އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/04/2020

ކޯވިޑް-19: މިދުވަސްވަރު ދަރިފުޅު ނަފްސާނީގޮތުން ދުޅަހެޔޮކޮށް ބަހައްޓާނީ ކިހިނެތް؟

ގިނަވަގުތު ގޭތެރޭގައި ތިބެންޖެހުމުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީގޮތުން ބައެއް ކަންތައް ކުރިމަތިވެދާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުޑަކުދިންނަކީ އަބަދުވެސް އާކަންތައް ހޯދާ ތަޖުރިބާ ކުރަން ބޭނުންވާނޭ ބައެކެވެ. ގިނައިން ސުވާލުކޮށް ގިނަ ކަންކަމާމެދު ވިސްނާ ފިކުރުވެސް ހިންގާ ބައެކެވެ. އަދި ވަކިން ހާއްސަކޮށް މިއީ ވަރަށް ނާޒުކު ބައެކެވެ. ފަސޭހައިން އުފާވުމާއި، ދެރަވުން އަދި ބިރުގަތުމަކީ ތަބީޢީގޮތުން މިކުދިން ތަހައްމަލް ކުރާނޭ ކަންކަމެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ފެތުރެމުންދާ މި ނުރައްކާތެރި ދުވަސްވަރު އެންމެ ބޮޑަށް ނަފްސާނީގޮތުން އަސަރުކުރާނޭ އެއްބަޔަކީވެސް ކުޑަކުދިންނެވެ. މި ދުވަސްވަރު ކުރިމަތިވާ ތަފާތު ކަންކަމުގެ ސަބަބުން ކުޑަކުދިންނަށް އެންޒައިޓީ، ސްޓްރެސް އަދި އަވަހަށް ދެރަވުންފަދަ ކަންކަން ފަސޭހައިން ކުރިމަތި ކުރުވައެވެ.

ގިނަވަގުތު ގޭތެރޭގައި ތިބެންޖެހުމުގެ ސަބަބުން އެކަނިވެރިކަން އިހްސާސް ކުރުވާނެއެވެ. އޭގެއިތުރުން ފަސޭހައިން ރުޅިގަދަވެ، ދެރަވުމާއި، ކެއުމަށް ބަދަލުތައް އައުމަކީވެސް މީގެ ސަބަބުން ނަފްސާނީގޮތުން ކުރިމަތި ކުރުވާނޭ ބައެއް ކަންކަމެވެ.

އެހެންކަމުން މިފަދަ ފިކުރުތަކާއި ކުދިން ދުރުކޮށް ނަފްސާނީގޮތުން ދުޅަހެޔޮބައެއްގެ ގޮތުގައި ކުޑަކުދިން ބޭތިއްބުމަށް އަމިއްލައަށްވެސް ކުރެވިދާނެ ކަންކަން ހުންނާނެއެވެ. 

އަޑުއިވޭ ވާހަކަތަކާއި ދިމާވާ ކަންކަމުގެ ސަބަބުން އުފެދިދާނެ ހާސްވުމުން ދުރުކުރުމުގެ ގޮތުން:

  • ރިލެކްސް ވުން

ރިލެކްސްވުމަކީ މިފަދަ ނަފްސާނީގޮތުން ކުރިމަތިވާ އިހްސާސްތަކާއި ކުރިމަތިލުމަށް އެންމެ ފަސޭހަ އެއްގޮތެވެ. އެހެންނަމަވެސް ކުޑަކުއްޖެއް ގާތުގައި ރިލެކްސްވާން ބުނެގެން އެއީ ކިހިނެތް ވާ ކަމެއްކަން ނޭނގިދާނެއެވެ.

އޭގެ ބަދަލުގައި ތަނެއްގައި މަޑުމަޑުން އިށީނުމަށްފަހު ފުންކޮށް ނޭވާލުމަށް ނުވަތަ މަޑުމަޑުން ލަމުން ގެންދާ ނޭވާތައް ގުނަމުން ދިއުމަށް ބުނެވިދާނެ އެވެ. މިއީ ރިލެކްސްވުމަށް އެންމެ ފަސޭހަ އެއް އުކުޅެވެ.

  • އެހެންކަމަކަށް ސަމާލުކަން ދިނުން

ދަރިފުޅަށް ނަފްސާނީގޮތުން އަސަރުކުރާހެން ހީވާނަމަ އެހެންކަމަކަށް ކުއްޖާގެ ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކުރާށެވެ. އެގޮތުން ކުރެހުން، ކުލަޖެއްސުން ނުވަތަ ޕަޒަލްއެއް ރާވާލަން ދިނުން ކަހަލަ ކަމެއް ކުރެވިދާނެއެވެ.

  • ވާހަކަތައް ހިއްސާކުރުން

މިއީ މިކަހަލަ ދަނޑިވަޅެއްގައި ކުއްޖާ ނަފްސާނީގޮތުން ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރެވިދާނޭ ވަރަށް ރަނގަޅު ކަމެކެވެ. އަދި މިފަދަ ދުވަސްވަރެއް ނޫނަސް، ކުޑަކުދިން ދައްކާ ވާހަކަތައް އަޑުއެހުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. 

އަދި ހަމައެކަނި އަޑުއެހުމަކުން ނުފުދޭނެއެވެ. ދަރިފުޅު ދައްކާ ވާހަކައިގައި ބައިވެރިވެ، ގިނަ ވާހަކަތައް ހިއްސާކުރުމަކީ އެކުއްޖާ ބާކީ ނުކުރާކަން އިހްސާސް ކޮށްދޭނޭ ކަމެކެވެ.

  • ކަސްރަތު ކުރުން

ގިނަ ކުޑަކުދިންނަކީ އެކުދިންގެ މިޒާޖުގައި ހަލަބޮލިކަން ހުންނަ ކުދިންނެވެ. އަބަދުވެސް ދުވެލަން، ތަނެއްގެ މައްޗަށް އަރާލަން ބޭނުންވާ ނުވަތަ މޫދަށް އެރެންވެސް ބައެއްކުދިން ވަރަށް ބޮޑަށް ޝައުޤުވެރިވާނެ އެވެ. 

ނަމަވެސް، ގޭގައި ލޮކްޑައުންވާން ޖެހުމަކީ މިފަދަ ކުދިންގެ މިޒާޖުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފާނޭ ކަމެކެވެ. އެހެންކަމުން ގޭގައި ހުންނަ ވަގުތުގައި ވެސް ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތެއް ކުދިންނާއެކު ކަސްރަތުކުރުމަށް ހޭދަކޮށްލާށެވެ.

ދެންމެ މިބުނި ކަންކަމުގެ އިތުރުން ކުދިން އަމިއްލައަށްވެސް ނަފްސާނީގޮތުން ދުޅަހެޔޮކޮށް ކުރެވިދާނޭ ބައެއް ކަންކަން އެބަހުއްޓެވެ. 

ޕްރެކްޓިކަލީ ގޮތުން ކުދިންނަށް ކުރެވިދާނެ ބައެއް ކަންކަން:

  • ފޮތެއް ކިޔާލުން ނުވަތަ ފިލްމެއް ބަލާލުން
  • ގަހެއް އިންދުމަށްފަހު އެގަސް ހައްދާ ގަހަށް އަޅާލުން
  • އާ ރެސިޕީތައް ބޭނުންކޮށްގެން ކެއްކުން

ކުދިންގެ ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަކީވެސް އެކުދިން ނަފްސާނީގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް ވެވޭނެ ވަރަށްބޮޑު އެހީއެކެވެ. އެގޮތުން އެކުދިންގެ އެކިކަހަލަ ހުނަރުތައް ބޭނުންކޮށްގެން ކުދިންގެ ހިތުގައި އުފެދޭ ހިޔާލުތައް ހިއްސާކުރުމަށް ފުރުސަތު ދެވިދާނެއެވެ.

ކުދިންގެ ހިތުގައިވާ ވާހަތައް ހިއްސާ ކުރެވިދާނެ ގޮތްތައް:

  • ކުރެހުމެއްގެ ޒަރިއްޔާއިން އިހްސާސްތައް ދައްކުވައި ދިނުން
  • ފޮޓޯ ކޮލާޖްއިން އިހްސާސްތައް ދައްކުވައި ދިނުން
  • ކޮންމެ ދުވަހެއްގައި ކުރާ ކަންކަމުގެ ޖާނަލްއެއް ލިޔަން ހަވާލުކުރުން

މިއީ ކުޑަކުދިން ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ބޭތިއްބުމަށް ކުރެވިދާނެ ވަރަށް މަދުކަންކަމެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ އެކުދިންގެ ވަށައިގެން ދިރިއުޅޭ ބޮޑެތި މީހުން ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމެވެ.

އަދި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު ކުދިންނާއި ހިއްސާކޮށް، ކުދިންނަށް ވާނުވާ އޮޅުންފިލުވައިދިނުމަކީ ވެސް އެކުދިން ނަފްސާނީގޮތުން ދުޅަހެޔޮކޮށް ބޭތިއްބުމަށް ކުރެވިދާނޭ ކަންކަމެވެ.


މައުލޫމާތު ނެގިފައިވަނީ އާރކް ޖަމިއްޔާ އަދި ޔުނިސެފްގެ ލިޔުންތަކުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ