
އިންޑިޔާއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 30،000 އަށް މިއަދު އަރައިފިއެވެ. މިއީ ޗައިނާއާއި ޖެހިގެން އެންމެ ގިނަ އަދަދަކަށް އޭޝިޔާގައި މިބައްޔަށް މީހުން ޕޮޒިޓިވްވި ގައުމެވެ.
މިއާއެކު 6 ހަފްތާއަށް ގާއިމު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަށް މަޝްވަރާ ކުރެވޭކަމަށް އިންޑިޔާގެ ސިއްހީ އޮފިޝަލުންނާއި ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނެފިއެވެ.
އިންޑިޔާ ސަރުކާރުން ބަލި ފެތުރުން މަދު ސަރަހައްދުތަކުގައި ވިޔަފާރިތައް ހުޅުވަން ހުއްދަ ދީފައިވާ ކަމަށް ޕްރައިމް މިނިސްޓަރ ނަރެންދުރާ މޯދީ ވިދާޅުވެފައިވެއެވެ. މިލޮކްޑައުންގެ ސަބަބުން އެތަކެއް މިލިއަން މީހުންނެއް ވަނީ ކާބޯ ތަކެއްޗަށާއި ބޯ ހިޔާވަހިކަމަށް ބޭނުން ޖެހިފައެވެ.
ފާއިތުވި ހަފްތާގައި އިންޑިޔާގައި ދުވާލެއްގެ މައްޗަށް އެވެރޭޖުކޮށް 1،500 އާ ކޭސް ފެންނަމުން ދާތީ މެއި 3 ގެ ނިޔަލަށް އޮތް ލޮކްޑައުންގެ މުއްދަތު އިތުރު ކުރަން ގިނަބަޔަކު ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
މިހާތަނަށް އިންޑިޔާގައި މިބަލީގެ ސަބަބުން މަރުވެފައިވަނީ 1،008 މީހުންނެވެ. މިއީ ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކާއި އަޅާބަލާއިރު މަދު އަދަދެކެވެ.
ނަމަވެސް އެގައުމުތަކަށްވުރެ އިންޑިޔާގެ ސިއްހީ ނިޒާމު ބަލިކަށިކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެހެން ކަމުން ކޭސްތައް އިތުރުވަމުންދާނަމަ ހޮސްޕިޓަލްތަކަށް ނުހިފެއްޓޭ ވަރު ވެދާނެއެވެ. އަދި މީގެ ސަބަބުން ގިނަ ބަޔަކު މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)