އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/05/2020

ކޮންމެ ދުވަހަކީވެސް ނަރުހުންގެ ދުވަހެއް!

ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރި ނަމަވެސް ހަގީގަތަކީ ކޮންމެ ދުވަހަކީވެސް ނަރުހުންގެ ދުވަހެއް ކަމެވެ. (ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/05/2020

International Nurses Day 2020
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮންމެ އަހަރެއްގެވެސް 12 މެއި ފާހަގަކުރަނީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހަކީ އަހަރުގެ 365 ދުވަހު މެދުކެނޑުމެއްނެތި ލޮތްބާއެކު ނަރުހުންކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައި ފާހަގަކުރާ ދުވަހެކެވެ.

ނަރުހުންގެ ދުވަސް މިއަހަރު ދިމާވެފައި މިވަނީ މުޅި މުޅިރާއްޖޭގެ އިތުރުން ދުނިޔެވެސް ނަރުހުންނަށް ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މިއަދު ނަރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، އަމިއްލަ އާއިލާ ގާތަށް ދާން ބޭނުންވެ ނުދެވިފައި ތިބި އެތައް ނަރުހުންނެއް އެބަތިއްބެވެ. އެހެންނަމަވެސް ޝަކުވާ ކުރުމެއްނެތި މުޅި ޤައުމުގެ ދުޅަހެޔޮކަމަށްޓަކައި ނަރުހުން ގެންދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.

އެހެން އަހަރުތަކާއި ހިލާފަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި 2020 ވަނަ އަހަރު ހާއްސަކޮށްފައި ވަނީވެސް ނަރުހުންނާއި މިޑްވައިފުންގެ އަހަރުގެ ގޮތުގައެވެ. ނަރުހުންނާއި ފޫޅުމައިންނަށް ސިއްހީ ރޮނގުން ކުރިއަށް ދިއުމަށްޓަކައި އައު ތަސައްވަރު ތަކަކާއެކު ފަށައިގަތް މި އަހަރު ނަރުހުންނަށް ވެފައިވަނީ ތަފާތު އިމްތިހާނަކަށެވެ.

އެހެންނަމަވެސް ހަގީގަތުގައި އަހަރެމެންނަށް ނަރުހުންގެ ބުރަ މަސައްކަތް ވަޒަން ކުރެވެނީ އެބައެއްގެ ބޭނުން އެންމެ ބޮޑަށް ޖެހުމުންނެވެ. ކޮރޯނާ ވައިރަސް ޕެންޑަމިކްގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ ނަރުހުންނާއި އަދި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި މަސައްކަތްކުރާ އެތައް ނަރުހުންނެއް ވަނީ ނަމޫނާ ދައްކާފަ އެވެ. ހާއްސަކޮށް މި އައުޓްބްރޭކްގައި ވައިރަހަށް ޝައްކުކުރެވޭ މީހުންގެ ގައިން ސާމްޕަލްތައް ނެގުމަށްޓަކައި ހަޒްމަޓް ސޫޓްގައި ވަރުބަލިކަމެއްނެތި ދުވަހުގެ އެތައް ގަޑިއިރެއް ނަރުހުން ދަނީ ހޭދަކުރަމުންނެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލުމަށްފަހު ނަރުހުން ގެންދަނީ ބަލިވެ ތަންމަތިވެފައިވާ މީހުންނަށް ހިދުމަތް ކުރަމުންނެވެ.

މިއީ ނަރުހުންނަށް އައު މަސައްކަތެއް ނޫނެވެ. މިކަން އާވީ ހުދު އަހަރެމެންނަށެވެ. ސަބަބަކީ އެތައް ޒަމާނެއް ވަންދެން ނަރުހުން ކުރަމުންދިޔަ މި ބުރަ މަސައްކަތުގެ އަގުވަޒަން ނުކުރެވި ވާތީއެވެ. ޕެންޑަމިކެއް، އައުޓްބްރޭކެއް ނޫނީ އާންމު ދިރިއުޅުމުގައިވެސް ނަރުހުންގެ މަސްއޫލިއްޔަތު ވަކި ލުޔެއް ނުވެއެވެ. ކޮންމެ މަސައްކަތެއް ކުރަނީވެސް އަމިއްލަ ނަފްސާއި އާއިލާ ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން ތިބެއެވެ.

މިއަހަރު ނަރުހުންނަށް ހާއްސަވި ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފުރަތަމަ ފަހަރަށް ނެރުނު "ސްޓޭޓަސް އޮފް ދަ ވޯލްޑް ނާސިންގް ރިޕޯޓު" ހިމެނެ އެވެ. މި ރިޕޯޓުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ނަރުހުންގެ ކަންކަން ހަރުދަނާކުރުމަށް ދުނިޔޭގެ ކަމާބެހޭ ފަރާތްތަކަށް ގިނަ ކަންތައްތަކަކަށް ގޮވާލާފައެވެ.

އަދި މީގެއިތުރުން މިހާރު ދުނިޔެ ދެކެމުންމިދާ މޮޑާރން ނާސިންގގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރި "ފްލޮރެންސް ނައިޓިންގޭލް"ގެ 200 ވަނަ އުފަންދުވަސް ކުރިމަތިވަނީ މި އަހަރާއެވެ. ފްލޮރެންސް ނައިޓިންގޭލް އަކީ ހަނގުރާމައިގާ ޒަހަމްވި މީހުންނަށް ހިދުމަތްކުރުމަށްޓަކައި ދަރުމަވެރިއެއްގެ ހައިސިއްޔަތުން ފުރަތަމަ އިސްނެންގެވި ބޭފުޅާއެވެ.

މިއަހަރުގެ ނަރުހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ Nurses-A Voice to Lead-Nursing the world to Health

ނަރުހުންގެ ދުވަސް މިއަދު ފާހަގަކުރި ނަމަވެސް ހަގީގަތަކީ ކޮންމެ ދުވަހަކީވެސް ނަރުހުންގެ ދުވަހެއް ކަމެވެ. ކޮންމެ ދުވަހަކީވެސް ނަރުހުންނަށް އެތައް ޗެލެންޖެއް ކުރިމަތިކުރުވާ ދުވަހެއް ކަމެވެ. ހާއްސަކޮށް ވަރުބަލިކަމެއް ނެތި ޤައުމަށްޓަކައި މަސައްކަތްކުރާ މިފަދަ ބަތަލުންގެ އަގު އަބަދުވެސް އަހަރެމެން ހަނދާންކުރަން ޖެހެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ