ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 30 މީހުންނެވެ. މި 30 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،143އަށް އަރާފައެވެ.
މިއަދު 30 މީހުން ޕޮޒިޓިވްވި ނަމަވެސް ރޭގެ 22:00އިން 00:00 އާއި ހަމަޔަށް ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ 7 މީހުންނާއެކު މިއަދުގެ ޖުމްލަ އަދަދު 37އަށް އަރާކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.
ޕޮޒިޓިވްވި 37 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 19 މީހަކާއި 15 ދިވެއްސެއްގެ އިތުރުން އިންޑިޔާގެ ތިން މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވިލިމާލޭ ޑިޓެންޝަން ސެންޓަރުގެ ދެމީހުންވެސް ހިމެނެ އެވެ. އޭގެތެރެއިން އެކަކީ ކޯވިޑް-19 ޖެހުނު ފަހުން ފިލި މީހެއްކަމަށާޢި އެހެންކަމުން ފިލި މީހުންގެ ތެރެއިން ނުފެނި ވަނީ އެންމެ މީހެއް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ހިންމަފުށީ ރިހެބުން ފެނުނު 3 ކޭސް އާއި ގުޅިގެން އެ ރަށުން ނެގި 156 ސާމްޕަލްވެސް ނެގެޓިވްކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ކޯވިޑް-19 ޖެހިގެން ސީރިޔަސް ވުމުގެ ދަރުމަވަންތައަށް ބަދަލުކުރި ދެމީހުންގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް މީހާ ވެންޓިލޭޓަރުން ނަގާފައިވާކަމަށް މިރޭ ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން މިއަދު 12 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައި ކަމަށްވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އެއީ 3 ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)