އިންސާނުންނަށް ޓެސްޓު ކުރެވުނު ފުރަތަމަ ކޮރޯނާވައިރަސް ވެކްސިނުން ރަނގަޅު ނަތީޖާއެއް ދައްކައިފިކަމަށް ވެކްސިން އުފެއްދި ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ.
އެމެރިކާގެ "މޮޑަރނާ" ކުންފުނިން ބުނީ އެމްއާރްއެންއޭ-1273 ނަމަކަށް ކިޔާ ވެކްސިން ޓެސްޓު ކުރި މަދު މީހުންނަށް ވެކްސިން މަސައްކަތް ކުރިކަމަށެވެ. އަދި މިވެކްސިނަކީ ހަށިގަނޑަށް ރައްކާތެރި ވެކްސިނެއް ކަމަށްވެސް މިކުންފުނިން ބުންޏެވެ.
"މޮޑަރނާ" އިން އިތުރަށް ބުނެފައިވަނީ ވެކްސިން އިތުރަށް ޓެސްޓު ކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކަށް މިއަހަރު ތެރޭ ވެކްސިން ދޭނެ ކަމަށެވެ.
ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނުގައި އިތުރަށް ވާގޮތުން ޓެސްޓުތަކުގައި ބައިވެރިވި 45 މީހުންނަށް ދީފައިވަނީ ތަފާތު ތިން ޑޯޒެއްގެ ވެކްސިނެކެވެ. އަދި ހުރިހާ ބައިވެރިންގެ ހަށިގަނޑުންވެސް އެންޓިބޮޑީ ދެނެގަނެވުނެވެ.
ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ފެނިފައިވަނީ ދެ ޑޯޒެއް ދެވުނު 8 މީހުންގެ ފަރާތުން ކަމަށް ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެމީހުންގެ ހަށިގަނޑުން އުފެއްދި އެންޓިބޯޑީސް، ކޯވިޑް-19 ބަލިން ރަނގަޅުވެފައި ހުރި މީހެއްގެ ހަށިގަނޑުން އުފައްދާ އެންޓިބޮޑީސް އާއި އެއްވަރު ނުވަތަ އެއަށްވުރެ އިތުރު ކަމަށް އެކުންފުނުން ބުންޏެވެ.
"މޮޑަރނާ" ގެ ވެކްސިން އުފެއްދުމުގައި ވައިރަސް ބޭނުންކޮށްފައެއް ނުވެއެވެ.
މިވަގުތު ކޯވިޑް-19 އަށް އެއްވެސް ވެކްސިނެއް ބާޒާރަށް ނެރެވިފައެއް ނުވެއެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން ތަފާތު 8 ވެކްސިނެއް މޮނީޓަރ ކުރަމުން އަންނަ ކަމަށް އެޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.
އެމެރިކާއިން އެކުލަވާލައިފައިވާ ކޮރޯނާވައިރަސް ޓާސްކް ފޯސް ގައި އިސްކޮށް އުޅުއްވާ ޑރ. އެންތޮނީ ފައުޗީ ވިދާޅުވެފައިވަނީ ވެކްސިނެއް ތައްޔާރު ކުރުމަށް 12-18 މަސް ނަގާފާނެ ކަމަށެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)