
ރާއްޖެއިން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 23 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 18 މީހުންނާއި 5 ދިވެހިންނެވެ. މި 23 މީހުންނާއެކު މިހާތަނަށް ވަނީ ރާއްޖެއިން 862 މީހަކަށް ކޮވިޑް-19 ޖެހިފައެވެ.
އިއްޔެ ރޭ ވަނީ އިތުރު 4 ކޭސް ވެސް ފެނިފައެވެ.
މިއަދުވެސް ރާއްޖެއިން ވަނީ ވައިރަސް ޖެހުނު އެކަކު ބަލިން ރަނގަޅުވެފަ އެވެ. މިއީ ރާއްޖެއިން މި ބަލިން ރަނގަޅުވި 31 ވަނަ މީހާ އެވެ.
މީގެއިތުރުން އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ހޮސްޕިޓަލުން މިހާތަނަށް 21 ނަރުހުން އެކަހެރިކޮށްފައި ވާކަމަށް ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވަނީ ވިދާޅުވެފަ އެވެ.
އައިޖީއެމްއެޗުގައި ވިހަން އެޑްމިޓް ކުރި އަންހެން މީހާ ބެލި ޑޮކްޓަރަށް ހެދި ގޮތެއް އެންއީއޯސީން ހާމަ ކޮށްފައި ނުވިނަމަވެސް، އައިޖީއެމްއެޗްގެ ޑޮކްޓަރަކާއި ނަރުހެއް ކޮވިޑަށް ޕޮޒިޓިވް ކަމަށް ޑރ. އަލީ ނަޒީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ ދެމީހުން ޕޮޒިޓިވް ވީ އައިޖީއެމްއެޗްގެ މަސައްކަތުގައި އުޅެނިކޮށް ނޫން ކަމަށެވެ.
އައިޖީއެމްއެޗަށް ގެންދިޔަ މާބަނޑު މީހާ ކޮވިޑަށް ޕޮޒިޓިވް ވުމާއެކު އޭނާ ވަނީ ޓްރީޓޮޕަށް ބަދަލު ކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 3 މީހަކު ކޯވިޑް-19 ޖެހިގެން މަރުވެފައެެވެ. އެއީ ދެ ދިވެހިންނާއި އެއް ބިދޭސީ އެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)