ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 12 މީހުންނެވެ. މި 12 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވަނީ 1090 މީހުން ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 5 މީހުންނާއި 5 ދިވެއްސެއްގެ އިތުރުން އިންޑިޔާގެ އެކަކާއި ސްރީލަންކާގެ ރައްޔިތެކެވެ. އަދި ރާއްޖެއިން މިހާތަނަށް ވަނީ 59 މީހަކު މި ބަލިން ރަނގަޅުވެފަ އެވެ.
މިރޭ ދަރުބާރު ގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ މި ދުވަސްކޮޅު އުމުރުން 65 އަހަރުން މަތީގެ މީހުންގެ ރެންޑަމް ސާމްޕަލް ނަގަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް އެއްބާރުލުން ދެއްވުމަށް އަފްޒަލް ވަނީ އެދިވަޑައިގެންފަ އެވެ.
ކޯވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި ދެމީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި އޮތްއިރު އަނެކަކުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޑރ. އަފްޒަލް ވަނީ މި ދުވަސްވަރު ޑެންގޫ ފަދަ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފަ އެވެ. އަދި އެފަދަ ބަލިތަކަށްވެސް އިތުރު ސަމާލުކަމެއް ދިނުމަށް އަފްޒަލް ވަނީ އެދިލައްވާފަ އެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ވަނީ ހަތަރު މީހަކު މަރުވެފައެވެ. އޭގެތެރެއިން 3 މީހުންނަކީ އުމުރުން 80 އަހަރުން މަތީގެ ދިވެހިންނެވެ. ދެން މަރުވެފައިވަނީ މެދުއުމުރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)