ރާއްޖެއިން މިއަދު އަނެއްކާވެސް ވަނީ ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
މިއަދަށް އެކަނި ޖުމްލަ 107 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 396 އަކަށް އުފުލިފަ އެވެ.
މިއަދު ޕޮޒިޓިވްވީ 98 މީހުންނަކީވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 64 މީހަކާއި އިންޑިއާގެ 32 މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހެކެވެ.
އަދި މިއަދުގެ ޖުމްލައިގައި 9 ދިވެހިންވެސް ހިމެނެއެވެ.
މިއަދަކީ މިއީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހުގެ ނަންބަރަކީ 73 އެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު އިތުރުވެފައިމިވަނީ މި ބަލީގައި ދިވެއްސަކު މަރުވެފައިވަނިކޮށެވެ. ކޮވިޑްގައި ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމްއެވެ. އޭނާ މަރުވީ އިއްޔެ އިރުއޮއްސި 19:10 އެހާކަންހާއިރު އެވެ.
އެ މީހާއަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު މީހެކެވެ. އެމީހާގެ ނަތީޖާ ލިބިފައިވަނީ މަރުވި ފަހުންނެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާކަމަށް ބެލެވޭ ކަމަށެވެ. އެއީ މިހާރު ޕޮޒިޓިވްވެފައި ތިބި މީހުންގެ ކޮންޓެކްސް ގިނަ ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިންވެސް އެކްސްޕެކްޓު ކުރި ގޮތަށް އަޅުގަނޑުމެންގެ ކާވް މިދަނީ މައްޗަށް އަރަމުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ. "މިހާތަނަށް އަޅުގަނޑުމެންގެ ކޮންޓެކްޓްސްއަށް ބަލާލި ކަމަށް ވިޔަސް ކުރިއަށް އޮތްތަނުގައި އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު ވަރަށް ބޮޑު،"
އެންމެ ބޮޑު ކްލަސްޓާގެ ގޮތުގައި ޑރ. އަފްޒަލް ފާހަގަކުރެއްވީ ބާޒާރުމަތީ ކްލަސްޓާ އެވެ. މިއަދުވެސް ގިނަ މީހުން ޕޮޒިޓިވްވީ އެ ކްލަސްޓާއިން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ހުޅުމާލޭގެ ކޮވިޑް ވިލެޖްގެ ކްލަސްޓާވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ދެން އެންމެ ގިނައީ ދިވެހިންނެވެ. މީގެ އިތުރުން އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާނު މީހުންވެސް ހިމެނެއެވެ. އަދި މިއަދު ވަނީ ނޭޕާލްގެ ދެ މީހަކުވެސް ޕޮޒިޓިވްވެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)