ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި ކުޑަކުދިންގެ ތެރެއިން އެއް ކުއްޖަކު ބަލިން ރަނގަޅުވެފައިވާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދާއި ހަމަޔަށް ރާއްޖެއިން 30 ކުޑަކުދިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ކުއްޖަކު ބަލިން ރަނގަޅުވެފައިވާއިރު، އެއް ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހުނުކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 835 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 3 މީހަކު ވަނީ ބަލީގެ ސަބަބުން ދުނިޔެ ދޫކޮށްފަ އެވެ.
ވައިރަސް ޖެހުނު 30 ކުދިންގެ ތެރެއިން ތިރީސް އިންސައްތަ ކުދިންގެ އަދިވެސް އެއްވެސް އަލާމާތެއް ފެންނަން ނެތްއިރު، 30 އިންސައްތަ ކުދިންގެ ގައިން އަލާމާތުގެ ގޮތުގައި ފެނިފައިވަނީ ހަމައެކަނި ހުންކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.
އަދި 13 އިންސައްތަ ކުދިން ހުމާއެކު ރޯގާ ޖެހުނުއިރު، ހަމައެކަނި ރޯގާ (ނޭފަތުން އައުން/ކަރުތެރެ/ކެއްސުން) ޖެހިފައިވަނީ ވެސް 13 އިންސައްތަ ކުދިންނަށެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ކަމަށް މީގެ ކުރިން ހަދާއިފައިވާ ދިރާސާތަކުން ވެސް ވަނީ ދައްކާފައެވެ.
އެގޮތުން ރާއްޖެއިން މި ބަލީގައި މަރުވި 3 މީހުންގެ ތެރެއިން ދެ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. ދެން މަރުވީ ފިޓުޖެހުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅި ސިކުނޑިއަށް ލޭ އެޅުނު މެދުއުމުރުގެ މީހެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)