އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 18/04/2020

ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ އަމިއްލައަށް ފަރުވާ ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރޭ

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބައްޔަށް ޕޮޒޓިވްވާ މީހުން އަވަހަށް ދެނެގަނެވި އެމީހުން އެކަހެރިކޮށް ފަރުވާ ދިނުން މުހިންމެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 18/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ އިން ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕެރެޑްއެއް އުޅޭކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންކަމުން މިވަގުތު ބަލީގެ ނުރައްކާ މުޖުތަމައުގެ އެންމެންނަށްވެސް އެބައޮތެވެ.

ކޮމިއުނިޓީ ސްޕްރެޑް ޔަގީންވުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ވަނީ ގެނެވިފައެވެ. މީގެ އިތުރުން ސަރުކާރުން ހުކުރު ދުވަހު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަރާ ފޭބުން މަނާކޮށްފައެވެ.

މިފަދަ ހާލަތެއްގައި ކަމާބެހޭ ފަރާތްތަކަށް ދެނެގަނެވިފައި ނުވާ ކޭސްތައް މުޖުތަމައު ތެރޭ ހުރުމަކީ ގާތް ކަމެކެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިވަގުތު މާލެ ސަރަހައްދުގައި 100 އެއްހާ ކޭސް ހުރުން އެކަށީގެންވާ ކަމަށެވެ.

ސާސް-ކޮވް-2 އެއްގެ ނަމުން ނަންދެވިފައިވާ މިނުރައްކާތެރި ވައިރަސްއަކީ ބަލިމީހާގެ ކިބައިން އަލާމާތްތައް ފެނުމުގެ ކުރިންވެސް އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ އެއްޗެކެވެ. އެހެންކަމުން ގިނަބަޔަކަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބަލި ޖެހުން އެކަށީގެންވެއެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ މުޖުތަމައު ތެރޭ ގައިދުރު ކުރުން އިތުރުކޮށް ގޭގައި ތިބުންކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ދެވަނަ ކަމަކަށް މިބޭފުޅުން ވިދާޅުވަނީ ބައްޔަށް ޕޮޒޓިވްވާ މީހުން އަވަހަށް ދެނެގަނެވި އެމީހުން އެކަހެރިކޮށް ފަރުވާ ދިނުމެވެ.

މިކަމަށް އަލި އަޅުވާލާ ޑރ. މުހައްމަދު ވިޝާމް ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރެއިން ގަދައަށް ހުން އައުން، ކެއްސުން އަދި އަރިދަފުސް ރޯގާއަށް އަމިއްލައަށް ފަރުވާ ކުރުމުގެ ބަދަލުގައި ގޭގައި މަޑުކޮށް ކަމާބެހޭ ފަރާތްތަކަށް އެންގުން މިވަގުތު ބުއްދިވެރިކަމަށެވެ. އަދި އެބޭފުޅުންގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ދިޔުމަށް ޑރ. ވިޝާމް ގޮވާލެއްވިއެވެ.

މިހެން ކަންތައް ކުރަންވީ ކީއްވެގެންކަން ތަފްސީލް ކޮށްދެއްވަމުން ޑރ. ވިޝާމް ވިދާޅުވީ ޕެރަސެޓަމޯލް، ކޯފް ސިރަޕް، އަލެގްރާ އަދި ސިޓްރިޒިން ފަދަ ބޭސް ބޭނުންކޮށްގެން އަމިއްލައަށް ފަރުވާ ކުރުމުގެ ސަބަބުން ކޮވިޑް-19 ގެ ކޭސްއެއް ދެނެގަނެވުމަށް ލަސްތަކެއްވުން އެކަށީގެންވާތީ ކަމަށެވެ. އަދި މިހެންވެއްޖެނަމަ އަނެކުންނަށް ނުރައްކާ ބޮޑުވެ، ލަސްވާ ވަރަކަށް ފަރުވާ ދިނުމުށް އުނދަގޫވާނެކަމަށް ޑރ. ވިޝާމް ވިދާޅުވިއެވެ.

މީގެ މާނައަކީ މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ޔަގީންވުމެއް ނޫނެވެ. ނަމަވެސް މުޖުތަމައު ތެރޭ ބަލިފެތުރިފައި އޮތް މިދަނޑިވަޅުގައި އަލާމާތެއް ފެނިއްޖެނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުމަކީ އެންމެންގެ ސަލާމަތަށްޓަކައި މުހިންމު ކަމެކެވެ. 

ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެޗްޕީއޭގެ ހޮޓްލައިން 1676 އަކަށް ގުޅާށެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ