އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/05/2020

ހިތާމައިގައި ހުރި އަހަރެންގެ އެކުވެރިޔާއަށް އެހީވާނީ ކިހިނެތް؟

މިފަދަ ދުވަސްވަރެއްގައި ހިތާމަވެރި ކަންކަމާއި ކުރިމަތިލުން އާއްމު ވެދާނެއެވެ. ތިމާގެ ގާތްތިމާގެ މީހަކަށް ނުވަތަ ރައްޓެއްސަކަށް މިފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލު ކުރަންވީ ގޮތް އެނގުން މުހިއްމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/05/2020

Emotional Support SHE
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކަންކަމާއި ދެރަވެ ހާސްވުމަކީ އިންސާނީ ތަބީއަތުގައި އަހަރެމެން ކޮންމެ ދުވަހަކުވެސް ކުރިމަތިލާ ކަންކަމެވެ. ބައެއްފަހަރު އެކަންޏެވެ. އަނެއްބައި ފަހަރު އިތުރު ބައެއް ނުވަތަ މީހެއްގެ އެއްބާރުލުމާ އެކުގަ އެވެ.

ހާއްސަކޮށް ކޯވިޑް-19 ފަދަ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި މިފަދަ އިހްސާސްތައް ކުރުވާ މިންވަރު އިތުރުވެދާނެ އެވެ. ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި އަދި އެކި ކަހަލަ ހިތާމަވެރި ހަބަރު ލިބުމަކީ މިފަދަ ތަކްލީފްތައް ދެގުނަ ވެގެންދާނޭ ކަމެކެވެ.

ކުރިންނަމަ ކަމަކާއި ފިކުރުބޮޑުވެ، ދެރަވުމުން ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލެވުނަސް މިހާރު އެހެން ނުވެދާނެއެވެ. އެހެންކަމުން މި ދުވަސްވަރު ދުރުގައި ތިބި ނަމަވެސް އެކަކު އަނެކަކުގެ ހާލު ބެލުމަށް ތަޖުރިބާކާރުން މިހާބޮޑަށް ބާރުއަޅަނީ ވެސް މިހެން ވެގެންނެވެ.

އެގޮތުން ރައްޓެއްސަކު ވިޔަސް އަދި އާއިލާ މީހަކު ވިޔަސް މި ދުވަސްވަރު ކަމަކާއި ދެރަވެ، ކަންބޮޑުވެގެން ތިބާއަށް ގުޅައިފިނަމަ އެއީ އާދައިގެ ކަމެއްކަމަށް ނުދެކޭށެވެ. އެ ފަރާތުން ތިބާ އާއި ހިތުގެ ޝަކުވާތައް ހިއްސާކުރާނީ ތިއީ އެފަރާތުގެ ވަރަށް ގާތްމީހަކަށް ވީތީއެވެ. 

އެހެންކަމުން މިފަދައިން މީހަކު ބިރާސްވެ ދެރަވެގެން އުޅޭނަމަ ތިބާ ދުރުގައި ހުރިނަމަވެސް އެ ފަރާތަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

1. ދެރަވާން ދޫކޮށްލުން

ދެރަވާން ދޫކޮށްލާށޭ ބުނުމުން ފަހަރެއްގައި ވަރަށް ގިނަ އެއްޗެހި ހިތަށް އަރާފާނެ އެވެ. ދެރަވާން ދޫކޮށްލުމޭ މި ބުނެވެނީ އެމީހެއް ޝަކުވާތައް ފާޅުކުރަން ނުވަތަ ރޯން ބޭނުން ވަރަކަށް ރުއިމަށް ވަގުތު ދިނުމަށެވެ.

ހިތުގައި އުފެދޭ ހިތާމަތަކާއި ޖަޒުބާތުތައް އަހަރެމެންނަށް ބޭރު ކުރެވެން އޮންނަ ގޮތްތަކުގެ ތެރެއިން މިގޮތަކީ އެންމެ ރަނގަޅު އެއްގޮތެވެ. ރޯން ބޭނުންވެފައި ނުރޮއެ ހުރުމަކީ ހިތުގެ ހަމަޖެހުން ގެއްލި އަދި މީހާއަށް އިތުރު ހާސްކަން ކުރިމަތިވާނޭ ކަމެކެވެ. އެހެންކަމުން ތިބާގެ ކުރިމަތީގައި މީހަކު ދެރަވެގެން ރޯނަމަ ނުވަތަ ޝަކުވާ ކުރާނަމަ ހުއްޓާލުމަށް ނުބުނާށެވެ. އޭގެ ބަދަލުގައި ތިބާ މިހުރީ އެމީހަކާއި އެކުގައި ކަމަށާއި، ހިތްފުރެންދެން ރޯލުމަށް ބުނާށެވެ. ހިތްހަމަޖެހުން ލިބޭނެ އެވެ.

2. މުހިއްމު ތާރީހުތައް ހަނދާން ބެހެއްޓުން

މިފަދަ ދުވަސްވަރެއްގައި އަބަދު އޮންނަ ގާތްގުޅުން ކުރިން އޮތްހެން ނޯވެދާނެ އެވެ. ހާއްސަކޮށް ގޭތެރޭގައި އަބަދު ތިބެން ޖެހުމުން މުހިއްމު ބައެއް ކަންކަން މަތިން ހަނދާން ނެތުމަކީވެސް ހަމަ ވެދާނޭ ގޮތެކެވެ.

އެހެންނަމަވެސް ތިބާ ހަނދާންނެތޭ ކަމަކީ ދެން ހުރި މީހާއަށް ވަރަށް މުހިއްމު ކަމަކަށްވުން ވެސް އެކަށީގެން ވެއެވެ. އެއީ އުފަން ދުވަސް، އެނިވާސަރީ ނުވަތަ އެނޫން އެހެން މުހިއްމު ތާރީހަކަށް ވެސް ވެދާނެއެވެ.

އެހެންކަމުން މިފަދަ ތާރީހުތައް އެނގޭނޭ ގޮތަކަށް ހަނދާނުގައި ރައްކާކޮށްލުން މުހިއްމެވެ. ތިބާއަށް ފޮނުވާލެވޭ އެންމެ މެސެޖަކުންވެސް އަނެކާގެ ދުވަސް އުޖާލާ ވެދާނެއެވެ.

3. ހިތްދަތިކަމުގައި ހުރި މީހާ އާއި ވާހަކަދައްކައި ދެ މީހުންގެ އުފާވެރި ހަނދާންތައް ހިއްސާކުރުން

ކަމަކާއި ދެރަވެ ހިތްދަތިވެފައިވާ މީހެއް ގާތުގައި އަބަދު އެވާހަކަ ދައްކާނަމަ އެމީހަކަށް ހިތްދަތިވާ ކަމަކުން އަރައިގަންނަން އުނދަގޫ ވެދާނެއެވެ.

އެހެންކަމުން އަބަދު އެއް ވާހަކައެއް ދެއްކުމުގެ ބަދަލުގައި ތަފާތު ގިނަ ވާހަކަތައް ދައްކާށެވެ. ދުނިޔެވީ ވާހަކައިން ފެށިގެން އެކުގައި ހޭދަކޮށްފައިވާ މަޖާ ވަގުތު ތަކުގެ ވާހަކަވެސް ދެއްކިދާނެ އެވެ.

4. އަބަދުވެސް ހާލު ބެލުން

ތިބާގެ އެކުވެރިޔާއަށް ނުވަތަ ހިތާމައިގައިވާ މީހާއަށް މަދުވެގެން ދުވާލަކު އެއްފަހަރު ނަމަވެސް ގުޅާލާށެވެ. ހާލު އަހުވާލު އޮޅުންފިލުވާލާށެވެ. ގާތުގައި ހުރެގެން ކޮށްދޭ ކަންތައްތަކާއި އެއްވަރަށް އެފަދަ މީހުންގެ ހާލު އޮޅުންފިލުވުމުން ވެސް ލިބޭނޭ މަންފާތައް ނުހަނު ގިނައެވެ.

ގުޅަން ދަތިވާނަމަ ކުޑަމިނުން މެސެޖެއް ނަމަވެސް ކޮށްލާށެވެ. އަދި އެންމެ މުހިއްމުކަމަކީ ތިބާ އަބަދުވެސް ހުރީ އެފަރާތާއި އެކުގައިކަން އިހްސާސް ކޮށްދިނުމެވެ.

5. ދޭނެ ޖަވާބެއް ނޭނގުނަސް އެކަނި ދޫކޮށްނުލާށޭވެ!

މިއީ ވަރަށް މުހިއްމު ކަމެކެވެ. ބައެއް ފަހަރު އެކުވެރިޔާ ދެރަވެ ހިތްދަތިވެގެން ދައްކާ ވާހަކައަށް ތިބާއަށް ޖަވާބު ދޭނޭގޮތެއް ގޮތެއް ނޭނގިދާނެ އެވެ. މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް މެސެޖަށް ރިޕްލައި ނުދީ ދޫކޮށްލުން ފަދަ ކަންކަން ކުރެވެއެވެ.

ވިސްނަންވީ ކަމަކީ މިފަދައިން އަޅާނުލާ ދޫކޮށްލެވޭ ކޮންމެ ފަހަރަކު އެކުވެރިޔާގެ އަމިއްލަ ނަފްސައަށް އަދި އެހެން މީހުންނަށް ކުރާ އިތުބާރު ގެއްލިދާނެ ކަމެވެ. އެހެންކަމުން ދޭނޭ ޖަވާބެއް ނޭނގުނު ނަމަވެސް އެކުވެރިޔާ އެކަނި ދޫކޮށްނުލާށެވެ. އެހެން ވާހަކައެއް ދައްކައިގެން ވިޔަސް އެކުވެރިޔާގެ ވާހަކައިގައި ހިއްސާވާށެވެ.

6. ދީނީ އަޅުކަންތައް ކުރުމަށް އެއްބާރުލުން ދިނުން

ކޮންމެ ދުވަހަކުވެސް ހާލު އަހުވާލު ބަލާ ކޮންމެ ފަހަރަކު އެކުވެރިޔާ ހުރީ ނަމާދުކޮށްގެންތޯ ނުވަތަ ޤުރުއާން ކިޔަވައިގެންތޯ އަހާލާށެވެ. އަހާލުމަކުން ގޯހެއްނެތެވެ.

އަދި ދެމީހުންއެކުގައި ޤުރުއާން ހަތިމު ކުރުން ފަދަ ކަމެއްވެސް ފެށިދާނެއެވެ. ޤުރުއާނަކީ ހިތަށް ހަމަޖެހުން ގެނެސްދީ އަދި ބޭކާރު ހިޔާލުތަކުން ދުރުކޮށްދޭނޭ އެންމެ ރަނގަޅު އެއް ވަސީލަތެވެ.

7. ހަދިޔާ ބަދަލުކުރުން

ހަދިޔާ ގޮތުގައި ކޮންމެހެން އަގުބޮޑު އެއްޗެއް ދިނުން މުހިއްމެއް ނޫނެވެ. މުހިއްމީ ތިބާގެ ތަނަވަސްކަން ހުރި މިންވަރަކުން އަނެކާއަށް ހަދިޔާ ދިނުމެވެ. ހަދިޔާ ދިނުމަކީ ދެމީހުންގެ ދޭތެރޭގައި ލޯބި އިތުރުކޮށްދީ، އިހްތިރާމް އިތުރުކޮށްދޭނޭ ކަމެކެވެ.

ހިތާމައިގައިވާ މީހަކަށް އަޅާލާ އެހީތެރިވުމަށްޓަކައި ކޮންމެހެން ތިބާއަކީ ފުރިހަމަ އިންސާނަކަށް ވުން މުހިއްމެއް ނޫނެވެ. އޭގެ ބަދަލުގައި އެހެންމީހުންނާއި ގުޅުން ބަދަހިކޮށް އެހެން މީހުންގެ އިހްސާސްތައް ދަންނަ މީހަކަށް ތިބާ އަށް ވެވިދާނެ އެވެ.


މައުލޫމާތު ނެގިފައިވަނީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) ގެ ލިޔުންތަކުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ