް ދެނެގަނެވި، ޓެސްޓުކޮށް، އެކަހެރިކުރުމަށްފަހު ފަރުވާ ދެވުން. އަދި މިކޭސްތަކުގެ ކޮންޓެކްޓުންވެސް ހޯދިފައިވުން

3. ބަލީގެ ނުރައްކާ އެންމެ ބޮޑު ތަންތަނުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅިފައިވުން (މިސާލު: ހޮސްޕިޓަލް)

4. ސްކޫލް، އޮފީސް އަދި އެހެނިހެން ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވުން

5. ޤައުމަށް އައު ކޭސްތައް އެތެރެވުން ކޮންޓްރޯލް ކުރެވިފައިވުން

6. ބައްޔާއި މެދު މުޖުތަމައު ހޭލުންތެރިކުރެވި، "ނިއު ނޯމަލް" އެއްގައި ދިރިއުޅުމަށް ބާރުއެޅުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ