ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ދުނިޔެއިން މިހާތަނަށް ޖެހުނު މީހުންގެ އަދަދު 5 މިލިޔަނަށް އަރައިފި އެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ފަސް މިލިޔަނަށް އަރާފައި މިވަނީ މި ވައިރަސް ދުނިޔެއިން ފެނުނުތާ ފަސް މަސްދުވަހުގެ ތެރޭގައެވެ. އަދި ބައެއް ޤައމުތަކުން ކޯވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ލޮކްޑައުންތަކަށް ލުޔެއް ދީފައިވާ ދަނޑިވަޅެއްގައި ވެސް މެއެވެ.
ޗައިނާއިން އެންމެ ފުރަތަމަ ފެނުނު މި ވައިރަސް ޖެހިގެން މިހާތަނަށް ވަނީ 325،000 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.
އޭގެތެރެއިން ވެސް އެންމެ ގިނައީ އެމެރިކާއިން މަރުވި މީހުންނެވެ. އެޤައުމުން މިހާތަނަށް ވަނީ 1.5 މިލިޔަނަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހި 92,000 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.
އެމެރިކާ އާއި ޖެހިގެން ދެން މި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރަޝިޔާ އަށެވެ. އެޤައުމުން ވަނީ 300،000 މީހުން ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ތިން ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ސްޕެއިން އިން މިހާތަނަށް ވަނީ 271،800 މީހުންނަށް ވައިރަސް ޖެހިފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)