ޖަރުމަނުގައި ލޮކްޑައުންގެ ހާލަތު އުވާލިތާ ދުވަސްކޮޅެއް ފަހުން ކޯވިޑް-19 ކޭސްތައް އިތުރުވާން ފަށައިފިއެވެ. އެގައުމުގައި ތަންފީޒްކޮށްފައިވާ ލޮކްޑައުން ނިމިއްޖެކަމަށް އިއުލާނު ކޮށްފައިވަނީ ހުސްވި ހަފްތާ ބުދަ ދުވަހުއެވެ.
ނަމަވެސް ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މީހުން ބައްޔަށް ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ. އެހެން ކަމުން އަނބުރާ ލޮކްޑައުންގެ ހާލަތަށް ދިޔުމަށް އެގައުމުގެ ސަރުކާރަށް މަޖުބޫރު ވެދާނެއެވެ.
ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވި ގޮތުގައި އެގައުމުގެ އާރް-ރޭޓް ވަނީ 1 އަށް ވުރެ މައްޗަށް އަރާފައެވެ. އާރް-ރޭޓް އަކީ ބަލި ޖެހޭ މީހެއްގެ ފަރާތުން ބަލި ފެތުރެނީ ކިތައް މީހުންނަށް ކަން ދައްކުވައިދޭ ނަންބަރެވެ. މިވަގުތު ޖަރުމަނުގެ އާރް-ރޭޓް ހުރީ 1.1 ގައެވެ.
ޖަރުމަނުގެ ޗާންސެލަރ މަރކަލް ވަނީ ބަލި ގިނައިން ފެތުރޭ ހިސާބުތަކުގައި ކުރިން ނެގިފައިވާ ފިޔަވަޅުތައް ތަންފީޒް ކުރަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ.
ޔޫރަޕްގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ޖަރުމަނުގައި ކޯވިޑް-19 ގެ ސަބަބުން މީހުން މަރުވަމުންދާ މިންވަރު މަދެވެ. މީގެ ސަބަބަކީ އެގައުމުން ނެގި އަވަސް ފިޔަވަޅުތައްކަން މާހިރުން ވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް ލޮކްޑައުން ދިގުދެމިގެން ދާތީވެ ޖަރުމަނުގެ ބައެއް ހިސާބުތަކުގައި މީގެ ކުރިން ރައްޔިތުންވަނީ މުޒާހަރާވެސް ކޮށްފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)